ENGLISH

15 ޖުލައި 2026

Advertisement

2010 ގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ފެނުނު ރޫހު އާލާކޮށްފި: ޑެ ލަ ފުއެންޓޭ

15 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި ފްރާންސާ ދެކޮޅަށް ކުޅުނު މެޗަށްފަހު ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލުގައި ފްރާންސްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ހޯދި ފުރިހަމަ މޮޅާއެކު، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ފެނުނު ރޫހު އޭނާގެ ޓީމުން އަލުން އާލާކޮށްފި ކަމަށް ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނެފިއެވެ.

މި މޮޅާއެކު ސްޕެއިން ފައިނަލަށް ދަތުރުކޮށްފައިވާއިރު، ދެވަނަ ފަހަރަށް ދުނިޔޭގެ ތަށި އުފުލާލުމަށް އެ ޓީމަށް މިހާރު ބޭނުންވަނީ އެންމެ މޮޅެކެވެ.

މީގެ 16 އަހަރު ކުރިން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިނުން ވަނީ ސެމީ ފައިނަލާ ހަމައަށް އައިއިރު 16 ލަނޑު ޖަހާފައިވާ، އަދި މުބާރާތުގެ އެންމެ ނުރައްކާތެރި އެޓޭކެއް އޮތް ޓީމުގެ ގޮތުގައި ބެލެވުނު ފްރާންސްގެ ހަމަލާތައް މެޗުގައި ހުއްޓުވާފައެވެ. ފްރާންސަށް މުޅި މެޗުގައިވެސް ސްޕެއިންގެ ގޯލަށް އަމާޒުކޮށް ފުރަތަމަ ހަމަލާއެއް ފޮނުވާލެވުނީ މެޗުގެ 80 މިނެޓު ހަމަވި ފަހުންނެވެ.

"އަހަރެން ދިން މެސެޖަކީ މި ނުކުންނަނީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓީމާ ދެކޮޅަށް ކަމަށާއި، ނަމަވެސް އެ މީހުން ކުރިމަތިލީ ދުނިޔޭގެ އެންމެ މޮޅު ޓީމާ ކަމަށް،" މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑެ ލަ ފުއެންޓޭ ބުންޏެވެ.

ވޯލްޑް ކަޕުގައި ފްރާންސާ ދެކޮޅަށް ކުޅުނު މެޗަށްފަހު ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ --- ފޮޓޯ: ރޮއިޓަރސް

"މި ކުޅުންތެރިން ދައްކައިދެނީ ވަރުގަދަ އަޒުމަކާއި، އެއްބައިވަންތަކަމާއި ހުނަރު. އެމީހުންގެ ކިބައިގައި ހުނަރުގެ އިތުރުން ދިރިއުޅުމަށާއި ކުޅިވަރަށް ބަހައްޓާ ރަނގަޅު އަޚުލާގު އެބަހުރި. އަހަރެންނަށް ފެންނަނީ އުފާވެރި ޗޭންޖިން ރޫމަކާއި، އަހަރެމެންގެ ފަހަތުގައި އޮތް މުޅި ޤައުމު. 2010 ގެ ރޫހު އަހަރެމެން އަލުން ހޯދައިފިން. މި ޓީމުގެ ވަރުގަދަ ސިފައަކީ، މެޗުގައި ނުކުޅޭ ކުޅުންތެރިންވެސް މެޗަށްފަހު ފަރިތަކުރުންތަކުގައި މަޑުކުރިކަން."

މި ޓީމަކީ ހިތްތިރިކަމާއި، އެއް މަގުސަދެއްގައި އަދި އަމިއްލަ އެދުމެއް ނެތި ބިނާކޮށްފައިވާ ޓީމެއްކަން ފާހަގަކުރަމުން ޑެ ލަ ފުއެންޓޭ ބުނީ، ސްޕެއިންގެ ބާރަކީ އެންމެން އެއް މިސްރާބަކަށް ދަތުރުކުރުން ކަމަށެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އެންމެ މުހިންމު ކަމަކީ ދަތުރުގެ ބައިވެރިން އިޚުތިޔާރު ކުރަން އެނގުން. ދަތުރުގެ ބައިވެރިން އިޚުތިޔާރު ކުރުމުގައި ގޯހެއް ހެދިއްޖެނަމަ، މައްސަލަތަކާ ކުރިމަތިވެދާނެ،" އޭނާ ބުންޏެވެ. "މި ޓީމުގެ ކުޅުންތެރިންނާއި މުޅި ސްކޮޑަކީވެސް އެއް އުއްމީދެއްގައި، އެއް މަގުސަދަކަށް މަސައްކަތްކުރާ ބައެއްކަން އަހަރެމެންނަށް އެނގޭ. އަހަރެމެންނަކީ އަމިއްލަ މަސްލަހަތަށްވުރެ ޓީމުގެ ކުރިއެރުން އިސްކުރާ އާދައިގެ ބައެއް."

ވޯލްޑް ކަޕުގައި ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ސްޕެއިންގެ ކޯޗު ޓީމަށް އިރުޝާދުދެނީ --- ފޮޓޯ: ރޮއިޓަރސް

ޔޫރޯ 2024 ކާމިޔާބުކުރި ސްޕެއިނުން މިހާރު ވަނީ ބަލިނުވެ ވިދިވިދިގެން 37 މެޗު ހަމަކޮށް، އިޓަލީގެ ރިކޯޑާ އަރާ ހަމަކޮށްފައެވެ. ނަމަވެސް ޑެ ލަ ފުއެންޓޭ ބުނީ ކުޅުންތެރިންނަށް އަދިވެސް ކުރިއަށްދިޔުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"މި ޓީމުން އަހަރެން އަބަދުވެސް ހައިރާންކޮށްލާ. ކުރިއެރުން ހޯދުމަށް އޮތް ފުރުސަތަކީ ނިމުމެއް ނެތް ކަމެއް،" އޭނާ ބުންޏެވެ. "މިއީ ވަރަށް ބުރަ މަސައްކަތެއްގެ ނަތީޖާ. މިއީ ވަކި މަރުހަލާތަކެއްގައި، ކަނޑަނޭޅި ކުރިއަށްދިޔަ ކަމެއް. ބޭނުންވީ އެންމެ މުހިންމު ވަގުތުގައި އެންމެ ފުރިހަމަ ފޯމުގައި އޮތުން."

ޑެ ލަ ފުއެންޓޭ ބުނި ގޮތުގައި އޭނާ ބޭނުންވަނީ ފައިނަލުގައި އާޖެންޓީނާއާ ބައްދަލުކުރާށެވެ. އެއީ އެ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީއާ އޮތް ގާތް އެކުވެރިކަމެއްގެ ސަބަބުންނެވެ. ހަމައެއާއެކު އޭނާ ވަނީ އިންގްލެންޑަށް ތާރީފުކޮށް، ދެވަނަ ސެމީ ފައިނަލަކީ "ވޯލްޑް ކަޕް ފައިނަލެއްގެ ފެންވަރުގެ" މެޗެއްގެ ގޮތުގައި ސިފަކޮށްފައެވެ.

"ފައިނަލަކީ ހަމައެކަނި މޮޅުވާން އޮންނަ އެއްޗެއް ކަމަށް އަހަރެން ގަބޫލެއް ނުކުރަން. އެއީ އުފާކުރަން ޖެހޭ ވަގުތެއް،" އޭނާ ބުންޏެވެ. "ކުރިއަށް އޮތް މެޗަކީ މި ދަތުރުގެ އެންމެ ފޮނި ނަތީޖާއަށް ވެދާނެ."

ކިޔުންތެރިންގެ ހިޔާލު