ENGLISH
15 ޖުލައި 2026
ފްރާންސް ބަލިކޮށް، 16 އަހަރަށްފަހު ސްޕެއިން ވޯލްޑް ކަޕުގެ ފައިނަލަށް
15 ޖުލައި 2026
|
ވޯލްޑް ކަޕުގައި ފްރާންސް ކޮޅަށް ލަނޑު ޖެހުމަށްފަހު ސްޕެއިންގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލުގައި، މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު ފްރާންސް 2-0 ގެ ނަތީޖާއަކުން ބަލިކޮށް، ސްޕެއިން ފައިނަލުން ޖާގަ ހޯދައިފިއެވެ. މި މެޗުގައި ސްޕެއިނުން ދެއްކި މޮޅު ކުޅުމާއެކު، ތިންވަނަ ފަހަރަށް ތަށި އުފުލާލުމަށް ފްރާންސުން ކުރަމުން އައި އުއްމީދުތައް ވަނީ ފުނޑުފުނޑުވެފައެވެ.
އެމެރިކާގެ ޑަލަސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މިކޭލް އޮޔާޒަބާލް ކާމިޔާބުކުރި ޕެނަލްޓީ އާއި، 58 ވަނަ މިނެޓުގައި ޕެޑްރޯ ޕޯރޯ ޖެހި ލަނޑުން ޔޫރަޕުގެ ޗެމްޕިއަން ސްޕެއިނުން ވަނީ ފުރިހަމަ މޮޅެއް ހޯދާފައެވެ. 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިން، އަންނަ އާދިއްތަ ދުވަހުގެރޭ އެމެރިކާގެ ނިއު ޖާޒީގައި ކުޅޭ ފައިނަލް މެޗުގައި ބައްދަލުކުރާނީ އާޖެންޓީނާ ނުވަތަ އިންގްލެންޑާއެވެ.
ސެމީ ފައިނަލާ ހަމައަށް ފްރާންސް ދަތުރުކުރީ މޮޅު ކުޅުމެއް ދައްކައި، ގިނަ ލަނޑުތަކެއް ޖަހައިގެން ކަމަށްވާތީ، އެ ޓީމަކީ މުބާރާތުގެ އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި ބެލެވުނެވެ. ނަމަވެސް ސްޕެއިންގެ ވަރުގަދަ ޑިފެންސުން ވަނީ ފްރާންސްގެ ނުރައްކާތެރި ފޯވާޑް ލައިންގައި ހިމެނޭ ކެޕްޓަން ކީލިއަން އެމްބާޕޭ، ބަލޮންޑޯ އެވޯޑް ހޯދާފައިވާ އޮސްމާނޭ ޑެމްބޭލޭ، ބްރެޑްލީ ބާކޯލާ އަދި މައިކަލް އޮލީސޭ ހުއްޓުވާފައެވެ.
ވޯލްޑް ކަޕުގައި ފްރާންސާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
މީގެ ކުރިން ބައްދަލުކުރި ދެ ފަހަރުވެސް ފްރާންސް ބަލިކޮށްފައިވާ ސްޕެއިނުން ވަނީ މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައެވެ. މެންޗެސްޓަރ ސިޓީގެ ތަރި ރޮޑްރީ އިސްވެ ހުރެ، ފަބިއަން ރޫއިޒް އާއި ޑެނީ އޮލްމޯގެ އެހީތެރިކަމާއެކު ސްޕެއިންގެ މިޑްފީލްޑުން ދެއްކި މޮޅު ކުޅުމުގެ ސަބަބުން، ފްރާންސަށް މެޗުގެ ތެރެއަށް ވަދެވޭނެ އެއްވެސް ފުރުސަތެއް ނުލިބުނެވެ. ފްރާންސްގެ މިޑްފީލްޑުގައި ތިބި އަޑްރިއަން ރަބިއޯ އާއި އޯރެލިއަން ޗުއަމެނީ އަށްވުރެ ސްޕެއިންގެ މިޑްފީލްޑަރުންގެ އަދަދު ގިނަވުމުގެ ފައިދާ ނަގައި، ވަފަސޭހަކަމާއެކު ބޯޅަ ޕާސްކޮށް މެޗުގެ ކުރީކޮޅު އެ މީހުން ކޮންޓްރޯލް ނެގިއެވެ.
ސްޕެއިންގެ މޮޅު ކުޅުމުގެ ނަތީޖާ ފެނުނީ 20 ވަނަ މިނެޓުގައެވެ. މާކް ކުކުރެޔާ ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، އެސްޓަން ވިލާގެ ލޫކަސް ޑީނިޔާ ފައިން ބާސެލޯނާގެ ތަރި ލަމީން ޔަމާލްގެ ގައިގައި ޖެހުމުން ރެފުރީ ވަނީ ވަގުތުން ޕެނަލްޓީއެއް ދީފައެވެ. އެއާއެކު އޮޔާޒަބާލް ވަނީ މި ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.
ވޯލްޑް ކަޕުގައި ފްރާންސާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
މެޗުގެ 31 ވަނަ މިނެޓުގައި ފްރާންސްގެ މުހިންމު ޑިފެންޑަރު ވިލިއަމް ސަލީބާއަށް އަނިޔާވެގެން ބޭލުމަކީ އެ ޓީމަށް ލިބުނު އިތުރު ހީނަރުކަމެކެވެ. އޭގެ ފަހުން 38 ވަނަ މިނެޓުގައި ސްޕެއިނުން ދެވަނަ ލަނޑެއް ޖެހުމާ ވަރަށް ގާތަށް ދިޔައެވެ. ނަމަވެސް ފަބިއަން ރުއިޒް ފޮނުވާލި ހަމަލާ، ފްރާންސްގެ ޑިފެންޑަރު ޑަޔޮޓް އުޕަމެކާނޯ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް އެމްބާޕޭއަށް ލިބުނު ރަނގަޅު ފުރުސަތެއް ސްޕެއިންގެ ގޯލްކީޕަރު އުނާއީ ސިމޯން ވަނީ ހުއްޓުވާފައެވެ.
މި މެޗުގެ 58 ވަނަ މިނެޓުގައި ސްޕެއިނުން ފްރާންސް ސިއްސުވާލީ ދެވަނަ ލަނޑަކުންނެވެ. ޕޯރޯ އާއި އޮލްމޯ އޭރިއާ ބޭރުގައި ކުޅުނު ހިތްގައިމު ޕާސްތަކަކަށްފަހު، ޓޮޓްނަމް ހޮޓްސްޕަރގެ ޑިފެންޑަރު ވަނީ ފްރާންސްގެ ކީޕަރު މައިކް މައިންނޯނަށް އެއްވެސް ފުރުސަތެއް ނުދީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
ވޯލްޑް ކަޕުގައި ފްރާންސާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ރޮއިޓަރސް
މެޗުގެ 61 ވަނަ މިނެޓުގައި ލަމީން ޔަމާލް ޖެހި ލަނޑެއް ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ. މެޗުގެ ފަހުކޮޅު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ގިނަ ބަދަލުތަކެއް ގެނައި ނަމަވެސް، ސްޕެއިންގެ ވަރުގަދަ ޑިފެންޑަރުން ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ފްރާންސަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި އެމްބާޕޭ ފޮނުވާލި ހަމަލާ، ކީޕަރު ސިމޯން ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މެޗު ނިމެން ގާތްވެފައި ވަނިކޮށް، ފްރާންސްގެ ކުޅުންތެރިންގެ މާޔޫސްކަން ފެނިގެންދިޔައީ ކީޕަރު ސިމޯންއަށް ކުރި ފައުލަކާ ގުޅިގެން އެމްބާޕޭއަށް ރީނދު ކާޑެއް ދެއްކުމުންނެވެ.
މި މޮޅާއެކު ސްޕެއިނުން 16 އަަހަރަށްފަހު ވޯލްޑް ކަޕުގެ ފައިނަލުން ޖާގަ ހޯދިއިރު، މިއީ ސްޕެއިންގެ ތާރީޚުގައިވެސް ވޯލްޑް ކަޕުގެ ފައިނަލުގައި ކުޅޭނެ ދެވަނަ ފަހަރެވެ.