ENGLISH
16 ޖުލައި 2026
ޖޫން މަހު ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ނަމަވެސް، ކުރު މުއްދަތުގެ ދަރަނިތައް އަދާކުރުމާ އެކު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ
16 ޖުލައި 2026
|
މަރުކަޒީ ބޭންކް އެމްއެމްއޭ - ފައިލް ފޮޓޯ: އެމްއެމްއޭ
އެންމެ މަޤްބޫލު
ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި 686.8 މިލިއަން އެމެރިކާ ޑޮލަރު އެބަހުރިކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭއިން ބުނީ މިއީ މިދިޔަ މޭ މަހާ އަޅާބަލާއިރު 18.0 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 145.6 މިލިއަން ޑޮލަރު ނުވަތަ 17.5 އިންސައްތަ ދަށް އަދަދެކެވެ.
ނަމަވެސް، ރިޒާވްގެ ޖުމްލަ އަދަދު ދަށްވި ކަމުގައި ވިޔަސް، 2026 ވަނަ އަހަރުގެ ޖޫން މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވް (ޔޫސަބަލް ރިޒާވް) ހުރީ 248.9 މިލިއަން ޑޮލަރުގައެވެ. މިއީ މިދިޔަ މޭ މަހާއި އަޅާބަލާއިރު 11.9 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. އަހަރުން އަހަރަށް ބަލާއިރު، 2025 ވަނަ އަހަރުގެ ޖޫން މަސް ނިމުނުއިރު މިއަދަދު ހުރީ 203.0 މިލިއަން ޑޮލަރުގައެވެ. މިއީ ގާތްގަނޑަކަށް 23 އިންސައްތައިގެ ކުރިއެރުމެކެވެ.
އެމްއެމްއޭ އިން ހާމަކުރި ގޮތުގައި މިއަހަރު މޭއި މަހާއި އަޅާ ބަލާއިރު ޖޫން މަހު ގްރޮސް ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާއިން ކުރެވުނު ހޭދަ އިތުރުވުމެވެ. މީގެ ތެރޭގައި، ބޭންކިން ނިޒާމާއި މުދާ އިމްޕޯޓްކުރާ ފަރާތްތަކުން ބޭރު ފައިސާއަށް އޮތް ބޮޑު ޑިމާންޑް އިތުރުވުމުގެ ސަބަބުން އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު، ކުރީ މަހާ އަޅާބަލާއިރު 43 އިންސައްތަ އިތުރުވުން ހިމެނެއެވެ.
2026 ވަނަ އަހަރުގެ މާޗް މަހު ރިޒާވް 1,331.8 މިލިއަން ޑޮލަރުގައި ހުރުމަށްފަހު، މިހާތަނަށް ވަނީ 645.0 މިލިއަން ޑޮލަރުގެ ދަށްވުމެއް އައިސްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު މިންވަރެއް މަދުވެފައިވަނީ އޭޕްރީލް މަހުއެވެ.
އެއީ 2020 ވަނަ އަހަރު ކުރީ ސަރުކާރުން ވިއްކި ސުކޫކުގެ އަސާސީ ޕޭމެންޓުގެ ގޮތުގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރު ދެއްކުމުންނެވެ. އޭޕްރީލު މަހުގައި ސުކޫކުގެ އަސާސީ ޕޭމެންޓާއި އިންޓަރެސްޓުގެ ގޮތުގައި ޖުމްލަ 524 މިލިއަން ޑޮލަރު ދައުލަތުން ދެއްކީ ރިޒާވްގައި ހުރި ފައިސާގެ އިތުރަށް ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ރައްކާކޮށްފައި ހުރި ފައިސާ ބޭނުންކޮށްގެންނެވެ. އޭގެ އިތުރަށް އިންޑިޔާގެ ރިޒާވް ބޭންކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މެދުގައި ހަދާފައިވާ ކަރަންސީ ސްވޮޕުގެ ދަށުން ދައްކަންޖެހޭ 400 މިލިއަން ޑޮލަރުވެސް ދައްކާފައިވެއެވެ. އަދި އިންޑިޔާއަށް ދައްކަންޖެހޭ އިތުރު 50 މިލިއަން ޑޮލަރުވެސް ދައްކާފައިވެއެވެ.