ENGLISH
11 ޖުލައި 2026
ވޯލްޑް ކަޕުގައި ރެފުރީން ކުރަމުންދަނީ ފުރިހަމަ މަސައްކަތެއް: މާޓިނޭޒް
11 ޖުލައި 2026
|
ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި ކާބޯ ވާޑޭ ކޮޅަށް ލަނޑު ޖެހުމަށްފަހު އާޖެންޓީނާގެ މާޓިނޭޒް އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ކުޅުނު މެޗުގައި ރެފުރީން ނިންމި ނިންމުންތަކާ ގުޅޭގޮތުން މިސްރުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވީ ނަމަވެސް، ރެފުރީންގެ މަސައްކަތަށް އާޖެންޓީނާގެ ޑިފެންޑަރު ލިސަންދްރޯ މާޓިނޭޒް ތައުރީފުކޮށްފައެވެ.
މިސްރާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، އާޖެންޓީނާ ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. މި މެޗުގެ ފަހު 11 މިނެޓަށް ދިޔައިރު 2-0 ގެ ނަތީޖާއަކުން މިސްރު ކުރީގައި އޮއްވައި، އާޖެންޓީނާއިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައި މެޗު ކާމިޔާބުކޮށްފައެވެ.
ނަމަވެސް މެޗުގެ 62 ވަނަ މިނެޓުގައި މިސްރުގެ މުސްތަފާ ޒީކޯ ޖެހި ލަނޑެއް ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) މެދުވެރިކޮށް ކެންސަލްކުރުމާ ގުޅިގެން، މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ރެފުރީންގެ ނިންމުންތަކަށް ފާޑުކިޔައި ޝަކުވާ ހުށަހަޅާފައެވެ.
މި މައްސަލައާ ގުޅިގެން ފީފާގެ ރެފުރީންގެ އިސްވެރިޔާ ޕިއެރްލުއިޖީ ކޮލީނާ ވަނީ ރެފުރީންގެ ދިފާއުގައި ވާހަކަދައްކާފައެވެ. އޭނާ ބުނީ ރެފުރީން މަސައްކަތް ކުރަނީ މިނިވަންކަމާއެކު ކަމަށާއި، ވަކި ފަރާތަކަށް ޖެހިފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ބަލައިނުގަނެވޭނެ ކަމަށެވެ.
މި މުބާރާތުގެ ރެފުރީންނާ ގުޅޭގޮތުން މާޓިނޭޒްއާ ސުވާލުކުރުމުން އޭނާ ބުނީ، "ނޫން، އެއްވެސް ޝަކުވާއެއް ނެތް. އަހަރެން ދެކޭގޮތުގައި ރެފުރީން ކުރަނީ ވަރަށް ފުރިހަމަ މަސައްކަތެއް. މައްސަލަތައް އުފައްދަނީ ބައެއް ފަހަރު މީޑިއާއިން. އަހަރެމެންގެ ހުރިހާވެސް ސަމާލުކަމެއް ހުރީ ދަނޑުމަތީގައި އެންމެ ފުރިހަމަ ކުޅުން ދެއްކުމަށް،" ކަމަށެވެ.
ކުއާޓާ ފައިނަލުގައި އާޖެންޓީނާ މިރޭ އެމެރިކާގެ ކެންސަސް ސިޓީގައި ބައްދަލުކުރާނީ ސްވިޒަލެންޑާއެވެ. މި މެޗާ ގުޅޭގޮތުން މާޓިނޭޒް ބުނީ، އާޖެންޓީނާގެ ޓީމުން އަބަދުވެސް އިދިކޮޅު ޓީމަށް އިހުތިރާމުކުރާ ކަމަށެވެ. "ސްވިޒަލެންޑް މި ހަރުފަތަށް އައީ އެ މީހުންގެ ހުނަރުވެރިކަމުން. އެ މީހުންނަކީ ޖިސްމާނީ ގޮތުން ވަރުގަދަ، އަދި ސެޓް-ޕީސްތަކުގައި ނުރައްކާތެރި ޓީމެއް. މިއީ ބަލާލަން ވަރަށް ރީތި މެޗަކަށް ވާނެ،" އޭނާ ބުންޏެވެ.
މީގެއިތުރުން އާޖެންޓީނާގެ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ ބުނީ އިދިކޮޅު ޓީމަކީ ކޮބައިތޯ ބެލުމަށްވުރެ ބޮޑަށް އާޖެންޓީނާއިން އިސްކަންދެނީ އަމިއްލަ ޓީމުގެ ކުޅުން ރަނގަޅުކޮށް، ހެދޭ ގޯސްތައް އިސްލާހުކުރުމަށް ކަމަށެވެ. ރޮމޭރޯ އަކީ މިސްރާ ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ.