ENGLISH

15 ޖުލައި 2026

Advertisement

އެއިޓީން ތާޓީ: ވެމްކޯ އަތުން ޗެމްޕިއަން ސިފައިންނަށް މުހިންމު މޮޅެއް

15 ޖުލައި 2026

|

އިސްމާއިލް ޝާހު

އެއިޓީން ތާޓީގައި ސިފައިންގެ ކުލަބާއި ވެމްކޯ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

ކްލަބް މޯލްޑިވްސްގެ އަންހެން މުބާރާތް، އެއިޓީން ތާޓީ 2026 ގައި ކުލަބު ވެމްކޯ އަތުން އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) މޮޅުވެއްޖެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންޑޯސްކޮށްފައިވާ މި އަހަރުގެ އެއިޓީން ތާޓީގައި ތިން ޓީމެއް ވާދަކުރާއިރު، އެ ޓީމުތަކަކީ ޑީއެސްސީ، ވެމްކޯ އަދި ބިސް ބުރު ސްޕޯޓްސް ކުލަބެވެ. އެއާއެކު މުބާރާތުގެ ކުޅުން ކުރިއަށްދަނީ ލީގު އުސޫލުން ދެ ލެގު ކުޅުމަށްފަހު، އެންމެ ކުރީގައި އޮންނަ ދެ ޓީމު ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ވެމްކޯ އަތުން ސިފައިން މޮޅުވީ 9-5 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ސިފައިންގެ ކުލަބުގެ ސުމައްޔާ މަތުސުޝިމާ ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އަދި އެ ޓީމުގެ ސަބީނާ ކަތުން އާއި، މައީޝާ އަބްދުލް ހަންނާން، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ކާމިޔާބުކުރިއިރު، އަނެއް ލަނޑު ޖަހައިދިނީ މަރިޔަމް ރިފާއެވެ. މި މެޗުގައި ވެމްކޯގެ މާޔާރާ ކަސިއާ ދެ ލަނޑު ކާމިޔާބުކުރިއިރު، އަނެއް ލަނޑުތައް ޖަހައިދިނީ ހައްވާ ހަނީފާ، މަރިޔަމް ނޫރާ އަދި ފާތިމަތު ލީސާއެވެ.

މި މެޗުން ސިފައިންގެ ކުލަބު މޮޅުވިއިރު، މި ދެ ޓީމު ފުރަތަމަ ބައްދަލުކުރި މެޗުން ވެމްކޯ ވަނީ ފަހަތުން އަރައި 5-3 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މިއަދުގެ މޮޅާއެކު ތާވަލުގެ އެއްވަނައަށް ސިފައިންގެ ކުލަބު ޖެހިލީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ވެމްކޯއަށްވެސް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ސިފައިންގެ ކުލަބަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ތާވަލުގެ ފުލުގައި އޮތް ބިސް ބުރަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި މުބާރާތުގެ މެޗެއް ދެން ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރެވެ.

  • ބިސް ބުރު - ވެމްކޯ (16:15)
ކިޔުންތެރިންގެ ހިޔާލު