ENGLISH
14 ޖުލައި 2026
މަންޒަމްބީ ހޯދުމުގެ ރޭހަށް އެސްޓަން ވިލާ
14 ޖުލައި 2026
|
ސްވިޒަލެންޑުގެ މިޑްފީލްޑަރު ޔޯހަން މަންޒަމްބީ --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ޖަރުމަނުގެ ފްރައިބާގުގެ މިޑްފީލްޑަރު ޔޯހަން މަންޒަމްބީ ހޯދުމުގެ މަސައްކަތް އެސްޓަން ވިލާއިން ފެށުމާއެކު، ނިއުކާސަލް ޔުނައިޓެޑުން އޭނާ ހޯދަން ކުރަމުންދާ މަސައްކަތަށް ހުރަސް އެޅިއްޖެއެވެ.
ގާތްގަނޑަކަށް 50 މިލިޔަން ޕައުންޑުގެ އަގަކަށް މަންޒަމްބީގެ ސޮއި ހޯދުމުގެ ރޭހުގައި އެންމެ ކުރީގައި އޮތީ ނިއުކާސަލް ކަމަށް ބެލެވުނު ނަމަވެސް، މިހާރު އެ ރޭހަށް އެސްޓަން ވިލާ ވަނީ ވަދެފައެވެ. މި ޓްރާންސްފާ ކާމިޔާބުވެއްޖެ ނަމަ، މިއީ މީގެ ދެ އަހަރު ކުރިން އެމަޑޫ އޮނާނާ ހޯދުމަށް އެސްޓަން ވިލާއިން އެވަަޓަންއަށް ދެއްކި 50 މިލިޔަން ޕައުންޑުގެ ރެކޯޑު އަގަށްވުރެ ބޮޑު އަދަދަކަށް ވެގެންދާނެއެވެ.
އެސްޓަން ވިލާގެ މިޑްފީލްޑަރު ޔޫރީ ޓީލެމަންސް ހޯދުމަށް މެންޗެސްޓަރ ޔުނައިޓެޑުން މަޝްވަރާ ކުރަމުންދާތީ، އޭނާ އެ ކުލަބު ދޫކޮށްދާނެ ކަމަށް ބެލެވެއެވެ. މިހާރުވެސް އެ ޓީމުގެ މިޑްފީލްޑަށް ކުޅުންތެރިން ބޭނުންވެފައިވާއިރު، ބެލްޖިއަމްގެ އޮނާނާއަށް ވޯލްޑް ކަޕުގައި އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ކަކުލުގެ ސީރިއަސް އަނިޔާއެއްގެ ސަބަބުން، އަންނަ އަހަރާ ހަމައަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެއެވެ. އެހެންކަމުން އެސްޓަން ވިލާއިން މިހާރު ވަނީ މަންޒަމްބީ ހޯދުމުގެ ރޭހަށް ވަދެފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 20 އަހަރުގެ މަންޒަމްބީއަށް އެސްޓަން ވިލާއާއެކު ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ލިބުމަކީ، އޭނާ އެ ކުލަބަށް ބަދަލުވުމަށް ޝައުގުވެރިވާ މައިގަނޑު އެއް ސަބަބެވެ. މީގެ ކުރިން މެއި މަހު އިސްތަންބޫލްގައި ކުޅުނު ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލްގައި، އުނާއި އެމެރީގެ އިރުޝާދުގެ ދަށުން ކުޅުނު އެސްޓަން ވިލާ އަތުން 3-0 ގެ ނަތީޖާއަކުން މަންޒަމްބީގެ ޓީމު ވަނީ ބަލިވެފައެވެ.
ސްވިޒަލެންޑަށް ނިސްބަތްވާ މަންޒަމްބީ އަކީ ފީފާ ވޯލްޑް ކަޕް 2026 ގައި އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކުޅުންތެރިޔާއެވެ. އޭނާ އަކީ 1966 ވަނަ އަހަރަށްފަހު ވޯލްޑް ކަޕެއްގައި 5 ލަނޑު ޖެހުމުގައި ބައިވެރިވި އެންމެ ޒުވާން ކުޅުންތެރިޔާއެވެ.