ENGLISH

14 ޖުލައި 2026

Advertisement

ވޯލްޑް ކަޕުން އުނިކުރިތާ ދެ މަސް ފަހުން، ނެދަލެންޑްސްގެ ރެފުރީ މަރުވެއްޖެ

13 ޖުލައި 2026

|

އިސްމާއިލް ޝާހު

ނެދަލެންޑްސްގެ ފުޓުބޯޅަ ރެފުރީ ރޮބް ޑީޕެރިންކް --- ފޮޓޯ: ގެޓީ

އިނގިރޭސިވިލާތުގެ ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގަކާ ގުޅިގެން، ފީފާ ވޯލްޑް ކަޕް 2026 ގައި ރެފުރީކަންކުރުމުގެ ފުރުސަތު ގެއްލުނުތާ ދެ މަސް ފަހުން، ނެދަލެންޑްސްގެ ފުޓުބޯޅަ ރެފުރީ ރޮބް ޑީޕެރިންކް މަރުވެއްޖެއެވެ.

ވޯލްޑް ކަޕުގެ ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އޮފިޝަލެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޑީޕެރިންކް ކުރިން ހޮވުނު ނަމަވެސް، މިދިޔަ މެއި މަހު ފީފާއިން ވަނީ އޭނާގެ ނަން ރެފުރީންގެ ލިސްޓުން އުނިކޮށްފައެވެ.

އުމުރުން 38 އަހަރުގެ ޑީޕެރިންކް މިދިޔަ އޭޕްރީލް މަހު މެޓްރޯޕޮލިޓަން ފުލުހުން ހައްޔަރުކުރީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް އެކަށީގެންވާ ހެކިނެތުމުގެ ސަބަބުން އެ މައްސަލަ ފަހުން ވަނީ ބޭރުކޮށްލާފައެވެ.

ނެދަލެންޑްސްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޑީޕެރިންކްގެ މަރުގެ ޚަބަރާއެކު އެ އިދާރާއަށް ބޮޑު ސިހުމަކާއި މާޔޫސްކަމެއް ލިބިފައިވާ ކަމަށެވެ. އޭނާ މަރުވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

"ރޮބް އަކީ އަޅުގަނޑުމެންގެ ތެރޭގައި ހުރި ވަރަށް އަގުހުރި ރެފުރީއެއް. އެއަށްވުރެ ބޮޑަށް އޭނާއަކީ ހިތްހެޔޮ، މަސައްކަތަށް ކަމޭހިތާ އެކުވެރިއެއް،" ނެދަލެންޑްސްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުންޏެވެ. 

ޑީޕެރިންކް އަކީ 2017 ވަނަ އަހަރުން ފެށިގެން ނެދަލެންޑްސްގެ ފުރަތަމަ ޑިވިޝަނުގައި ރެފުރީކަން ކުރަމުން އައި ފަރާތެކެވެ. އަދި އޭނާއަކީ ޔޫރޯ 2024 ގެވެސް ވީއޭއާރް އޮފިޝަލެކެވެ.

ވޯލްޑް ކަޕުގެ ފުރުސަތު ގެއްލުމާ ގުޅިގެން ނެދަލެންޑްސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޑީޕެރިންކް ބުނެފައިވަނީ، އޭނާގެ މައްޗަށް ކުރެވުނީ ދޮގު ތުހުމަތުތަކެއް ކަމަށެވެ. "އަޅުގަނޑުގެ މައްޗަށް ނުހައްގުން ތުހުމަތުތަކެއް ކުރެވުނީތީ ވަރަށް ބޮޑަށް ދެރަވޭ. ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދިނިން، އަދި ފީފާއަށާއި ޔުއެފާ އަދި ނެދަލެންޑްސްގެ ފުޓްބޯޅަ އެސޯސިއޭޝަނަށްވެސް ހަގީގަތް ހާމަކޮށްދިނިން،" އޭނާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު