ENGLISH
23 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިޞްރު ސަފީރު ވަދާޢީ ޒިޔާރަތް ކުރައްވައިފި
23 ޖުލައި 2026
|
ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިޞްރު ސަފީރާއި މިއަދު ބައްދަލު ކުރެއްވުމުގެ ތެރެއިން --ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
މިޞްރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ޢާދިލް އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުކުރެއްވުމެކެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވާ ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ރަޙުމަތްތެރިކަމުގެ އަގުވަޒަންކުރައްވާފައިވެއެވެ.
ޚާއްޞަކޮށް މިޞްރުގެ ސަރުކާރުން ދިވެހި ދަރިވަރުންނަށް ދެއްވާ މަތީ ތަޢުލީމުގެ ސްކޮލަރޝިޕްގެ ފުރުޞަތުތަކަށާ، މިޞްރުގެ ޞިއްޙީ ދާއިރާގެ ބޭފުޅުން ރާއްޖޭގައި ކުރައްވާ ޚިދުމަތްތަކަށްޓަކައި އެ ޤައުމުގެ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.
މީގެއިތުރުން މިޞްރާ ގުޅިގެން މަސައްކަތްކުރެއްވުމުގެ ޢަޒުމުގައި ހުންނެވިކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހާމަކުރައްވާ، ސަޤާފީ ދާއިރާއާ، ފަތުރުވެރިކަމުގެ ދާއިރާއާ، ތަޢުލީމީ ދާއިރާއާ، ސަލާމަތީ އަދި ދިފާޢީ ދާއިރާއިން ދެ ޤައުމުން އެކުގައި މަސައްކަތްކުރުންމަތީ ދެމި ތިބޭނޭކަމުގެ ޔަޤީންކަން އޮތްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ރާއްޖެ އާއި މިޞްރާ ދެމެދު އޮތް ޒަމާންވީ ރަޙުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ފަރާތުންވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.