ENGLISH

23 ޖުލައި 2026

Advertisement

ފައިނަލަށްފަހު ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އާޖެންޓީނާގެ އެސިސްޓަންޓް ކޯޗު މާފަށް އެދިއްޖެ

23 ޖުލައި 2026

|

އިސްމާއިލް ޝާހު

ފައިނަލް މެޗަށްފަހު ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން އާޖެންޓީނާގެ އެސިސްޓަންޓް ކޯޗު ރޮބާޓޯ އަޔާލާ އާއި ސްޕެއިންގެ އެރިކް ގާސިއާ --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗަށްފަހު ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ފީފާއިން މައްސަލަ ބަލަމުންދަނިކޮށް، އާޖެންޓީނާގެ އެސިސްޓަންޓް ކޯޗު ރޮބާޓޯ އަޔާލާ، ސްޕެއިންގެ މިޑްފީލްޑަރު ޑެނީ އޮލްމޯއާ ދެމެދު ހިނގި ކުރިމަތިލުމަށް މިއަދު މާފަށް އެދިއްޖެއެވެ.

ސްޕެއިން 1-0 ގެ ނަތީޖާއަކުން މޮޅުވި އެ މެޗުގެ ފަހު ކަށިގަނޑާއެކު ދަނޑުމަތީގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި، އަޔާލާ އޮލްމޯއާ ކުރިމަތިލާ މަންޒަރު ޓީވީ ފުޓޭޖުތަކުން ވަނީ ފެނިފައެވެ. މި ހާދިސާއާ ގުޅިގެން ފީފާއިން މިހާރު ވަނީ އަދަބީ ފިޔަވަޅު އެޅުމުގެ މަރުހަލާ ފަށާފައެވެ.

"ޝައްކެއްވެސް ނެތް ގޮތުގައި އަޅުގަނޑު މާފަށް އެދެން. އަޅުގަނޑު ހުރި މަގާމުގެ ގޮތުން، އެހެން ފަރާތަކުން އަންނަ އަމަލެއް ނުވަތަ އިހުސާސެއްގެ ސަބަބުން އަޅުގަނޑުގެ މިޒާޖާއި އަމަލުތަކަށް އެވަރުގެ ބަދަލެއް އައިސްގެން ނުވާނެ،" ވެލެންސިއާ ކެޕިޓަލް ރޭޑިއޯއަށް ދިން އިންޓަވިއުއެއްގައި އަޔާލާ ބުންޏެވެ.

އަޔާލާ އިތުރަށް ބުނީ އެއީ ހަމައެކަނި ކޮށްޕާލުމެއް ކަމަށާއި، ބައެއް ފަރާތްތަކުން ބުނާ ފަދަ ތަޅައިގަތުމެއް ނޫން ކަމަށެވެ. އަދި އެއީ އޮލްމޯ ބުނި އެއްޗަކާ ގުޅިގެން އައި ރުޅީގައި ކުރެވުނު ކަމެއް ކަމަށާއި، އޮލްމޯއާ ބައްދަލުވާ ދުވަހަކުން އަމިއްލައަށް އޭނާގެ ކިބައިން މާފަށް އެދޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

ކުރީގެ މަޝްހޫރު ޑިފެންޑަރު އަޔާލާ ބުނި ގޮތުގައި، މެޗު ނިމުމުން ކުޅުންތެރިންގެ މެދުގައި އުފެދުނު ނުތަނަވަސްކަމުގެ ތެރޭގައި އޭނާގެ އިހުސާސްތައް ކޮންޓްރޯލުން ނެއްޓުނީއެވެ. އަދި ފުރަތަމަ އޭނާ މަސައްކަތް ކުރީ ކުޅުންތެރިން ދުރުކުރުމަށް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

މި ހަމަނުޖެހުމުގައި އާޖެންޓީނާގެ ނަހުއެލް މޮލީނާ އާއި ތިއާގޯ އަލްމާޑާގެ އިތުރުން ލެއަންޑްރޯ ޕަރެޑޭސްވެސް ބައިވެރިވިއެވެ. ޕަރެޑޭސް ވަނީ ސްޕެއިންގެ އެރިކް ގާސިއާގެ ކަރުގައި ހިފާފައެވެ.

"މެޗު ނިމުމާއެކު ދަނޑު މެދުގައި ހަމަނުޖެހުން ހިނގަން ފެށުމުން އަޅުގަނޑުމެން އަވަސްވެގަތީ ކުޅުންތެރިން އެތަނުން ދުރުކުރަން. ކުރެވުނު ކަންތަކުގެ ޒިންމާ އަޅުގަނޑު އުފުލަން. ބޭނުންވީ ކުޅުންތެރިން ދުރުކުރަން ނަމަވެސް، ބައެއް ފަހަރު ކަންތައްތައް ހިނގާ ގޮތުން ލޭ ހޫނުވަނީ. އެކަމަކު އެއީ އުޒުރެއް ނޫން،" އަޔާލާ ކިޔައިދިނެވެ.

މި ހާދިސާ ތަހުގީގު ކުރުމަށް ފީފާއިން މިހާރު ވަނީ ޑިސިޕްލިނަރީ އެންޑް އެތިކްސް ޕްރޮސެކިއުޓަރެއް އައްޔަންކޮށްފައެވެ. މި މައްސަލައިގައި ބައިވެރިވި ކުޅުންތެރިންނާއި ކޯޗުންނަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އޮތްއިރު، އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަން ޖޫރިމަނާކުރުންވެސް އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު