ENGLISH

12 ޖުލައި 2026

Advertisement

މުޅިން އަލަށް ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް އަޒަރުބައިޖާނުގައި، ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށްވެސް

11 ޖުލައި 2026

|

އިސްމާއިލް ޝާހު

ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން ރާއްޖޭގެ ދިދަ --- ފޮޓޯ: އެފްއޭއެމް

ފީފާގެ 15 އަހަރުން ދަށުގެ ފުރަތަމަ ވޯލްޑް ކަޕް އަޒަރުބައިޖާނުގައި ބާއްވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށްވެސް އެބައޮތެވވެ.

ފެސްޓިވަލެއްގެ ގޮތުގައި ކުރިއަށްދާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 22 އިން 31 އަށެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ކުރިމަގު ބައްޓަންކުރުމަށް ފީފާ ކައުންސިލުން ފާސްކޮށްފައިވާ މި މުބާރާތުގައި ދިވެހިރާއްޖެ ހިމެނޭހެން، ފީފާގެ މެންބަރު ހުރިހާ (211) އެސޯސިއޭޝަނަށް ބައިވެރިވުމުގެ ފުރުސަތު އެބައޮތެވެ.

ފީފާއިން މި މުބާރާތް ކުރިއަށްގެންދާނީ އެކި ފޭސްތަކަށް ބަހާލައިގެން:

  • 2026 (ފުރަތަމަ މުބާރާތް): މި އަހަރުގެ މުބާރާތް ބާއްވާނީ ހަމައެކަނި ފިރިހެން ކުދިންގެ ޓީމުތަކަށެވެ.
  • 2027: އެ އަހަރު މުބާރާތް ބާއްވާނީ ހަމައެކަނި އަންހެން ކުދިންގެ ޓީމުތަކަށެވެ.
  • 2028 އިން ފެށިގެން: ކޮންމެ އަހަރަކުވެސް ފިރިހެން އަދި އަންހެން ކުދިންގެ މުބާރާތް ވަކިން، އެއް ދުވަސްވަރެއްގައި ކުރިއަށްދާނެއެވެ.

15 އަހަރުން ދަށުގެ ކުޅުންތެރިންގެ ހުނަރު އެންމެ ފުރިހަމައަށް ތަރައްގީކުރުމަށްޓަކައި، މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އާދައިގެ މުބާރާތްތަކާ ތަފާތު ގޮތަކަށެވެ.

އާންމުކޮށް ދައުވަތު ދީގެން ސަރަހައްދީ ކޮލިފިކޭޝަން ބުރުތަކެއް ކުޅުމުގެ ބަދަލުގައި، ފީފާގެ މެންބަރު ހުރިހާ ޤައުމަކަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރސަތު އޮންނާނެއެވެ. އަދި 14 އާއި 15 އަހަރުގެ ކުޅުންތެރިންގެ ޖިސްމާނީ ގާބިލުކަމަށް ރިއާޔަތްކޮށް، މެޗުތަކުގެ ވަގުތު ވަނީ ކުރުކުރެވިފައެވެ.

ފަންނީ ހުނަރުތަކާއި ހަލުވި ކުޅުމެއް ފެނިގެންދާނެ ގޮތަށް، ކުޅޭ ދަނޑުގެ ސައިޒު ކުޑަކުރެވިފައިވާއިރު، އާދައިގެ މަތިން 11 ކުޅުންތެރިންގެ ބަދަލުގައި، މި މުބާރާތުގެ މެޗުތަކުގައި ކޮންމެ ޓީމަކުން ކުޅޭނީ 7 ނުވަތަ 9 ކުޅުންތެރިންނެވެ.

ފީފާގެ ބިއުރޯ އޮފް ދަ ކައުންސިލުން މި މުބާރާތް ބާއްވާ ޤައުމަކަށް އަޒަރުބައިޖާން އިޚްތިޔާރުކުރީ، އެ ޤައުމަކީ ގިނަ އަދަދެއްގެ ޒުވާން އެތުލީޓުންނާއި އޮފިޝަލުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ވަސީލަތްތައް ހުރި ޤައުމަކަށް ވާތީއެވެ. މިއީ 2027 ވަނަ އަހަރު އަޒަރުބައިޖާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުންނާއި، އެ ޤައުމުގެ ކުޅިވަރުގެ އިންތިޒާމުތައް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ފީފާއިން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު