ENGLISH

23 ޖުލައި 2026

Advertisement

ފްރާންސްގެ ކޯޗު އިއުލާންކުރުން މި މަހު 28 ގައި، މަގާމާ ހަވާލުވާނީ ޒިދާން

23 ޖުލައި 2026

|

އިސްމާއިލް ޝާހު

ފްރާންސްގެ ލެޖެންޑް ޒައިނުއްދީން ޒިދާން --- ފޮޓޯ: ގެޓީ

ފްރާންސްގެ ޤައުމީ ޓީމަށް އައްޔަންކުރާ އައު ކޯޗު މި މަހުގެ 28 ވަނަ ދުވަހު އިއުލާންކުރާއިރު، އެ މަގާމާ ހަވާލުވާނީ އެ ޤައުމުގެ ލެޖެންޑް ޒައިނުއްދީން ޒިދާން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ފްރާންސްގެ ޤައުމީ ޓީމުގެ ކޯޗުގެ މަގާމުގައި 14 އަހަރު ހޭދަކުރުމަށްފަހު، ޑިޑިއޭ ޑެޝޯމްޕްސް ވަނީ އެ މަގާމުން ވަކިވެފައެވެ. އޭނާގެ އިރުޝާދުގެ ދަށުން ފްރާންސުން ވަނީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށް، 2016 ގެ ޔޫރޯ އާއި 2022 ގެ ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރުކޮށްފައެވެ. އަދި 2024 ގެ ޔޫރޯ އާއި މި އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލާ ހަމައަށް ޓީމު ގެންގޮސްދީފައިވެއެވެ.

ޖުމްލަ 185 މެޗުގައި އިރުޝާދުދީ، 120 މެޗުން މޮޅުވެފައިވާ ޑެޝޯމްޕްސް ބެލެވެނީ ފްރާންސް ފުޓްބޯޅަ ތާރީޚުގައި އެންމެ ކާމިޔާބު އެއް ކޯޗުގެ ގޮތުގައެވެ. ނަމަވެސް ޔޫރޯގެ ސެމީ ފައިނަލުގައި ސްޕެއިން އަތުން ބަލިވުމާއި، މި ފަހަރުގެ ވޯލްޑް ކަޕުގެ ތިންވަނަ ހޮވި މެޗުގައި 6-4 ގެ ނަތީޖާއަކުން އިންގްލެންޑް އަތުން ބަލިވުމަކީ އޭނާގެ ކޯޗުކަމުގެ ދައުރު ނިމުމަކަށް އައި ސަބަބެވެ.

ފްރާންސްގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، މި މަހުގެ 28 ގައި އިއުލާންކުރާ އައު ކޯޗަކީ ޒިދާނެވެ. ރެއާލް މެޑްރިޑަށް ކޯޗުކޮށްދިނުމަށްފަހު 2021 ވަނަ އަހަރުން ފެށިގެން އޭނާ ހުރީ އެއްވެސް ޓީމަކާ ހަވާލުނުވެއެވެ. އެކަމަކު ރެއާލް މެޑްރިޑާއެކު ހޯދާފައިވާ ސްޕެނިޝް ލީގުގެ ދެ ތައްޓާއި، ޖެހިޖެހިގެން ތިން ފަހަރު ހޯދި ޔުއެފާ ޗެމްޕިއަންސް ލީގުގެ ކާމިޔާބީއަކީ އޭނާގެ ފެންވަރު ސާބިތުކޮށްދޭ ހެކިތަކެވެ. ތަރިން ގިނަ ޓީމެއް ބެލެހެއްޓުމުގެ ހުނަރާއި އޭނާގެ މޮޅު ޓެކްޓިކަލް ވިސްނުމުގެ ސަބަބުން، ފްރާންސް ޓީމަށް އައު ރޫހެއް ގެނައުމަށް އެންމެ އެކަށީގެންވާ ކެންޑިޑޭޓަކީ ޒިދާން ކަމަށް ބެލެވެއެވެ.

ފްރާންސްގެ އައު ކޯޗަށް އޮތް ވަގުތު ކުޑައެވެ. އެގޮތުން ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހު ޔުއެފާ ނޭޝަންސް ލީގުގައި ތުރުކީ، އިޓަލީ އަދި ބެލްޖިއަމާ ދެކޮޅަށް ފްރާންސް ނުކުންނަން ޖެހޭނެއެވެ. ޒިދާންގެ އައްޔަންކުރުން ކަށަވަރުވެއްޖެނަމަ، ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓީމުގެ ގޮތުގައި އޮތް ފްރާންސް ޓީމުގައި އޭނާގެ އަމިއްލަ ފަލްސަފާ ވަރަށް އަވަހަށް އަށަގަންނުވަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު