ENGLISH
23 ޖުލައި 2026
ތުލުސްދޫ "އިސްރަށްވެހިންގެ ހިޔާވަހި" މަޝްރޫޢު އެމްޓީސީސީއަށް
23 ޖުލައި 2026
|
ތުލުސްދޫ އިސްރަށްވެހިންގެ ހިޔާވަހި ގާއިމްކުރުގެ މަޝްރޫއުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ސޯޝަލް އެންޑް ފެމިލީ ޑެވެލޮޕްމަންޓް
އެންމެ މަޤްބޫލު
ކ.ތުލުސްދޫގައި "އިސްރަށްވެހިންގެ ހިޔާވަހި" މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، ފަހުމުނާމާ އެއްގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި، މި ފަހުމުނާމާގައި ސޯޝަލް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް އިސްމާއީލެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.
ރާއްޖޭގެ ތިން ސަރަހައްދެއްގައި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ، އޯގާތެރިކަމާއެކު ބަލަހައްޓައިދޭނެ "އޭޖްޑް ކެއަރ ސެންޓަރު" ތަކެއް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މި މަޝްރޫޢުގެ ދަށުން ގާއިމުކުރާ މި މަރުކަޒަކީ ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ފަރުވާ އާއި އިޖުތިމާޢީ ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމެވެ.
ކ. ތުލުސްދޫގައި ކުރިޔަށްގެންދާ މި މަޝްރޫޢު އެމް.ޓީ.ސީ.ސީއަށް އެވޯޑްކޮށް، ފަހުމުނާމާގައި ސޮއިކޮށްފައިވާއިރު، ށ.ފުނަދޫގައި ގާއިމުކުރާ "އިސްރަށްވެހިންގެ ހިޔާވަހި" މަޝްރޫޢު ވެސް ވަނީ އެމްޓީސީސީއާ ހަވާކޮށްފައެވެ. އަދި އައްޑޫ ސިޓީ ފޭދޫގައި ގާއިމުކުރާ "އޭޖްޑް ކެއަރ ސެންޓަރު" (ދެކުނުގެ މަރުކަޒު) ގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ލިޓަސް އޮޓޯމޮބައިލްސްއާ ހަވާލުކޮށްފައިވެއެވެ.
މި މަރުކަޒުން އިސްރަށްވެހިންގެ ތެރެއިން އިޖުތިމާޢީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރެވިގެން ދިއުމާއެކު، އެ ފަރާތްތަކަށް ޞިއްޙީ ފަރުވާއާއި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ސިއްހަތާއި އާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާއިން މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
ސަރުކާރުގެ އަމާޒަކީ އިސްރަށްވެހިންނަކީ މުޖުތަމައުގެ މުހިންމު ބައެއްގެ ގޮތުގައި ބަލައިގަނެ، އެއްވެސް ފަރުދަކު ބާކީނުވާނެހެން، އެބޭފުޅުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކުރުމެވެ.