ENGLISH
09 މޭ 2025
ދިވެހިރާއްޖެއިން ބޭރުކުރި މަހުގެ ބާވަތްތައް 51.5 އިންސައްތަ އިތުރުވެއްޖެ
09 މޭ 2025
|
މަސްވެރިން ކަޅުބިލަމަސް ބޭނުމުގައި ހަރަކާތްތެރިވަނީ-ފޮޓޯ: މަސްވެރިކަމާ ބެހޭ ވުޒާރާ
ދިވެހިރާއްޖެއިން މިއަހަރުގެ މިހާތަނަށް ބޭރުކުރި މަހުގެ ބާވަތްތައް ބޮޑުތަނުން އިތުރުވެއް ޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ރާއްޖެއިން ބޭރުކުރި މަހުގެ ބާވަތްތައް ވަނީ، ނިމިދިޔަ 2024 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހާ އަޅާބަލާއިރު 51.5 އިންސައްތަ އިތުރުވެފައެވެ.
މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު 21,599.4 މެޓްރިކް ޓަނުގެ މަހުގެ ބާވަތްތައް ރާއްޖެއިން ބޭރުކޮށްފައި ވެއެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ބޭރުކުރި 14,259.9 މެޓްރިކް ޓަނުގެ މަހުގެ ބަވާތްތަކާ އަޅާކިޔާއިރު މިއީ 7،339.5 މެޓްރިކް ޓަނު އިތުރުވުމެކެވެ.
މިއަހަރުގެ ޖެނުއަރީ މަހު 5.710.9 މެޓްރިކް ޓަނުގެ މަހާއި މަހުގެ އުފެއްދުންތައް ރާއްޖެއިން ބޭރުކޮށްފައިވާއިރު ފެބްރުއަރީ މަހު 8,511.6 މެޓްރިކް ޓަނުގެ މަހާއި މަހުގެ އުފެއްދުންތައް ބޭރުކޮށްފައިވެއެވެ. އަދި މިއަހަރުގެ މާރޗް މަހު 7,376.9 މެޓްރިކް ޓަނުގެ މަހާއި މަހުގެ އުފެއްދުންތައް ބޭރުކޮށްފައި ވެއެވެ.
2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން ބޭރުކޮށްފައިވަނީ 4,475.4 މެޓްރިކް ޓަނުގެ މަހާއި މަހުގެ އުފެއްދުންތަކެވެ. އަދި، ފެބްރުއަރީމަހު 6,024.4 މެޓްރިކް ޓަނުގެ މަހާއި މަހުގެ އުފެއްދުންތައް ބޭރުކޮށްފައިވާއިރު މާރޗްމަހު 3,760.2 މެޓްރިކް ޓަނުގެ މަހާއި މަހުގެ އުފެއްދުންތައް ބޭރުކޮށްފައި ވެއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހު ރާއްޖެއިން އެންމެ ގިނައިން މަސް ބޭރުކޮށްފައިވަނީ ގަނޑުކުރި ތާޒާ މަހުގެ ގޮތުގައެވެ. އެގޮތުން 19,674.4 މެޓްރިކް ޓަނުގެ ގަނޑުކުރި ރޯ މަސް ބޭރުކޮށްފައިވެއެވެ. މި މުއްދަތުގައި އެންމެ ގިނައިން ގަނޑުކުރި މަހުގެ ގޮތުގައި ބޭރުކޮށްފައިވަނީ ކަޅުބިލަމަހެވެ. އެއީ 16,323.4 މެޓްރިކް ޓަނުގެ މަހެވެ. އަދި މި މުއްދަތުގައި 3,250.1 މެޓްރިކް ޓަނުގެ ގަނޑުކުރި ތާޒާ ރީނދޫ އުރަހަކަންނެލި ބޭރުކޮށްފައި ވެއެވެ. އަދި 101 މެޓްރިކް ޓަނުގެ އެހެން ބާވަތްތަކުގެ ގަނޑުކުރި ތާޒާ ކަނޑުމަސް ވެސް މި މުއްދަތުގައި ބޭރުކޮށްފައި ވެއެވެ.
ފާއިތުވި އަހަރުގެ ޑިސެންބަރު މަހުން ފެށިގެން 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަން ފެށިފަހުން މަހާއި މަހުގެ އުފެއްދުންތައް ރާއްޖެއިން ބޭރުކުރާ މިންވަރު އިތުރުވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
މަސްވެރިންނަށް ބަރާބަރަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރަށް މަސްވެރިކަމުގެ ސިނާއަތުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ރައީސްގެ މެނިފެސްޓޯގައިވާ ގޮތުގެ މަތިން މަަސް ރައްކާކުރާ މިންވަރާއި މަސް ޕްރޮސެސްކޮށް ބަންދުކުރާ މިންވަރު އިތުރުކުރުމުގެ މަަސައްކަތް ސަރުކާރުންވަނީ ފަށާފައެވެ.
އެގޮތުން މިފްކޯގެ އުމްރާނީ ވަސީލަތް އިތުރުކުރުމަށް ފަށާފައިވާ މަޝްރޫއު ނިމޭއިރު މިހާރަށްވުރެ އެތައް ގުނައެއް އިތުރަށް މަސް ރައްކާކޮށް، ދަޅުގައި އަދި ޕައުޗުގައި މަސް ބަންދުކޮށް ރާއްޖެއިން ބޭރުކުރުމުގެ ގާބިލުކަން އެ ކުންފުނީގައި ހުންނާނެކަމަށް ސަރުކާރުން ބުނެއެވެ.