ENGLISH
23 ޖުލައި 2026
މާޒިޔާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ހަމްޕު ވިކްޓަރީއަށް
23 ޖުލައި 2026
|
މާޒިޔާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ޤައުމީ ފުޓްބޯޅަ ޓީމުގެ ތަރި ހަމްޒާ މުޙައްމަދު (ހަމްޕު) --- ފޮޓޯ: އެފްއޭއެމް
އެންމެ މަޤްބޫލު
ފާއިތުވި 7 އަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ޤައުމީ ފުޓްބޯޅަ ޓީމުގެ ތަރި ހަމްޒާ މުޙައްމަދު (ހަމްޕު)، ވިކްޓަރީ ސްޕޯޓްސް ކުލަބާ ގުޅިއްޖެއެވެ. އުމުރުން 31 އަހަރުގެ ހަމްޕު ވަނީ ވިކްޓަރީއާ ގުޅުނުކަން ސޯޝަލް މީޑިއާ މެދުވެރިކޮށް މިއަދު އިއުލާންކޮށްފައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ހަމްޕު ބުނީ، "ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ވިކްޓަރީ ސްޕޯޓްސް ކުލަބަށް ކުޅުމަށް ސޮއިކޮށްފިކަން އުފަލާއެކު ހާމަކުރަން. މިއީ އަހަރެންގެ ފުޓްބޯޅަ ކެރިއަރުގައި ގުޅުނު ތިންވަނަ ކުލަބު. އުއްމީދަކީ ވިކްޓަރީ ސްޕޯޓްސް ކުލަބާއެކު އިތުރު ކާމިޔާބީތައް ހޯދައި، ޓީމަށް އެންމެ ފުރިހަމަ އެއްބާރުލުން ދިނުން."
ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޔޫތު ޓީމުން 2014 ވަނަ އަހަރު ވިދާލި ހަމްޕު ވަނީ ނިއު ރޭޑިއަންޓުގެ ސީނިއަރ ޓީމުގައި ފަސް އަހަރު ހޭދަކޮށް، އެ ޓީމާއެކު ދިވެހި ޕްރިމިއަރ ލީގު ތިން ފަހަރު، މާލޭ ލީގު، އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއިން ހޮވި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ހަމްޕު، މާޒިޔާއަށް ސޮއިކުރީ 2019 ވަނަ އަހަރެވެ. އެ ޓީމާއެކު އޭނާ ވަނީ ދިވެހި ޕްރިމިއަރ ލީގު ފަސް ފަހަރު، އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން ހަމްޕު އަކީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއި، މިދިޔަ އަހަރު ސައުތު އޭޝިއަން ސުޕަ ކަޕުގެ ޗެމްޕިއަންކަން ހޯދި ޤައުމީ ފުޓްބޯޅަ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. އެކަމަކު ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން މި ފަހުން ހަމްޕު އޮޕަރޭޝަނެއް ކުރުމާއެކު، މިއަހަރުގެ ނޮވެމްބަރު މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކުޅުމުގެ ފުރުސަތު އޭނާއަށް ގެއްލޭނެއެވެ. އަދި ކުރިއަށް އޮތް ސީޒަނުގެ ބޮޑު ބައެއްގައި އޭނާއަށް ނުކުޅެވޭނެއެވެ.