ENGLISH
12 ޖުލައި 2026
ވޯލްޑް ކަޕުގައި ދެކުނު އެފްރިކާއަށް ކުޅުނު އެޑަމްސް މަރުވެފައި އޮއްވައި ފެނިއްޖެ
11 ޖުލައި 2026
|
މުބާރާތުގައި ދެކުނު އެފްރިކާއަށް އެޑަމްސް ކުޅެނީ --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2026 ގައި ދެކުނު އެފްރިކާ ޓީމަށް ކުޅުނު ޖޭޑަން އެޑަމްސް މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
އުމުރުން 25 އަހަރުގެ އެޑަމްސް ވަނީ، މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ދެކުނު އެފްރިކާ ކުޅުނު ތިން މެޗުގައިވެސް ކުޅެފައެވެ. އެ ޓީމުން ނޮކްއައުޓް ބުރުގައި ކެނެޑާ އަތުން ބަލިވި މެޗުގައި އެޑަމްސް އިނީ ބެންޗުގައެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗުގެ އެއް ދުވަސް ކުރިން އެޑަމްސްގެ މާމަ ނިޔާވުމާ ގުޅިގެން، އެ މެޗުގެ ފުރަތަމަ ހާފަށް ފަހު އޭނާ ވަނީ ބަދަލުކޮށްފައެވެ.
އޭނާ ނިޔާވި ސަބަބެއް ރަސްމީ އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ދެކުނު އެފްރިކާގެ ކުޅިވަރާ ބެހޭ ވަޒީރު، ގޭޓަން މެކެންޒީވެސް ވަނީ މި ހިތާމައިގައި ބައިވެރިވެ، އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ.
"އެކެޑަމީން ތަމްރީނުވެ، ޤައުމީ ޓީމުގެ މުހިންމު ތަރިއަކަށް އޭނާ ވެގެންދިޔަ މަންޒަރު ބަލަން ތިބި އެތައް މިލިޔަން ސަޕޯޓަރުންނާއި އާއިލާގެ ހިތާމައިގައި މުޅި ގައުމު ބައިވެރިވޭ." ވަޒީރު މެކެންޒީ ވިދާޅުވިއެވެ.
މީގެ އިތުރުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯވެސް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ތައުޒިޔާ ފޮނުއްވާފައެވެ. އިންފަންޓީނޯ ވިދާޅުވީ މި ހިތާމައިގައި ފީފާ އާއި ދުނިޔޭގެ ފުޓްބޯޅަ އާއިލާ ބައިވެރިވާ ކަމަށެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ދެކުނު އެފްރިކާގެ ފުޓްބޯޅަ ކުޅުންތެރިންގެ ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ އެ ޤައުމުގެ ފުޓްބޯޅައަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ކަމަށާއި، އޭނާއަކީ ޤައުމަށްޓަކައި އިޚުލާސްތެރިކަމާއެކު މަސައްކަތްތަކެއް ކޮށްދިން ހުނަރުވެރި ޒުވާން ކުޅުންތެރިއެއް ކަމަށެވެ.
ސްޓެލެންބޮޝް އެފްސީގެ ޒުވާން ޓީމުތަކުން ވިދާލި އެޑަމްސް، އެންމެ ފަހުން ކުޅެމުން އައި ޕްރިޓޯރިއާގެ މަމެލޯޑީ ސަންޑައުންސްއާ ގުޅުނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އެ ޓީމާއެކު އޭނާ ވަނީ އެންމެ ފަހުގެ އެފްރިކަން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.
ޤައުމީ ޓީމަށް އެޑަމްސް އެންމެ ފުރަތަމަ ކުޅުނީ 2022 ވަނަ އަހަރު މޮޒަމްބީގާ ދެކޮޅަށެވެ. އޭނާ ވަނީ ޤައުމީ ޓީމަށް 13 މެޗު ކުޅެދީފައެވެ. މިހާތަނަށް ޤައުމީ ޓީމަށް ޖަހައިދިން ދެ ލަނޑުވެސް ފެނިގެންދިޔައީ ވޯލްޑް ކަޕް ކޮލިފައިންގައެވެ.