ENGLISH
15 ޖުލައި 2026
ވޯލްޑް ކަޕުގެ ފައިނަލް މެޗުގެ ހާފް-ޓައިމް 25 މިނެޓަށް ދެމިގެންދާނެ
15 ޖުލައި 2026
|
ފީފާ ވޯލްޑް ކަޕް 2026 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ގެޓީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗުގެ ހާފް-ޓައިމް ބްރޭކު 20 މިނެޓާއި 25 މިނެޓާ ދެމެދުގެ ވަގުތަކަށް ދެމިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމުގައި އަންނަ އާދީއްތަ ދުވަހުގެރޭ ކުޅޭ މި މެޗުގެ ހާފް-ޓައިމް ބްރޭކުގައި، ސުޕަރ ބޯލް ފެސްޓިވަލާ އެއްފަދަ 11 މިނެޓުގެ މުނިފޫހިފިލުވުމުގެ ޝޯއެއް އޮންނާނެއެވެ. މި ޝޯގައި މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މެޑޯނާ، ޝަކީރާ އަދި ކޭ-ޕޮޕް ބޭންޑް ބީޓީއެސް ފެނިގެންދާނެއެވެ.
ވޯލްޑް ކަޕް އިންތިޒާމުކުރާ ފީފާގެ މަސްދަރުތަކުން ބުނާ ގޮތުގައި ހާފް-ޓައިމް ބްރޭކު 20 މިނެޓަށް ދެމިގެންދާނެއެވެ. ނަމަވެސް އާންމުކޮށް އޮންނަ 15 މިނެޓުގެ ބްރޭކަށްފަހު، އިތުރު 11 މިނެޓުގެ ޝޯއެއް ކުރިއަށް ގެންދިޔުމަކީވެސް އޮތް ފުރުސަތެކެވެ. ފުޓްބޯޅައިގެ ގަވާއިދުތައް ކަނޑައަޅާ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑު (އައިއެފްއޭބީ) ގެ ގަވާއިދުގައިވާ ގޮތުން، މެޗުގެ ހާފް-ޓައިމް ބްރޭކު 15 މިނެޓަށް ވުރެ އިތުރުވެގެން ނުވާނެއެވެ.
މިދިޔަ އަހަރު ނިއު ޖާޒީގައި ބޭއްވި ކުލަބު ވޯލްޑް ކަޕް ފައިނަލުގައިވެސް ކޯލްޑްޕްލޭ، ޖޭ ބަލްވިން އަދި ޑޯޖާ ކެޓް ފަދަ ފަންނާނުންގެ ހުށަހެޅުންތަކާއެކު ބްރޭކުގެ ވަގުތު 24 މިނެޓަށް ދެމިގެންދިޔައެވެ.
މި ފަހަރުގެ ފައިނަލް މެޗުގެ ހުށަހެޅުންތަކުގައި ޖަސްޓިން ބީބާވެސް ބައިވެރިވާނެކަން މިދިޔަ ހަފުތާގައި ވަނީ އިއުލާންކޮށްފައެވެ. މީގެ އިތުރުން ބާނާ ބޯއި، ގުސްޓާވޯ ޑުޑަމެލް އަދި ޕީއެސް22 ކޯރަސްވެސް މި ޝޯގައި ބައިވެރިވާނެއެވެ. މި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ތައްޔާރުކޮށްފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް މާޓިންއެވެ.
ވޯލްޑް ކަޕް ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ އާދީއްޔަ ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 00:00 ގައެވެ. އަދި މެޗުގެ ކުރިން ބާއްވާ ރަސްމިއްޔާތު 22:30 ގައި ފަށާނެއެވެ. މި ރަސްމިއްޔާތުގައި ޓޮމް ކްރޫޒް، ރޮބީ ވިލިއަމްސް އަދި އައިޝޯސްޕީޑް ފަދަ މަޝްހޫރު ފަރާތްތައް ފެނިގެންދާއިރު، އެމެރިކާގެ ޤައުމީ ސަލާމް ކިޔާނީ ޖެނިފާ ހަޑްސަންއެވެ.