ENGLISH
15 ޖުލައި 2026
ފުޓްބޯޅަ އާއި ސިޔާސީ ކަންކަން މަސްހުނި ނުކުރާނަން: ސްކަލޯނީ
15 ޖުލައި 2026
|
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ --- ފޮޓޯ: އޭއެފްޕީ
އެންމެ މަޤްބޫލު
ފުޓްބޯޅަ އާއި ސިޔާސީ ކަންކަން މަސްހުނި ނުކުރާނެ ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ. އޭނާ މިހެން ބުނީ އެމެރިކާގެ އެޓްލާންޓާގައި މިރޭ އިންގްލެންޑާ ދެކޮޅަށް ކުޅޭ ފީފާ ވޯލްޑް ކަޕް 2026 ސެމީ ފައިނަލް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިރޭގެ މެޗަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ތާރީޚީ އަދި ފޯރިގަދަ ކުރިމަތިލުމެކެވެ. އިންގްލެންޑުން މަސައްކަތް ކުރަމުންދަނީ އެންމެ ފަހުގެ ޗެމްޕިއަނުން ބަލިކޮށް، 1966 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރުކުރުމަށެވެ.
ދަނޑުމަތީގައި މި ދެ ގައުމުގެ ވާދަވެރިކަން ބޮޑުވެފައިވަނީ ދަނޑުން ބޭރުގައި އޮތް ސިޔާސީ މައްސަލަތަކުގެ ސަބަބުންނެވެ. އެގޮތުން 1982 ވަނަ އަހަރު ފޯކްލެންޑް ހަނގުރާމައިގައި އިނގިރޭސިވިލާތާއި އާޖެންޓީނާ ކުރިމަތިލާފައިވެއެވެ. 74 ދުވަހަށް ދެމިގެންދިޔަ މި ހަނގުރާމައިގައި އާޖެންޓީނާގެ 649 ސިފައިންނާއި، އިނގިރޭސިވިލާތުގެ 255 ސިފައިންގެ އިތުރުން ތިން އާންމުން މަރުވިއެވެ. އާޖެންޓީނާގައި "ލަސް މަލްވީނަސް" ގެ ނަމުން މަޝްހޫރުވެފައިވާ މި ސަރަހައްދުގެ މިލްކުވެރިކަމާ މެދު ދެ ޤައުމުގެ ދެމެދުގައި އަދިވެސް ޚިޔާލުތަފާތުވުންތައް އެބައޮތެވެ.
"ހަގީގަތަކީ މިއީ ފުޓްބޯޅަ މެޗެއްކަން. އަހަރެން މިކަންކަން މަސްހުނިކުރާކަށް ބޭނުމެއް ނޫން، ޚާއްސަކޮށް މީގެ އެތައް އަހަރެއް ކުރިން ހިނގާދިޔަ ކަންތައްތަކަށް އިހުތިރާމުކުރުމުގެ ގޮތުން،" ސްކަލޯނީ ބުންޏެވެ. "އެއީ އަހަރެމެންގެ ތާރީޚުގެ ވަރަށް ހިތާމަވެރި ދުވަސްވަރެއް، އަދި އެކަމާ މެދު އަހަރެމެންނަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތް. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ކަންކަން ހިނގަމުންދޭ، އަދި އަހަރެމެން ހަނގުރާމައާ ދެކޮޅު. އެ ހާދިސާގައި މަރުވި މީހުންގެ ހަނދާންތައް އަހަރެމެން އައުކުރަން. އެކަމަކު މިއީ ފުޓްބޯޅަ މެޗެއް، މި ދެކަންތައް އޮޅުވާލައިގެން ނުވާނެ."
ސްކަލޯނީ މިފަދައިން ވާހަކަދެއްކި ނަމަވެސް، އާޖެންޓީނާގެ ނައިބު ރައީސް ވިކްޓޯރިއާ ވިޔަރޮއެލްގެ ވިސްނުން ހުރީ ތަފާތު ގޮތަކަށެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ ގަދަ 16 ގައި މިސްރު އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވި މެޗަށްފަހު ކުޅުންތެރިން ކިޔާފައިވާ ލަވަޔަކަށް އިޝާރާތް ކުރައްވާފައެވެ. އެ ލަަވައިގައި ފޯކްލެންޑާއި، އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑުން ކަމަށްވާ ޑިއޭގޯ މަރަޑޯނާ އާއި ލިއޮނެލް މެސީގެ ނަން ހިމެނެއެވެ.
