ENGLISH
14 ޖުލައި 2026
ޤަޠަރުގެ އަމީރު, ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކުރައްވައިފި
13 ޖުލައި 2026
|
ޤަޠަރުގެ އަމީރު ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކުރައްވައިފި
އެންމެ މަޤްބޫލު
ޤަޠަރުގެ އަމީރު، ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރައްވައިފި އެވެ.
މިއަދު މެންދުރުފަހު، ވެރިރަށް ދޯހާގައި ހުންނަ ލޫސައިލް ގަނޑުވަރުގައި ކުރިއަށްގެންދެވި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، ދިވެހި ރައްޔިތުންގެ ނަމުގައްޔާއި އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި ތަޢުޒިޔާ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުމާ މެދު މަޝްވަރާކުރައްވައި، އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޢަޒުމު ދެ ޤައުމުން ހިއްސާކުރާކަން ހާމަކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ޤަޠަރުގެ ކުރީގެ އަމީރު ރާއްޖެއަށް ދެއްވާފައިވާ ފާހަގަކޮށްލެވޭފަދަ އެހީތެރިކަމާއި އެއްބާރުލުން ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ.
ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ ވަނީ ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. މީގެ ތެރޭގައި، ޤަޠަރު އެއަރވޭޒް ރާއްޖެއަށް އޮޕަރޭޓްކުރަން ފެށުމާއި، ހައްދުންމަތީގައި ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލު ޤާއިމުކުރުމާއި، ހުޅުމާލޭގައި މަސްޖިދުއްޝައިޚް ޤާސިމް ބިން އަލް ޘާނީ ބިނާކުރުން ހިމެނެ އެވެ.