ENGLISH

11 ޖުލައި 2026

Advertisement

އާޖެންޓީނާ މެޗުގައިވެސް ސްވިޒަލެންޑުގެ މަންޒަމްބީއަށް ނުކުޅެވޭނެ

11 ޖުލައި 2026

|

އިސްމާއިލް ޝާހު

ސްވިޒަލެންޑްގެ އެންމެ މުހިންމު ފޯވާޑް ޔޯހަން މަންޒަމްބީ --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗުގައި، ސްވިޒަލެންޑްގެ އެންމެ މުހިންމު ފޯވާޑް ޔޯހަން މަންޒަމްބީއަށް ނުކުޅެވޭނެކަން އެ ޓީމުގެ ކޯޗު މުރާތު ޔަކިން ކަށަވަރުކޮށްދީފިއެވެ. މިއީ މުބާރާތުގެ ތަށި ދިފާއުކުރުމަށް ނުކުންނަ އާޖެންޓީނާއާ ދެކޮޅަށް ތައްޔާރުވަމުންދާ ސްވިޒަލެންޑް ޓީމަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ.

މި މުބާރާތުގައި ތިން ލަނޑު ޖަހައި، ދެ ލަނޑު ޖެހުމަށް އެހީތެރިވެދީފައިވާ މަންޒަމްބީގެ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން، ގަދަ 16 ގައި ކޮލަމްބިއާ އަތުން ޕެނަލްޓީ ޖަހައިގެން ސްވިޒަލެންޑް މޮޅުވި މެޗުގައިވެސް ކުޅެފައެއް ނުވެއެވެ. ކޯޗު ޔަކިން ބުނި ގޮތުގައި މެޗަށް ފިޓުވުމަށް އޭނާ ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.

"އޭނާ އަނބުރާ ޓީމަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަހަރެމެން ކުރިން. އެކަމަކު ހިތާމައަކީ މި މެޗުގައި އޭނާއަށް ނުކުޅެވޭނެތީ،" ޔަކިން ބުންޏެވެ. "މިއީ އަހަރެމެން އެންމެންނަށް ލިބުނު ވަރަށް ބޮޑު މާޔޫސްކަމެއް. އޭނާ ހުރީ ވަރަށް ރަނގަޅު ފޯމެއްގައި، އަދި އޭނާ ކުޅޭއިރު މުޅި ޓީމަށް އުފާވެރިކަން ލިބޭ."

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސްވިޒަލެންޑުގެ ކޯޗު މުރާތު ޔަކިން --- ފޮޓޯ: އޭއެފްޕީ

ވޭތުވެދިޔަ 72 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ސްވިޒަލެންޑް ދަތުރުކޮށްފައިވާއިރު، އަށް ފަހަރު ބަލޮންޑޯ އެވޯޑް ހޯދާފައިވާ ލިއޮނެލް މެސީއަށް މާ ބޮޑު ސަމާލުކަމެއް ދޭކަމަށް ދެކެވޭ ވާހަކަތައް އެ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ ވަނީ ދޮގުކޮށްފައެވެ. އޭނާ ބުނީ މުޅި ޓީމުގެ އަމާޒަކީ އާޖެންޓީނާ ބަލިކޮށް ހައިރާންކަމެއް ގެނައުން ކަމަށެވެ.

ކޯޗު ޔަކިން ގަބޫލުކުރާ ގޮތުގައި މެސީގެ ނުރައްކާ ކުޑަކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އޭނާއަށް ބޯޅަ ލިބުނަނުދީ ހިފެހެއްޓުމެވެ. "އަހަރެމެންގެ ބާރުގެ ދަށުގައި ބޯޅަ އޮންނަ ނަމަ، އޭނާއަށް ބޮޑު ރޯލެއް ނުކުޅެވޭނެ. އަހަރެމެންގެ އަމިއްލަ ކުޅުން ކުޅެ، އޭނާއަށް ފުރުސަތު ނުދިނުމަށް މަސައްކަތް ކުރާނަން،" ޔަކިން ބުންޏެވެ.

33 އަހަރުގެ ޝަކާ ދެކޭގޮތުގައި މިއީ އޭނާގެ ކެރިއަރުގައި ކުރިމަތިވާނެ އެންމެ މުހިންމު އެއް މެޗެވެ. ސްވިޒަލެންޑުން އެންމެ ފަހުން ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލެއްގައި ކުޅުނީ 1954 ވަނަ އަހަރުއެވެ. "72 އަހަރަށްފަހު ދުނިޔޭގެ ޗެމްޕިއަނުންނާ ދެކޮޅަށް މިފަދަ މެޗެއް ކުޅެން ލިބުމަކީ އަހަރެން ފަޚުރުވެރިވާ ކަމެއް. އަހަރެން މިހުރީ ހަމައެކަނި ވާހަކަ ދައްކާކަށް ނޫން، އަހަރެން ބޭނުންވަނީ ކުރިއަށް ހުރި ފިޔަވަޅުތައް ގިރާކޮށް ކާމިޔާބީއާ ހަމައަށް ދާން،" ސަންޑަލެންޑަށް ކުޅޭ މިޑްފީލްޑަރު ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސްވިޒަލެންޑުގެ ކެޕްޓަން ގްރޭނިޓް ޝަކާ --- ފޮޓޯ: އޭއެފްޕީ

2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ގަދަ 16 ގައި އާޖެންޓީނާ އަތުން ސްވިޒަލެންޑް ބަލިވި ނަމަވެސް، ޝަކާ ބުނީ މިއީ ބަދަލުހިފުމުގެ މެޗެއް ނޫން ކަމަށާއި، މިއީ މުޅިން ތަފާތު އައު މެޗެއް ކަމަށެވެ. ސްވިޒަލެންޑުގެ ސަޕޯޓަރުންނަށް މުޚާތަބުކޮށް އޭނާ ބުނީ ހުވަފެން ދެކުން ހުއްޓާނުލުމަށާއި، އެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި އާޖެންޓީނާ ފަދަ ވަރުގަދަ ޓީމެއް ބަލިކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

އެމެރިކާގެ ކެންސަސް ސިޓީގައި މި މެޗު ކުޅޭއިރު، އެ ސިޓީގެ ހޫނު މޫސުމާ މެދުވެސް ސްވިޒަލެންޑް ޓީމުން ކަންބޮޑެއް ނުވެއެވެ. ޝަކާ ބުނި ގޮތުގައި ކުއާޓާ ފައިނަލް ފަދަ މުހިންމު މަރުހަލާއެއްގައި މޫސުމަކީ ބަހަނާއަކަށް ވެގެން ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު