ENGLISH
15 ޖުލައި 2026
ސްޕެއިނަކީ ވަރުގަދަ ޓީމެއްކަން ސާބިތުކޮށްދީފި: ޑެޝޯމްޕްސް
15 ޖުލައި 2026
|
ވޯލްޑް ކަޕުގައި ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗަށްފަހު ފްރާންސްގެ ކޯޗު ޑެޝޯމްޕްސް --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލުގައި 2-0 ގެ ނަތީޖާއަކުން ބަލިވުމާ ގުޅިގެން، ސްޕެއިނަކީ ވަރުގަދަ ޓީމެއްކަން ސާބިތުކޮށްދީފި ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.
މުބާރާތް ފެށުނުއިރު ތަށި ހޯދާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު އެއް ޓީމަކީ ފްރާންސް ނަމަވެސް، މިރޭ ކުޅުނު ސެމީގެ މުޅި މެޗުގައިވެސް ސްޕެއިން ފެނުނީ މާ ވަރުގަދަކޮށެވެ. ސްޕެއިނުން މެދުތެރެ ކޮންޓްރޯލްކޮށް، ކެޕްޓަން ކީލިއަން އެމްބާޕޭއަށް ބޯޅަ ލިބޭނެ މަގުތައް ބަންދުކޮށް، ފްރާންސްގެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކުގެ ފައިދާ ވަނީ ނަގާފައެވެ.
މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޝޯމްޕްސް ބުނީ، "ސްޕެއިން ޓީމަކީ ވަރަށް ވަރުގަދަ ޓީމެއްކަން މިރޭ އެ މީހުން ސާބިތުކޮށްދީފި" ކަމަށެވެ. އަދި ފްރާންސްގެ ކުޅުންތެރިން ފެނުނީ އާންމުކޮށް ކުޅޭ ފެންވަރަށްވުރެ ދަށްކޮށް ކަމަށާއި، ކުރީގެ މެޗުތަކަށްވުރެ ގޯސްތައް ގިނަވެ، އެއް ފިޔަވަޅު ފަހަތުގައި ތިބިކަން އޭނާ ފާހަގަކުރިއެވެ.
ޑެޝޯމްޕްސް ބުނީ އިތުބާރު ޑިފެންޑަރު ވިލިއަމް ސަލީބާއަށް ލިބުނު އަނިޔާއާއި، މެޗުގެ ކުރީކޮޅު އެޑްރިއަން ރަބިއޯއަށް ރީނދޫ ކާޑެއް ދެއްކުމުގެ ސަބަބުން އޭނާގެ ކުޅުމަށް ބުރޫއެރި ކަމަށެވެ.
މި ބައްޔާއެކު، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕުގެ ފައިނަލަށް ދިޔުމަށް ފްރާންސް ކުރި އުއްމީދުތައް ވަނީ ފުނޑުފުނޑުވެފައެވެ. މެޗަށްފަހު ޑްރެސިން ރޫމުގައި ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށް ޑެޝޯމްޕްސް ބުންޏެވެ. އެކަމަކު މި މުބާރާތުގައި ޓީމުން ހޯދި ކުރިއެރުންތައް އޭނާ ފާހަގަކުރިއެވެ.
ފްރާންސްގެ ކޯޗު ޑެޝޯމްޕްސް އެ ޓީމުގެ ކުޅުންތެރިންނާއެކު --- ފޮޓޯ: ރޮއިޓަރސް
ފްރާންސް ދެން ވާދަކުރަން ޖެހޭނީ ހޮނިހިރު ދުވަހު އޮންނަ ތިންވަނަ ހޮވާ މެޗުގައި އިންގްލެންޑް ނުވަތަ އާޖެންޓީނާއާއެވެ.
މީގެ އިތުރުން މެޗުގެ ރެފުރީ އީވާން ބާޓަންގެ ފެންވަރާ މެދުވެސް ޑެޝޯމްޕްސް ސުވާލު އުފެއްދިއެވެ. އޭނާ ބުނީ ހަތަރުވަނަ އަދި ފަސްވަނަ ރެފުރީގެ ފެންވަރު ރަނގަޅު ނަމަވެސް، ދަނޑުމަތީގައި ހުރި ރެފުރީއަކީ ވޯލްޑް ކަޕުގެ ސެމީ ފައިނަލެއް އިންސާފުކުރުމުގެ ފެންވަރު ހުރި މީހެއްތޯ ސުވާލު އުފެދޭ ކަމަށެވެ.
މި އަހަރުގެ ވޯލްޑް ކަޕަށްފަހު ފްރާންސްގެ ކޯޗުގެ މަގާމުން ވަކިވާނެ ކަމަށް ޑެޝޯމްޕްސް މީގެ ކުރިން ވަނީ އިއުލާންކޮށްފައެވެ. އެހެންކަމުން ފްރާންސްގެ ޤައުމީ ޓީމުގެ ކޯޗުގެ ގޮތުގައި ޑެޝޯމްޕްސް ފެނިގެންދާނެ އެންމެ ފަހު މެޗަކީ އަންނަ ހޮނިހިރު ދުވަހުގެރޭ ކުޅޭ ތިންވަނަ ހޮވާ މެޗެވެ. އެ މެޗުގައި ފްރާންސް ނުކުންނާނީ އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރާ މެޗުން ބަލިވާ ޓީމަކާ ދެކޮޅަށެވެ.
ޑެޝޯމްޕްސްގެ ބަދަލުގައި ފްރާންސްގެ ކޯޗުކަމާ ހަވާލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އެ ޤައުމުގެ ލެޖެންޑް ޒައިނުއްދީން ޒިދާނެވެ. މީގެ އިތުރުން ތިއަރީ އޮންރީ އާއި ސަންޑަލެންޑުގެ ކޯޗު ރެޖިސް ލެ ބްރިސް އަކީވެސް މި މަގާމަށް އަތުވެދާނެ ކަމަށް ބެލެވޭ ފަރާތްތައް ކަމަށް ރިޕޯޓުތައް ބުނެއެވެ.