ENGLISH

14 ޖުލައި 2026

Advertisement

ލިވަޕޫލަށް އައު ކުޅުންތެރިން ހޯދުން މުހިންމު: އިރައޯލާ

14 ޖުލައި 2026

|

އިސްމާއިލް ޝާހު

ލިވަޕޫލްގެ އައު ކޯޗު އެންޑޯނީ އިރައޯލާ --- ފޮޓޯ: ރޮއިޓަރސް

ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަކުރުމަށްޓަކައި އިތުރު ކުޅުންތެރިން ހޯދުން މުހިންމު ކަމަށް ލިވަޕޫލްގެ އައު ކޯޗު އެންޑޯނީ އިރައޯލާ ބުނެފިއެވެ.

ނިމިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއަރ ލީގުގެ ފަސްވަނައިގައި ނިންމާލި ލިވަޕޫލުން މިހާތަނަށް ވަނީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ފްރާންސްގެ ރެނެސްއަށް ކުޅެމުން އައި ޑިފެންޑަރު ޖެރެމީ ޖަކޭ އާއި، ސްޕެއިންގެ އޮސަސޫނާގެ ފޯވާޑް ވިކްޓަރ މުނޯޒްގެ ސޮއި ހޯދާފައެވެ.

އިއްޔެ ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އިރައޯލާ ބުނީ، މިހާތަނަށް ދެ ކުޅުންތެރިން ގެނެސްފައިވީ ނަމަވެސް، ޓީމަށް އިތުރު ކުޅުންތެރިން ބޭނުންވާކަން ކުލަބަށް އެނގޭ ކަމަށާއި، އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކޯޗެއްގެ ހައިސިއްޔަތުން ޕްރީ-ސީޒަންގެ ފުރަތަމަ ދުވަހުން ފެށިގެން ހުރިހާ ކުޅުންތެރިން ޓީމާ ގުޅުމަކީ އޭނާ ބޭނުންވާ ގޮތް ކަމަށް ވިޔަސް، ފުޓްބޯޅައިގެ ކަންކަން އެހާ ފަސޭހައިން ނުހިނގާނެކަން ގަބޫލުކުރާ ކަމަށް އޭނާ ފާހަގަކުރިއެވެ.

ކުރީގެ ކޯޗު އާނޭ ސްލޮޓް މަގާމުން ވަކިކުރުމާ ގުޅިގެން ޖޫން މަހު ލިވަޕޫލާ ހަވާލުވި ސްޕެއިންގެ ކޯޗަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ފާއިތުވި 10 ވަރަކަށް އަހަރު ޓީމުގެ ކުރީގައި އެންމެ މުހިންމު ދައުރެއް އަދާކުރި މިސްރުގެ މުޙައްމަދު ސަލާހާ ނުލައި ނަތީޖާތައް ރަނގަޅުކުރުމެވެ. މީގެ އިތުރުން ހޫގޯ އެކިޓިކޭ، ކޮނޯ ބްރެޑްލީ އަދި ޖިއޮވާނީ ލިއޯނީއަށް ލިބިފައިވާ އަނިޔާތަކާ ގުޅިގެން ކުރިމަތިވާނެ ދަތިތަކަށް ހައްލު ހޯދަންޖެހޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

އެތުލެޓިކް ބިލްބާއޯއަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު އިރައޯލާ ވަނީ 2023 ވަނަ އަހަރު ބޯންމަތާ ހަވާލުވެ، ނިމިދިޔަ ސީޒަނުގައި އެ ޓީމަށް ލީގުގެ ހަވަނަ ހޯދައިދީ، ޔުއެފާ ޔޫރޮޕާ ލީގަށް ކޮލިފައިކޮށްދީފައެވެ. އޭނާ ބޯންމަތުގައި ބޭނުންކުރި ހަލުވި އެޓޭކިން ގޭމް ޕްލޭނާއި، ހައި-ޕްރެސިން ސްޓައިލަށް ގިނަ ބައެއްގެ ތާރީފު ލިބުނެވެ.

އުމުރުން 44 އަހަރުގެ އިރައޯލާ ބުނި ގޮތުގައި، ލިވަޕޫލްގެ ކުޅުންތެރިންނާއި މުވައްޒަފުންނާ މަޝްވަރާކުރުމަށްފަހު، ޓީމަށް އެންމެ އެކަށީގެންވާ ގޮތަށް އޭނާގެ ކުޅުމުގެ ވައްޓަފާޅިއަށް ބައެއް ބަދަލުތައް ގެނައުމަކީ އެކަށީގެންވާ ކަމެކެވެ. އޭނާ ބުނީ ކުޅުންތެރިންނާއެކު ވަގުތު ހޭދަކޮށް، ޕްރީ-ސީޒަންގެ މެޗުތަކަށްފަހު މުހިންމު ނިންމުންތައް ނިންމާނެ ކަމަށެވެ.

ލިވަޕޫލް ފަދަ ބޮޑު ކުލަބަކާ ހަވާލުވުމަކީ ބޮޑު ޒިންމާއެއްކަން ގަބޫލުކުރާ ކަމަށާއި، އެކަމަށް އޭނާ ހުރީ ތައްޔާރަށް ކަމަށް އިރައޯލާ ބުންޏެވެ. އަދި އޭނާ ބުނާ ކޮންމެ ވާހަކައަކަށް ފާޑުކިޔުން އަމާޒުވާނެކަން އެނގޭ ކަމަށާއި، ކަންކަމުން ރެކިގެން ހުންނަން ބޭނުންނުވާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

އައު ސީޒަނުގެ ފުރަތަމަ މެޗުގައި އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ލިވަޕޫލް ނުކުންނާނީ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު