ENGLISH

11 ޖުލައި 2026

Advertisement

ކުޅުން ހުއްޓާލަންދެން އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި މެސީ ދެމިހުންނާނެ: ސްކަލޯނީ

11 ޖުލައި 2026

|

މުޙައްމަދު އަދުހަމް

ނޫސްވެރިންގެ ބައްދަލުވުމުގައި އާޖެންޓީނާގެ ކޯޗު ސްކަލޯނީ -- ފޮޓޯ: ފީފާ.ކޮމް

އާޖެންޓިނާގެ ކެޕްޓަން ލިއޮނެލް މެސީ ކުޅުން ހުއްޓާލަން ބޭނުންވާ ދުވަހަކާ ޖެހެންދެން، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި އޭނާ ދެމިހުންނާނެ ކަމަށް ގަބޫލުކުރާ ކަމަށް އެ ޓީމުގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްކަލޯނީ ބުނީ މިހާރު އުމުރުން 39 އަހަރުގައި މެސީ ދައްކަމުންދާ ކުޅުމާއި ފިޒިކަލީ އޭނާ ހުރި ހާލަތާ މެދު ހައިރާން ނުވާ ކަމަށެވެ.

މެސީގެ ފިޓްނަސް އެއްވަރެއްގައި، ރަނގަޅަށް ބެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަން ސްކަލޯނީ ފާހަގަކުރިއެވެ. މެސީ އަށް ކުޅެވޭނެ އެންމެ ރަނގަޅަށް ކުޅުމަށްޓަކައި ގަދައަޅައި މަސައްކަތްކުރާ ކަމަށްވެސް ސްކަލޯނީ ބުންޏެވެ.

"ފިޓްނަސް ކޯޗާއެކު މެޗުތަކަށް ތައްޔާރުވުމަށް ފިޒިކަލީ ގިނަ މަސައްކަތްތަކެއް މެސީ ކޮށްފައިވޭ،" ސްކަލޯނީ ބުންޏެވެ.

ވޯލްޑް ކަޕުގައި މިސްރާއި އާޖެންޓީނާ ބައްދަލުކުރި މެޗުގައި މެސީ (ވ) ކުޅެނީ -- ފޮޓޯ: އޭޕީ

މުބާރާތުގެ މިހާ ހިސާބަށްއައިއިރު ވޯލްޑް ކަޕުގެ ރަން ބޫޓަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި ރަނގަޅު ވާދައެއް ކުރަމުން އަންނަ މެސީ ވަނީ 8 ލަނޑުޖަހައިފައެވެ. މި އަހަރުގެ މުބާރާތުގައި ޖެހި ލަނޑުތަކާއެކު މެސީ އަކީ ވޯލްޑް ކަޕުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާވެސް މެއެވެ. ވޯލްޑް ކަޕުގައި މެސީ ޖެހި ލަނޑުގެ އަދަދު މިހާރު ވަނީ 21 އަށް އަރާފައެވެ.

މީގެއިތުރުން، މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުގައި މިސްރު އަތުން ފަހަތުންއަރައި އާޖެންޓީނާ މޮޅުކޮށްދިނުމުގައި މެސީ ދައުރު ބޮޑެވެ. އެ މެޗުގެ ފަހު 11 މިނެޓުގެ ތެރޭގައި އާޖެންޓީނާ އިން ނަތީޖާ އަނބުރާލިއިރު މެސީ ވަނީ ލަނޑެއްޖަހައި، އިތުރު ގޯލެއްޖެހުމަށް މަގުފަހިކޮށްދީފައެވެ.

"އޭނާގެ އެންމެ ބެސްޓް ދީފިނަމަ ނުރައްކާ ކުރެވޭނެ. އޭނާއަކީ މެޝިނެއް ފަދަ ކުޅުންތެރިއެއް،" ސްކަލޯނީ ބުންޏެވެ.

ސްކަލޯނީ ބުނި ގޮތުގައި މެސީގެ އުމުރުގެ ސަބަބުން ކުޅުން ދަށްވާނެ ކަމަށް އުންމީދު ކުރާ މީހުންނަށް އޭނާ އެނގެނީ ވަރަށް ކުޑަކޮށެވެ. އެކަމާ އޭނާ ހައިރާން ނުވާ ކަމަށާއި، އުމުރުން 39 އަހަރުގައި އެ ފެންވަރުގައި މެސީ އަށް ނުކުޅެވިދާނެ ކަމަށް ނުދަންނަ މީހަކު ހީކޮށްފާނެ ކަމަށް ސްކަލޯނީ ބުންޏެވެ.

ވޯލްޑް ކަޕުގައި މިސްރާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގައި މެސީ (ކ) ބޯޅަ ފޮނުވާލަނީ -- ފޮޓޯ: އޭޕީ

"އޭނާ ނުދަންނަ މީހުން އުންމީދުކޮށްފާނެ 39 އަހަރުގައި މި ފެންވަރުގައި ނުކުޅެވޭނެ ކަމަށް. އެކަމަކު އަހަރެން މި ވާހަކަ ކިތަންމެ ފަހަރަކު ދައްކައިފިން؛ އޭނާ ބޭނުންވާހާ ހިނދަކު އޭނާ ވާނީ އެންމެ މޮޅު ކުޅުންތެރިޔާއަށް. އަހަރެން އެހެން ބުނަނީ ހަމައެކަނި އޭނާގެ ކޯޗަށް ވީތީއެއް ނޫން." ސްކަލޯނީ ބުންޏެވެ.

ސްވިޒަލެންޑާ ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން ދެއްކި ވާހަކައިގައި ސްކަލޯނީ ވަނީ ޕެނަލްޓީ ޝޫޓްއައުޓްގައި ކޮލަމްބިއާ ބަލިކޮށް، އެ ޓީމުން މޮޅުވުމުން ތައުރީފުކޮށްފައެވެ. އެގޮތުން، ސްކަލޯނީ ބުނީ، މުބާރާތުގައި ފަސޭހަ ވާދަވެރިއެއް ނޯންނާނެކަން އެންމެންނަށްވެސް އެނގޭނެ ކަމަށެވެ.

"އެއީ ވަރަށް މޮޅު ޓީމެއް. ދުނިޔޭގެ އެންމެ މޮޅު ޓީމުތަކާ ވާދަކޮށް އެމީހުން ކުރިހޯދައި. މޮޅުވިޔަސް ނުވަތަ ބަލިވިޔަސް، އެމީހުން އަބަދުވެސް ރަނގަޅު ވާދައެއް ކުރޭ. އެއީ ވޯލްޑް ކަޕްގެ ތާރީޚެއް އޮތް، ތަޖުރިބާކާރު ކުޅުންތެރިން ތިބި، ފިޒިކަލީވެސް ވަރުގަދަ ޓީމެއް." ސްކަލޯނީގެ ވާހަކަ ނިންމާލަމުން ބުންޏެވެ.

އެމެރިކާގެ ކެންސަސް ސިޓީގައި ސްވިޒަލެންޑާ ދެކޮޅަށް އާޖެންޓީނާ ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފަށާނީ ރާއްޖެގަޑިން މާދަމާ ހެނދުނު 6 ޖަހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު