ENGLISH

23 ޖުލައި 2026

Advertisement

އޭޝިއަން ކަޕަށްފަހު މޮރިޔާސޫގެ ބަދަލުގައި ޖަޕާނުގެ ކޯޗުކަމާ ހަވާލުވާނީ އޮއިވާ

23 ޖުލައި 2026

|

އިސްމާއިލް ޝާހު

މިފަހަރުގެ ވޯލްޑް ކަޕުގެ ތެރެއިން ޖަޕާންގެ ޤައުމީ ޓީމުގެ ކޯޗު ހަޖިމޭ މޮރިޔާސޫ --- ފޮޓޯ: ރޮއިޓަރސް

އަންނަ އަހަރު ބާއްވާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތާ ހަމައަށް ޖަޕާނުގެ ޤައުމީ ޓީމުގެ ކޯޗުގެ މަގާމުގައި ހަޖިމޭ މޮރިޔާސޫ ދެމިހުންނާނެ ކަމަށާއި، އެ މުބާރާތަށްފަހު އެ މަގާމާ ހަވާލުވާނީ މިހާރު 21 އަހަރުން ދަށުގެ ޓީމުގެ ކޯޗު ގޯ އޮއިވާ ކަމަށް ޖަޕާނުގެ ފުޓްބޯޅަ އެސޯސިއޭޝަން (ޖޭއެފްއޭ) އިން މިއަދު ހާމަކޮށްފިއެވެ.

2018 ވަނަ އަހަރުން ފެށިގެން ޖަޕާނުގެ ކޯޗުކަން ކުރަމުން އަންނަ މޮރިޔާސޫގެ އިރުޝާދުގެ ދަށުން، މި ފަހުން ނިމުނު ފީފާ ވޯލްޑް ކަޕް 2026 ގެ ދެވަނަ ބުރަށް ޖަޕާން ދަތުރުކުރިއެވެ. ނަމަވެސް އިތުރު ވަގުތުގެ ތެރޭގައި ބްރެޒިލް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވުމާ ގުޅިގެން ޖަޕާން ވަނީ މުބާރާތުން ކަޓާފައެވެ.

ޖޭއެފްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 7 އިން ފެށިހެން ފެބްރުވަރީ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އޮންނަ އޭޝިއާގެ ބައްރުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ނިމުމުން، ސީނިއަރ ޓީމުގެ ކޯޗުކަމާ އޮއިވާ ހަވާލުވާނެ ކަމަށެވެ. އަދި 2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް އަމާޒު ހިފައިގެން ޖަޕާނުގެ ޤައުމީ ޓީމު ގޮވައިގެން ކުރިއަށްދާނީ އޮއިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޖަޕާނުގެ ޒުވާން ޓީމުގެ ކޯޗު ގޯ އޮއިވާ --- ފޮޓޯ: އޭއެފްސީ

ޖަޕާނުގެ ޤައުމީ ޓީމަށް ކުރިން ކުޅެފައިވާ، އުމުރުން 54 އަހަރުގެ އޮއިވާ، ސީނިއަރ ޓީމުގެ ކޯޗުކަމާ ހަވާލުވުމުގެ އިތުރުން، 2028 ވަނަ އަހަރުގެ ލޮސް އެންޖެލިސް އޮލިމްޕިކްސްއަށް ތައްޔާރުވަމުންދާ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަމުގައިވެސް ދެމިހުންނާނެ ކަމަށް ޖޭއެފްއޭއިން މައުލޫމާތުދެއެވެ.

މޮރިޔާސޫގެ އިރުޝާދުގެ ދަށުން 2019 ވަނަ އަހަރުގެ އޭޝިއަން ކަޕުގެ ފައިނަލަށް ޖަޕާން ދަތުރުކުރި ނަމަވެސް، ގަތަރު އަތުން ބަލިވެ އެ ފަހަރު ޖެހުނީ ދެވަނައިން ފުއްދާލާށެވެ. އަދި ހަތަރު ފަހަރު މުބާރާތުގެ ތަށި ހޯދާފައިވާ ޖަޕާން، 2023 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ކެޓީ އީރާން އަތުން ބަލިވުމުންނެވެ.

ކުރިއަށް އޮތް އޭޝިއަން ކަޕުގެ ގްރޫޕް އެފްގައި ޖަޕާން ކުޅޭ ފުރަތަމަ މެޗުގައި ޖެނުއަރީ 11 ވަނަ ދުވަހު ނުކުންނާނީ އިންޑޮނޭޝިއާއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު