ENGLISH
12 ޖުލައި 2026
ޖަރުމަނުގެ ކޯޗުކަމާ ހަވާލުވުމަށް ކްލޮޕާއެކު އެއްބަސްވުމަކަށް
11 ޖުލައި 2026
|
ޖަރުމަނުގެ ކޯޗުކަމާ ހަވާލުވާނެ ކަމަށް ބެލެވޭ ޔާގަން ކްލޮޕް --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ޖަރުމަނުގެ ކޯޗުކަމާ ހަވާލުވުމަށް ޔާގަން ކްލޮޕާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ޖަރުމަން ފުޓްބޯޅަ އެސޯސިއޭޝަނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. ކޯޗު ހޫލިއަން ނާގަލްސްމަން މަގާމުން އިސްތިއުފާދިނުމާއެކު، އުމުރުން 59 އަހަރުގެ ކްލޮޕް އެ މަގާމާ ހަވާލުވާނީ 2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ނިޔަލަށް ދެމިގެންދާ އެއްބަސްވުމެއްގެ ދަށުން ކަމަށް ބެލެވެއެވެ.
މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖަރުމަން ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ބާންޑް ނިއުންޑޯފް އާއި ނައިބު ރައީސް، ހަންޒް-ޔޯކިމް ވަޓްޒްކޭ، ނިއުޔޯކުގައި އިއްޔެ ކްލޮޕާ ބައްދަލުކުރައްވައި، ޤައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ. މި ބައްދަލުވުމުގައި އެކުލަވާލެވޭ އެއްބަސްވުމުގެ މައިގަނޑު އަސާސްތަކަށް ދެ ފަރާތުން އެއްބަސްވެފައިވާއިރު، އަންނަ ހަފުތާގައިވެސް މި މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ވަނީ ބުނެފައެވެ.
މިވަގުތު ކްލޮޕް ވަޒީފާ އަދާކުރަމުންދާ ރެޑްބުލް ކުންފުންޏާއެކު އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ، މި މަޝްވަރާތައް ކާމިޔާބުކަމާއެކު ނިންމާލެވޭނެ ކަމުގެ ފުރިހަމަ އިތުބާރު ދެ ފަރާތަށް އެބައޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ. ކްލޮޕްއާއެކު ވެވޭ އެއްބަސްވުން އެންމެ ފަހުން ނިންމާނީ ޖަރުމަން ފުޓްބޯޅަ އެސޯސިއޭޝަނުގެ ސުޕަވައިޒަރީ ބޯޑާއި، ހިއްސާދާރުންގެ ބައްދަލުވުމެއްގައެވެ.
ޖަރުމަނު ޓީމުން މި ފަހަރުގެ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގެ އެއްވަނަ ހޯދި ނަމަވެސް، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެކުއަޑޯ އަތުން ބަލިވެ، ދެވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން ޕެރަގުއޭ އަތުން ބަލިވެ މުބާރާތުން ވަނީ ކަޓާފައެވެ. މުބާރާތުން ވަކިވާން ޖެހުމުން ނާގަލްސްމަން ކުރިން ބުނެފައިވަނީ އޭނާ އަކީ "ފިލައިގެންދާނެ މީހެއް ނޫން" ކަމަށާއި، މަގާމުގައި ދެމިހުންނަން ބޭނުންވާ ކަމަށެވެ. ނަމަވެސް މި މަހުގެ ތިންވަނަ ދުވަހު އޭނާ މަގާމުން ވަކިވާނެކަން ވަނީ އިއުލާންކޮށްފައެވެ.
ޖަރުމަން ފުޓްބޯޅަ އެސޯސިއޭޝަނުން ބުނި ގޮތުގައި 2028 ވަނަ އަހަރުގެ ޔޫރޯ މުބާރާތާ ހަމައަށް ނާގަލްސްމަންއާއެކު އޮތް އެއްބަސްވުން ވަނީ ވަގުތުން އުވާލާފައެވެ. އަދި މި މަގާމާ ހަވާލުވުމަށް ކްލޮޕް ތައްޔާރަށް ހުރިކަމުގެ އިޝާރާތެއް އޭނާ ކުރިންވެސް ދީފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
2023/24 ވަނަ އަހަރުގެ ސީޒަން ނިންމުމަށްފަހު ލިވަޕޫލްގެ ކޯޗުކަމުން ވަކިވި ފަހުން ކްލޮޕް ހުރީ އެއްވެސް ޓީމެއްގެ ކޯޗުކަމާ ހަވާލުނުވެއެވެ. އޭނާ ވަނީ ލިވަޕޫލަށް އިނގިރޭސި ޕްރިމިއަރ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ. އޭގެ ފަހުން އޭނާ އަދާކުރަމުންދިޔައީ ރެޑްބުލްގެ "ހެޑް އޮފް ގްލޯބަލް ސޮކަރ" ގެ މަގާމުގެ އިތުރުން ވޯލްޑް ކަޕުގައި ޖަރުމަން ޓީވީގެ އެނަލިސްޓެއްގެ މަގާމެވެ.