ENGLISH

11 ޖުލައި 2026

Advertisement

އިންގްލެންޑް ބަލިކުރެވިދާނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތް: ނޯވޭގެ ކޯޗު

11 ޖުލައި 2026

|

މުޙައްމަދު އަދުހަމް

ނޫސްވެރިންގެ ބައްދަލުވުމުގައި ނޯވޭގެ ކޯޗު ސޯލްބަކެން -- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި މުހިއްމު މެޗަކަށް ނިކުތުމަށް ތައްޔާރުވަމުންދާއިރު، އެ މެޗުގައި ވަރުގަދަ އިންގްލެންޑް ބަލިކުރެވިދާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ނޯވޭގެ ކޯޗު، ސްޓޭލް ސޯލްބަކެން ބުނެފިއެވެ.

މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނޯވޭގެ ކޯޗު، ސޯލްބަކެން ބުނީ، މުބާރާތް ފެށިއިރު އެފަދަ މެޗަކަށް ނިކުންނަން ކޮންމެވެސް ވަރަކަށް ޖެހިލުންވިނަމަވެސް މިހާރު އެކަން ފިލައިގެންގޮސްފައިވާ ކަމަށެވެ.

ސޯލްބަކެން ބުނީ، ނޯވޭގެ ތާރިހުގައި ކުރިމަތިލާ އެންމެ ބޮޑު އަދި އެންމެ މުހިއްމު މެޗަށް ނިކުތުމަށް ތައްޔާރުވަމުންދާއިރު އެ މެޗުގައި ޖެހިލުމެއްނެތި ކުޅުމަށް އޭނާގެ ކުޅުންތެރިންނަށް ބާރުއަޅާފައިވާ ކަމަށެވެ.

"އަހަރެމެންނަށް އެންމެ މުހިއްމީ ބޯޅަ ހިފަހައްޓައިގެން އަހަރެމެންގެ އަމިއްލަ ކުޅުން ދެއްކުން. ވަށައިގެންވާ މާހައުލަށްވުރެ ބޮޑަށް ދަނޑުމަތީގައި ހިނގާ ކަންކަމަށް ސަމާލުކަންދީގެން ކުޅުން އެންމެ މުހިއްމީ،" ސޯލްބަކެން ބުންޏެވެ.

ސޯލްބަކެން ބުނީ، މިރޭގެ މެޗުގައި އިނގިރޭސީންނާ ދެކޮޅަށް ނޯވޭ ޓީމުގެ ހަގީގީ ކުޅުން ދައްކައި، އަމިއްލަ ބާރުގައި މެޗު ކޮންޓްރޯލް ކުރާތަން ދެކެން ބޭނުންވާ ކަމަށެވެ.

ބްރެޒިލާ ދެކޮޅަށް ނޯވޭ ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ: އޭޕީ

މި މުބާރާތުގެ ފުރަތަމަ މެޗުގެ ކުރީކޮޅު އިރާގާ ދެކޮޅަށް ނޯވޭއަށް އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، ފަހުން ވަނީ 4-1 އިން މޮޅުވެ، ރަނގަޅު ފޯމަކަށް އައިސްފައެވެ.

ސޯލްބަކެން ފާހަގަކުރި ގޮތުގައި، އިރާގު މެޗުގެ ފުރަތަމަ 20 މިނެޓުގައި ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ހާސްބޮޑުވެ، އެންމެ ރަނގަޅަށް ނުކުޅެވުނެވެ. ފަހަރުގައި އެއީ 26 އަހަރުގެ މެދުކެނޑުމަކަށްފަހު ބޮޑު މުބާރާތެއްގައި ނޯވޭ ކުޅޭ ފުރަތަމަ ފަހަރު ކަމަށްވެފައި، ވޯލްޑް ކަޕްގެ ތަޖުރިބާ ކުޅުންތެރިންގެ ކިބައިގައި ނެތުމުން ދިމާވި ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުގައި ބްރެޒިލް ފަދަ ވަރުގަދަ ޓީމެއްގެ މައްޗަށް ކުރިހޯދުމުން، ކުޅުންތެރިންގެ އަމިއްލަ ނަފްސަށް އޮތް އިތުބާރު ބޮޑުވެފައިވީނަމަވެސް، ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅޭ އިނގިރޭސި ޓީމުގެ ނުރައްކާތެރިކަމާ މެދު ސަމާލުވާންޖެހޭ ކަމަށް ސޯލްބަކެން ބުންޏެވެ.

"އިނގިރޭސި ޓީމަކީ އަރިމަތިންނާއި އަދި ހާއްސަކޮށް، ބެލިންހަމް އާއި ކޭން ފަދަ ކުޅުންތެރިން މެދުވެރިކޮށް ކޮންމެ ވަގުތަކުވެސް ލަނޑު ޖަހާފާނެ ވަރުގަދަ ޓީމެއް. މެދުތެރޭގައިވެސް އެމީހުންގެ އޮތީ ވަރުގަދަ ޕެއާއެއް. އެމީހުންނާ ރަނގަޅު ވާދައެއް ކުރަންޖެހޭނެ. އެހެންކަމުން އަހަރެމެން ވަރަށް ރަނގަޅަށް ޑިފެންސްކުރަންޖެހޭނެ." ސޯލްބަކަން ބުންޏެވެ.  

ވޯލްޑް ކަޕުގެ މެޗަކަށްފަހު ނޯވޭގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: އޭޕީ

އިނގިރޭސީން ބަލިކުރެވޭނީ ނޯވޭ ޓީމުގެ އެންމެ މޮޅު ކުޅުން ދައްކައިގެން ކަމަށް ސޯލްބަކެން ބުންޏެވެ.

އިނގިރޭސިވިލާތް މުބާރާތުން ބޭރުކޮށްލެވިއްޖެނަމަ، އެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ކޮބައިތޯ ނޫސްވެރިއަކު ސުވާލުކުރުމުން، ސޯލްބަކެން ހިނިތުންވުމަކާއެކު ޖަވާބުދިނީ "އެ ސުވާލަށް ޖަވާބުދޭނީ އެމީހުން ބަލިކުރުމަށްފަހު" ކަމަށެވެ.

ސޯލްބަކެންގެ ވާހަކަ ނިންމާލަމުން ބުނީ، ބްރެޒިލް މެޗަށްފަހު ދެން އޮތް މެޗަށް ތައްޔާރުވުމަށް ލިބުނު ފަސް ދުވަހުގެ ތެރޭގައި ޓީމުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި އިންގްލެންޑާ ނޯވޭ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ މެންދަމު 2 ޖަހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު