ENGLISH
16 ޖުލައި 2026
މާލެ ޓެކްސީ އެޕް 25000 މީހުން ބޭނުންކުރޭ، މިހާތަނަށް 70،000 އަށްވުރެ ގިނަ ދަތުރު ކޮށްފި
16 ޖުލައި 2026
|
މާލެ ޓެކްސީ ލައިންގައި ބޭނުންކުރާ ކާރުތައް އަދި ޑްރައިވަރުން
އެންމެ މަޤްބޫލު
މާލެ ޓެކްސީ އެޕް ތައާރަފްކުރި ފަހުން 25000 މީހުން އެޕްލިކޭޝަން ބޭނުންކުރާ ކަމަށާއި، މިހާތަނަށް 70،000 އަށްވުރެ ގިނަ ދަތުރު ކޮށްފައިވާ ކަމަށް އެމްޓީސީސީ ޓްރާންސްޕޯޓް ޑިވިޝަންގެ ޓެކްސީލައިން ޑިޕާޓްމަންޓުގެ މެނޭޖަރ އަބްދުﷲ އިއާދު އާދަމް ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް އިކޮނަމިކް ޑިވަލަޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް އިން ގެނެސްދޭ "ޓްރޭޑް ޑެސްކް" ގެ 16 ވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން އިއާދު ވިދާޅުވީ މިހާތަނަށް 25000 އަށްވުރެ ގިނަ ކަސްޓަމަރުން އެޕްލިކޭޝަން ޑައުންލޯޑްކޮށް ބޭނުން ކުރަމުން ގެންދާ ކަމަށެވެ. އަދި ޓެކްސީގެ ހިދުމަތް ދޭން ފެށިފަހުން މިއަދާ ހިސާބަށް 70،000 އަށްވުރެ ގިނަ ދަތުރު ކިުރެވިފައިވާ ކަމަށެވެ.
ޓެކްސީ ލައިން ތައާރަފް ކުރުމާއެކު، ކުރިއަށްވުރެ މާލެއިން ޓެކްސީ ހޯދުން ފަސޭހަވެގެން ގޮސްފައިވާ ކަމަށް އިއާދު ވިދާޅުވިއެވެ. އިއާދު ވިދާޅުވީ ޑްރައިވަރުންނަކީ ތަފާތު ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަ ކުރުމަށްފަހު ދުއްވަން ނުކުމެފައި ތިބި ފަރާތްތައް ކަމަށެވެ. އެގޮތުން މާލެ ޓެކްސީގެ ޑްރައިވަރުން ވާނީ ކަސްޓަމަރ ސަރވިސް، ރޯޑް ސޭފްޓީ އަދި ފަސްޓް އެއިޑް ޓްރެއިނިންގ ފަދަ ޓްރެއިންތައް ހަދާފައިވާ ކަމަށެވެ. އަދި މިއީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި، އިތުބާރު ހިފޭ ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރެވުނު ކަމެއް ކަމަށް އިއާދު ވިދާޅުވިއެވެ.
"އެޕްލިކޭޝަން ބޭނުންކޮށްގެން ދަތުރު ބުކްކޮށްލެވޭނެ. އޭގެ އިތުރުން 1655 އަށް ގުޅައިގެން ބުކް ކުރެވޭނެ. އަޅުގަނޑުމެން އެއްވެސް ވަރަކަށް ނަގުދު ފައިސާގެ މުއާމަލާތެއް ނުކުރާނެ. އަޅުގަނޑުމެންގެ ހުރިހާ ޕޭމަންޓެއް ހުންނާނީ އޮންލައިންކޮށް. މީގެ އިތުރުން އެޕްލިކޭޝަން ވޮލެޓަށް ރިޗާޖްކޮށްގެން ވެސް ފައިސާ ދެއްކޭނެ"، އިއާދު ވިދާޅުވިއެވެ.
އިއާދު ވިދާޅުވީ މާލެ ޓެކްސީ އެޕުގައި އައު ދެ ފީޗާއެއް މިހާރު ހިމަނާފައިވާނެ ކަމަށެވެ. އެއީ އޮޓޯ ޑްރައިވަރ އެސައިންމަންޓް އަދި އިމަރޖެންސީ ބަޓަންއެވެ.
އޮޓޯ ޑްރައިވަރ އެސައިންމަންޓުގައި ކަސްޓަމަރަކު ދަތުރަށް ރިކުއެސްޓް ކޮށްލުމުން އެންމެ ކައިރީގައި އޮންނަ ކާރަށް ދަތުރު އެސައިން ވެގެންދެއެވެ. އަދި މިކަމުގެ ސަބަބުން ކާރު ހޯދަންދާ ވަގުތު ކުޑަވެގެންދާނެ ކަމަށް އިއާދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމަރޖެންސީ ބަޓަންގެ ބެނުމަކީ ކަސްޓަމަރަކަށް ކަމެއް ދިމާވެއްޖެ ނަމަ އެ ބަޓަންއަށް ފިތާލުމުން އޮޕަރޭޝަން ސްޓާފަކަށް ވަގުތުން އެލަރޓްއެއް ދާނެ ކަމަށެވެ. މިކަން އިތުުރުކުރީ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށް އިއާދު ވިދާޅުވިއެވެ.
"ކަސްޓަމަރު ބަޓަންއަށް ފިތާލާ ހިސާބުން އޮފީހުން ސްޓާފެއް ކަސްޓަމަރަށް ރީޗްވާނެ. މީގެ އިތުރުން ލައިވް ޓްރެކިންގައި ކަސްޓަމަރ އަދި ޑްރައިވަރަށް ވެސް މެސްޖް އަދި ކޯލް ކުރުމުގެ އޮޕްޝަން އެޕްގެ ތެރެއިން ލިބިގެންދާނެ. މީގެ އިތުރުން ދުރާލާ ޓެކްސީ ބުކް ކުރުމުގެ ހިދުމަތް ވެސް ވާނީ ހިމަނާފައި"، އިއާދު ވިދާޅުވިއެވެ.
އިއާދު ވިދާޅުވީ ޓެކްސީ ހިދުމަތް ދިނުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޓްރެފިކް އަދި ޕާކިންގެ މައްސަލަ ކަމަށެވެ. އާންމުކޮށް މާލޭގައި ދަތުރުކުރާއިރު ދެފަރާތުގައި ޕާކް ކޮށްފައި ހުރުމުގެ ސަބަބުން ދަތުރުކުރަން ދަތިވެ ދަތުރުުތައް ލަސްވެގެންދާ ކަމަށެވެ.
ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް 150 ކާރު ބޭނުން ކުރެއެވެ. ޓެކްސީ ލައިންގައި ބޭނުންކުރާ ކުދި ކާރުތަކަކީ މާލޭގެ ހަނިގޯޅިތަކުން ވެސް ފަސޭހައިން ދަތުރުކުރެވޭނެ ފަދަ ކާރުތަކެކެވެ. ތިން މީހުންނަށް އެރޭ މި ކާރަށް ކުދި ލަގެޖުވެސް އެރުވޭނެއެވެ. އަދި މިއީ ތިމާވެއްޓާއި ރައްޓެހި، އިލެކްޓްރިކް ވެހިކަލް ތަކެކެވެ. ތިން ސައިޒެއްގެ ކާރުތައް ޓެކްސީ ލައިންގައި ހިމެނެއެވެ.