ENGLISH

14 ޖުލައި 2026

Advertisement

ޔޫތު ޗެމްޕިއަންޝިޕް: ފަހު މެޗުން ޓީސީއަށް މޮޅެއް

13 ޖުލައި 2026

|

އިސްމާއިލް ޝާހު

ޔޫތު ޗެމްޕިއަންޝިޕުގައި ޓީސީ އާއި ކެޔޮދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް 2026 ގައި ޓީސީ ސްޕޯޓްސް ކުލަބުން ކުޅުނު ފަހު މެޗުން މޮޅުވެއްޖެއެވެ.

އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގައި ހަ ޓީމެއް ވާދަކުރާއިރު، އެ ޓީމުތަކަކީ ޓީސީގެ އިތުރުން ބުރު ސްޕޯޓްސް ކުލަބާއި، ނިއު ރެޑިއަންޓް ސްޕޯޓްސް ކުލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، އޮޑި ސްޕޯޓްސް ކުލަބު އަދި ކެޔޮދޫއެވެ. ލީގު އުސޫލުން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، ފައިނަލަށް ދަތުރުކުރާނީ ލީގު ބުރު ނިމޭއިރު އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުން ޓީސީ މޮޅުވީ ކެޔޮދޫ އަތުން 5-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޓީސީގެ ލަނޑުތައް ޖަހައިދިނީ ނައްވާފް ޢަބްދުالله ނަޝީދު، މުޙައްމަދު ޔަނާލް ޔާސިރު، އަލީ ހައިޒޫމް ހަސަން އަދި ޢަބްދުالله އަސްލާން އަބްދުލް ހާދީއެވެ. މީގެ ތެރެެއިން ނައްވާފް ދެ ލަނޑު ކާމިޔާބުކުރިއިރު، ހައިޒޫމް ލަނޑު ޖަހާފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ. މި މެޗުގައި ކެޔޮދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ. އަޒްޔާން އާދަމް ރަޝީދު އަދި ހުސައިން ކިނާން އަޝްރަފެވެ.

މި މޮޅާއެކު ޓީސީން މި މުބާރާތް ނިންމާލީ ތާވަލުގެ ފަސްވަނައިގައި އޮވެގެންނެވެ. ހަތަރުވަނައިގައި އޮތް ބުރު ސްޕޯޓްސް އާއި، ޓީސީގެ އިތުރުން ފުލުގައި އޮތް ކެޔޮދުއަށް ވަނީ ފަސް މެޗުން ތިން ޕޮއިންޓް ލިބިފައެވެ.

މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ނިއު ރޭޑިއަންޓުން ހޯދާފައިވާއިރު، ފައިނަލުގެ ފަހު ޖާގައަށް ވާދަކުރަނީ މާޒިޔާ އާއި އޮޑި ސްޕޯޓްސްއެވެ. އެ ދެ ޓީމު މާދަމާ ހަވީރު ބައްދަލުކުރާއިރު، އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބިގެންދާނެއެވެ. އެ މެޗު އެއްވަރުވެއްޖެނަމަ، ލަނޑުގެ ތަފާތުން މާޒިޔާ ފައިނަލަށް ދަތުރުކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު