ENGLISH
16 ޖުލައި 2026
އޭއީއެޗްގައި އެމްބިއުލާންސް އަދި ޓްރާންސްޕޯޓް ސަރވިސް ކޮމްޕްލެކްސްއެއް ގާއިމުކުރަނީ
16 ޖުލައި 2026
|
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް
އެންމެ މަޤްބޫލު
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި އެމްބިއުލާންސް އަދި ޓްރާންސްޕޯޓް ސަރވިސް ކޮމްޕްލެކްސް އިމާރާތެއް އެޅުމަށް އެކަން ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ބުދަ ދުވަހު ކުރި އިއުލާނުގައި ބުނެފައިވަނީ، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އެދުމުގެ މަތިން، އެ ހޮސްޕިޓަލުގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން އެމްބިއުލާންސް އަދި ޓްރާންސްޕޯޓް ސަރވިސް ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އަދި އެ މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.
މި ބީލަން ކުރިއަށްގެންދާނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" އާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ "ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު" އަދި މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ " ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" އާއި އެއްގޮތަށެވެ.
މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީ.ބީ) އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (R-158/2023) އާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށާއި، މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށް އިއުލާނުގައިވެއެވެ.
މިޕްރޮޖެކްޓުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިންނެވެ. އަދި މިޕްރޮޖެކްޓުގެ ބިޑު ހުޅުވުން އޮންނާނީ 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގައެވެ.
ހޮސްޕިޓަލެއްގައި ގާއިމުކުރެވޭ އެމްބިއުލާންސް އަދި ޓްރާންސްޕޯޓް ސަރވިސް ކޮމްޕްލެކްސްއަކީ މެޑިކަލް ލޮޖިސްޓިކްސްގެ މައިގަނޑު މަރުކަޒެވެ. މީގެ މައިގަނޑު މަގްސަދަކީ ކުއްލި ހާލަތްތަކުގައި ދޭންޖެހޭ އިޖާބަތައް ރައްކާތެރިކަމާއެކު ވިލަރެސްކުރުމާއި، އެއް ސިއްހީ މަރުކަޒުން އަނެއް ސިއްހީ މަރުކަޒަށް ނުވަތަ ހޮސްޕިޓަލުން ގެއަށް ބަލިމީހުން ބަދަލުކުރުމުގެ މަސައްކަތްތައް ހިންގުމާއި، އަދި ސިއްހީ ބެލެހެއްޓުން ނުވަތަ ހާއްސަ ފަރުވާ ބޭނުންވާ ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލުމުގައި މެދުނުކެނޑި ހަމަޖެހޭ ނިޒާމެއް ކަށަވަރުކޮށްދިނުމެވެ.