"މިއީ ހަމައެކަނި މެޗެއް ނޫން. އަހަރެން ސިޔާސީ ގޮތުން ރީތި ބަސްތަކެއް ބުނާކަށް ނެތިން. އިނގިރޭސިންނާ ދެކޮޅަށް ކުޅޭއިރު އެއީ އަބަދުވެސް އެއަށްވުރެ މާ ބޮޑު ކަމެއް،" ވިޔަރޮއެލް ވިދާޅުވިއެވެ.
މި ދެ ޤައުމުގެ ދެމެދުގައި އޮތް ތާރީޚީ ނުތަނަވަސްކަމުގެ ސަބަބުން، އެޓްލާންޓާގައި ސަލާމަތީ ކަންކަން ވަރުގަދަ ކުރާނެކަން މި ހަފުތާގެ ކުރީކޮޅު ވަނީ އިއުލާންކޮށްފައެވެ.
1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި މަރަޑޯނާ ވަނީ މަޝްހޫރު "ހޭންޑް އޮފް ގޯޑް" ލަނޑާއި "ގޯލް އޮފް ދަ ސެންޗަރީ" ޖަހައި އިންގްލެންޑް ބަލިކުރުމުގައި އިސްދައުރެއް އަދާކޮށްފައެވެ. އަދި ކެޕްޓަން މެސީގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް އިންގްލެންޑާ ދެކޮޅަށް ނުކުންނަން މިވަނީ ތައްޔާރުވެފައެވެ. 8 ފަހަރު ބަލޮންޑޯ އެވޯޑު ހޯދާފައިވާ 39 އަހަރުގެ މެސީ ވަނީ މި މުބާރާތުގައި މިހާތަނަށް 8 ލަނޑު ޖަހައި، ފްރާންސްގެ ކީލިއަން އެމްބާޕޭއާ އެއްވަރަށް މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.
އެކަމަކު ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އާޖެންޓީނާއަށް މި މުބާރާތުގެ ނޮކްއައުޓް މެޗުތަކުގައި ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. މިސްރު އަތުން މޮޅުވި މެޗުގެ އިތުރުން، ދެވަނަ ބުރުގައި ކާބޯ ވާޑޭ ބަލިކުރުމަށާއި، ކުއާޓާ ފައިނަލުގައި 10 ކުޅުންތެރިންނާއެކު ކުޅުނު ސްވިޒަލެންޑް ބަލިކުރުމަށްވެސް އިތުރު ވަގުތު ކުޅެން ޖެހުނެވެ.
މީގެ ހަތަރު އަހަރު ކުރިން ގަތަރުގައި އާޖެންޓީނާއަށް ވޯލްޑް ކަޕް ހޯދައިދިން ސްކަލޯނީ ބުނީ އިންގްލެންޑާ ދެކޮޅަށް ނުކުންނައިރު ޓީމުގެ ފޯމާ މެދު ކަންބޮޑުނުވާ ކަމަށެވެ. "މީގެ މަސްދުވަސް ކުރިން ސެމީ ފައިނަލަށް ދެވޭނެ ކަމަށް މީހަކު ބުނި ނަމަވެސް އަހަރެން އެކަން ގަބޫލުކުރީމުސް. އެހެންވީމާ މި ހިސާބަށް އާދެވުނު ގޮތަކާ މެދު އަހަރެންގެ ޝަކުވާއެއް ނެތް،" އޭނާ ބުންޏެވެ. "ކުޅުންތެރިންނާ މެދު އެއްޗެއް ބުނާކަށް ނެތިން. ވަރުބަލިވެފައި ތިއްބަސް ނެތަސް އަހަރެން ފަރުވާލެއް ނެތް. މިއީ ވޯލްޑް ކަޕް ސެމީ ފައިނަލެއް."
މީގެ އިތުރުން، އިންގްލެންޑުގެ ފޯވާޑް ހެރީ ކޭން އާއި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ހުއްޓުވާނެ ގޮތުގެ އިރުޝާދު ކުޅުންތެރިންނަށް ދީފައިވާނެ ކަމަށް ސްކަލޯނީ ބުންޏެވެ. މި ދެ ކުޅުންތެރިންވެސް ވަނީ މިހާތަނަށް 6 ލަނޑު ޖަހާފައެވެ. "އެއީ ދުނިޔޭގެ ފެންވަރުގެ ދެ ކުޅުންތެރިން. ކޮންމެ ކޯޗަކުވެސް އެފަދަ ކުޅުންތެރިން ޓީމުގައި ތިބުމަށް އެދޭނެ،" އޭނާ ފާހަގަކުރިއެވެ.