ENGLISH
23 ޖުލައި 2026
ބަލޮގަންގެ ސަސްޕެންޝަން މައްސަލައިގައި ނޯވޭއިން ޝަކުވާ ހުށަހަޅަނީ
23 ޖުލައި 2026
|
އެމެރިކާގެ ފޮވާޑް ފޮލަރިން ބަލޮގަން --- ފޮޓޯ: ގެޓީ
އެންމެ މަޤްބޫލު
އެމެރިކާގެ ފޮވާޑް ފޮލަރިން ބަލޮގަންގެ އެއް މެޗުގެ ސަސްޕެންޝަން ފަސްކުރުމަށް ފީފާއިން ނިންމި ނިންމުމާ ގުޅިގެން، އެ އިދާރާގެ އެތިކްސް ކޮމިޓީއަށް ރަސްމީ މައްސަލައެއް ހުށަހެޅުމަށް ނޯވޭގެ ފުޓްބޯޅަ ފެޑެރޭޝަނުން ތައްޔާރުވަމުންދާ ކަމަށް ބުނެފިއެވެ.
ފީފާ ވޯލްޑް ކަޕް 2026 ގެ ދެވަނަ ބުރުގައި ބޮސްނިއާ އަތުން 2-0 ގެ ނަތީޖާއަކުން އެމެރިކާ މޮޅުވި މެޗުގައި ބަލޮގަންއަށް ދެއްކި ސީދާ ރަތް ކާޑާ ގުޅިގެން، ގަދަ 16 ގައި ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ސަސްޕެންޑުވާނެ ކަމަށް ބެލެވުނެވެ. އެކަމަކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިކަމުގެ ތެރެއަށް ވަދެވަޑައިގަތުމާއެކު، އަދަބު ސަސްޕެންޑް ކުރެވޭނެ އުސޫލެއްގެ ދަށުން ބަލޮގަންގެ ސަސްޕެންޝަން އެއް އަހަރަށް ފަސްކުރެވުނެވެ. މި ނިންމުމުގެ އެއްވެސް އިތުރު ތަފުސީލެއް ފީފާއިން ހާމަކޮށްފައެއް ނުވެއެވެ. އެއާއެކު ގަދަ 16 ގެ މެޗުގައި ބަލޮގަން ކުޅުނު ނަމަވެސް، ބެލްޖިއަމް އަތުން އެމެރިކާ ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ.
ބީބީސީއަށް ދިން އިންޓަވިއުއެއްގައި ނޯވޭގެ ފުޓްބޯޅަ ފެޑެރޭޝަނު ރައީސް ލައިސާ ކްލެވެނެސް ވިދާޅުވީ މި މައްސަލައިގައި ފެޑެރޭޝަނުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި، ރަސްމީކޮށް މައްސަލަ ހުށަހެޅުމާ މެދު ގޮތެއް ނިންމާނީ ކުރިއަށް އޮތް ބޯޑު ބައްދަލުވުމުގައި ކަމަށެވެ. މީގެ އިތުރުން ފީފާގެ ފުރަތަމަ ސުލްހައިގެ އިނާމު ރައީސް ޓްރަމްޕަށް އެރުވުމާ ގުޅިގެންވެސް ނޯވޭގެ ފެޑެރޭޝަނުން ވަނީ މައްސަލަ ހުށަހަޅާފައެވެ.
ކްލެވެނެސް އިތުރަށް ވިދާޅުވީ ވޮޝިންޓަނުގައި ބޭއްވި ގުރުއަތުލުމުގެ ރަސްމިއްޔާތުގައި ދިން ސުލްހައިގެ އެވޯޑާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައިގެ ތެރޭގައި ބަލޮގަންގެ މައްސަލަ ހިމެނުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމަށެވެ.
މި މައްސަލައިގެ ތެރެއިން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ މައްސަލަ ތަހުގީގުކޮށްފާނެ ކަމުގެ ރިޕޯޓުތަކެއްވެސް ވަނީ ފެންމަތިވެފައެވެ. 2020 އިން ފެށިގެން އައިއޯސީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އިންފަންޓީނޯ، އޮލިމްޕިކް ޗާޓަރާ ޚިލާފުވެފައިވާ ކަމަށް ތުހުމަތުކުރެވެއެވެ. އެ ޗާޓަރުގައިވާ ގޮތުން އައިއޯސީގެ މެންބަރުން ސަރުކާރުތަކުގެ ނުވަތަ އެހެން ފަރާތްތަކުގެ ނުފޫޒުގެ ދަށުން އަމަލުކޮށްގެން ނުވާނެއެވެ.
އައިއޯސީން ބުނެފައިވަނީ އެތިކްސް ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކަކީ ސިއްރު މައްސަލަތަކެއް ކަމަށާއި، އެފަދަ މައްސަލައެއް ހުށަހެޅިފައިވޭތޯ ހާމަނުކުރާނެ ކަމަށެވެ. ކޮމިޝަނުން ފިޔަވަޅެއް އަޅަން ނިންމައިފިނަމަ އެކަން އާންމުކުރާނެ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
ބަލޮގަންގެ މައްސަލައިގައި ޓްރަމްޕާއި އިންފަންޓީނޯ ފޯނުން ވާހަކަދެއްކެވުމަށްފަހު، ޓްރަމްޕް ވަނީ ފީފާގެ ނިންމުމަށް ތާރީފުކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ އެދިވަޑައިގަތީ އެ މައްސަލަ އަލުން މުރާޖާކޮށްދިނުމަށެވެ. ސަބަބަކީ އެއީ ފައުލެއް ކަމަށް އޭނާ ގަބޫލުނުކުރައްވާތީއެވެ. ނަމަވެސް އިންފަންޓީނޯއަށް ވަކި ގޮތަކަށް އަމަލުކުރަން އަމުރު ނުކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ބެލްޖިއަމްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މިކަމާ މެދު ނުރުހުން ފާޅުކޮށް، ފުޓްބޯޅައިގެ އަސާސްތަކާއި އިންސާފުވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ. އެކަމަކު ފީފާއިން ވަނީ ބެލްޖިއަމްގެ ޝަކުވާތައް ބަލައިނުގަނެ، އެއީ އިސްތިއުނާފު ކުރެވޭނެ މައްސަލައެއް ނޫން ކަމަށް ނިންމާފައެވެ. ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން މި ނިންމުން ސިފަކުރީ އިންސާފެއް ނެތް، އަދި ދުވަހަކުވެސް ފެނިފައިނުވާ ފަދަ ދަށު ދަރަޖައިގެ ނިންމުމެއްގެ ގޮތުގައެވެ.