ENGLISH

23 ޖުލައި 2026

Advertisement

އުމްރާވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

23 ޖުލައި 2026

|

ޢަލީ ޝަހީމް

އުމްރާވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނުގެ ތެރެއިން. ފޮޓޯ: އެމްއޭސީއެލް

ޖުލައި މަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) މެދުވެރިކޮށް ފުރި އުމްރާވެރިންނަށް ލުއިފަސޭހަ އަދި އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގި ޚާއްޞަ އޮޕަރޭޝަން މިއަދު ފަހު ޢުމްރާ ގްރޫޕް ފުރުމާއެކު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މަހު ރާއްޖެއިން 5,565 އަށްވުރެ ގިނަ ޢުމްރާވެރިން ފުރާފައިވާއިރު، މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ އެމްއޭސީއެލްގެ ޕެސެންޖަރ ސާވިސަސް، ޓާމިނަލް ސާވިސަސް އަދި އެސްޓޭޓް ސެކިއުރިޓީ ސާވިސަސް ގުޅިގެންނެވެ.

މި އޮޕަރޭޝަންގެ ދަށުން އެޅުނު މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، 100 އަށްވުރެ ގިނަ މީހުން ހިމެނޭ ގްރޫޕްތަކަށް ފުރުމުގެ އެއް ދުވަސް ކުރިން ޕްރީ-ޗެކިން ހެދުމުގެ ފުރުސަތު ހުޅުވާލުމާއި، މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ޕާސްޕޯޓްތަކުގެ އެޑްވާންސް ކްލިއަރެންސް ހެދުމުގެ އިންތިޒާމު ހަމަޖެއްސުން ހިމެނޭކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ. 

އެމްއޭސީއެލްއިން އުމްރާވެރިންނަށް އެއާޕޯޓުގައި އެހީތެރިކަން ފޯރުކޮށްދެނީ. މި މަސައްކަތް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައި. ފޮޓޯ: އެމްއޭސީއެލް

ޢުމްރާވެރިން އެއަރޕޯޓަށް ދިއުމުން ޓާމިނަލަށް ވަންނަން ޚާއްޞަ ދޮރެއް ކަނޑައަޅައި، އިމިގްރޭޝަން އަދި ސެކިއުރިޓީ ސްކްރީނިން އަވަސްކުރުމަށް ވަކި ކައުންޓަރުތަކާއި އެކްސް-ރޭ މެޝިންތައް ވެސް ބޭނުންކޮށްފައިވެއެވެ. މީގެ އިތުރުން އެއަރޕޯޓުގެ ބޭރުގެ ސަރަޙައްދު ތަރުތީބުކޮށް، ޓެކްސީ ކިއުތަކާއި އުޅަނދުފަހަރުގެ ދަތުރުފަތުރުގެ އިންތިޒާމުތައްވެސް އެސްޓޭޓް ސެކިއުރިޓީން ވަނީ އަމާންކަމާއެކު ބަލަހައްޓައިފައެވެ. 

މި ޚާއްޞަ އިންތިޒާމުތަކުގެ ސަބަބުން އެއްވެސް ބޮޑު ބުރޫއެރުމެއްނެތި، ޢުމްރާވެރިންނަށް ޗެކިން، އިމިގްރޭޝަން، ސެކިއުރިޓީ އަދި ބޯޑިން މަރުޙަލާތައް އަވަހަށް ނިންމާލެވުނުކަން އެމްއޭސީއެލްއިން ފާހަގަކުރެއެވެ.

ކުންފުނީގެ މައިގަނޑު މަޤްޞަދަކީ މިފަދަ ބާރުބޮޑު ދުވަސްވަރުގައިވެސް ހުރިހާ ފަސިންޖަރުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށްވާއިރު، މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމުމަށް އެހީތެރިވެދިން މޯލްޑިވްސް އިމިގްރޭޝަނާއި، އެއަރލައިންތަކާއި، ޓްރެވެލް އެޖެންސީތަކުގެ އިތުރުން އެންމެހައި މުއައްސަސާތަކަށް އެމްއޭސީއެލްއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު