ENGLISH

11 ޖުލައި 2026

Advertisement

ސްޕެއިންގެ ކާމިޔާބީގެ އަސްލަކީ ޓީމުގެ އެއްބައިވަންތަކަން: ޑެ ލަ ފުއެންޓޭ

11 ޖުލައި 2026

|

އިސްމާއިލް ޝާހު

ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ސްޕެއިންގެ ކާމިޔާބީގެ އަސްލަކީ ވަކިވަކި ކުޅުންތެރިންގެ ހުނަރަށްވުރެ ބޮޑަށް، މުޅި ޓީމުގެ އެއްބައިވަންތަކަން ކަމަށް އެ ޓީމުގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނެފިއެވެ.

ޑެ ލަ ފުއެންޓޭ ގެނައި ބަދަލުތަކާއެކު، ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ބެލްޖިއަމް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެ، ސްޕެއިން ވަނީ ސެމީއަށް ދަތުރުކޮށްފައެވެ. މި މެޗުގައި ސްޕެއިންގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ކޯޗުގެ އިތުބާރާއެކު ޓީމުން ފުރުސަތު ހޯދި ފަބިއަން ރުއިޒް އާއި މިކޭލް މެރީނޯއެވެ.

ޕެޑްރީގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ހިމެނި ފަބިއަން ރުއިޒް މެޗުގެ ފުރަތަމަ ލަނޑު ޖަހައިދިންއިރު، މެރީނޯ ކުޅެން އެރީ މެޗުގެ 86 ވަނަ މިނެޓުގައެވެ. އޭނާ މެޗު ކާމިޔާބުކޮށްދިން ލަނޑު ޖެހީ ކުޅެން އެރިތާ ދެ މިނެޓު ފަހުން، ބެލްޖިއަމްގެ ބަދަލު ގޯލްކީޕަރު ސެން ލަމެންސް އަތުން ގެއްލުނު ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

މިއީ ޑެ ލަ ފުއެންޓޭގެ އިރުޝާދުގެ ދށުން މެރީނޯ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި، މުބާރާތެއްގެ ނޮކްއައުޓް މަރުހަލާގައި މޮޅުވި ލަނޑު ޖަހައިދިން ތިންވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ ޔޫރޯ 2024 ގެ ކުއާޓާ ފައިނަލްގައި ޖަރުމަން އަތުން ސްޕެއިން މޮޅުކޮށްދީ، މިފަހަރުގެ ވޯލްޑް ކަޕުގެ ގަދަ 16 ގައި ޕޯޗުގަލް ކޮޅަށްވެސް ފަހު ވަގުތު މުހިންމު ލަނޑެއް ޖަހައިދީފައެވެ.

"މެރީނޯ ފުރަތަމަ އެގާރައިގައި ނުހިމެނުމަކީ ބައެއް ފަހަރު ބޭއިންސާފެއް ކަމަށް ހީވެދާނެ، އެކަމަކު އޭނާ ހިމަނައިފިނަމަ އެހެން މީހަކަށް ފުރުސަތު ގެއްލުމަކީވެސް އިންސާފަކަށް ނުވާނެ،" މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗު ބުންޏެވެ.

"މެޗެއްގައި ކުޅެވޭނީ އެންމެ 11 ކުޅުންތެރިންނަށް. ކުޅުންތެރިންނަށް އެކަން ވިސްނޭ، އަދި ކޮންމެ ވަގުތެއްގައިވެސް އަދާކުރަންޖެހޭ ދައުރު އެމީހުން ދަނޭ. ދަނޑަށް އަރާއިރު ކުރަންވީ ކަންތައް އެމީހުންނަށް އެނގޭތީ، އެފަދަ ޓީމެއްގެ ކޯޗަކަށް ހުރުމަކީ އަހަންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް."

ސްޕެއިންގެ ކާމިޔާބީގެ އަސްލަކީ ވަކިވަކި ކުޅުންތެރިންގެ ހުނަރަށްވުރެ ބޮޑަށް، މުޅި ޓީމުގެ އެއްބައިވަންތަކަން ކަމަށް ޑެލަ ފުއެންޓޭ ބުންޏެވެ. އަދި މެޗު ފަށަނީ ކޮން ކުޅުންތެރިއެއްތޯ ބެލުމުގެ ބަދަލުގައި، މުޅި ޓީމުގައި ހިމެނޭ ހުރިހާ ކުޅުންތެރިންނަކީވެސް، ކުޅެން ނާރާ ކުޅުންތެރިންވެސް ހިމެނޭހެން، މުހިންމު ބައެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ޓީމުގެ ތެރޭގައި އޮތް ވާދަވެރިކަމާއެކުވެސް ކުޅުންތެރިން ހިތްހަމަޖައްސައިދެނީ ކިހިނެއްތޯ ސުވާލުކުރުމުން، ކޯޗު ތައުރީފުކުރީ ކުޅުންތެރިންގެ ކެތްތެރިކަމާއި ޕްރޮފެޝަނަލް ކަމަށެވެ.

"އަހަރެމެންގެ ޓީމުގެ އެންމެ ބޮޑު އެއް ބާރަކީ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ތިބުމުގެ އިތުރުން، އެއީ އެކަކު އަނެކަކާ ގުޅިގެން މަސައްކަތްކުރަން ދަންނަ، އަދި އެކަން ފަސޭހަކޮށްދޭ ރަނގަޅު އަޚުލާގެއްގެ ވެރި ބަޔަކަށްވުން،" ޑެ ލަ ފުއެންޓޭ ބުންޏެވެ.

ސެމީ ފައިނަލްގައި އަންނަ އަންގާރަ ދުވަހުގެރޭ ސްޕެއިން ނުކުންނާނީ މުބާރާތުގެ ފޭވަރިޓުން ކަމަށްވާ ފްރާންސާ ދެކޮޅަށެވެ. އެ މެޗާ ބެހޭގޮތުން ކޯޗު ބުނީ ފްރާންސަކީ އާދަޔާ ޚިލާފު ހުނަރެއް ހުރި ޓީމެއް ކަމަށާއި، ނަމަވެސް ސްޕެއިންވެސް އޮތީ އެ ފެންވަރުގައި ކަމަށެވެ. މިއީ ވަރަށް ވާދަވެރި، ހަކަތަ ބޭނުންވާނެ މެޗަކަށް ވާއިރު، މުބާރާތުގެ މި ހިސާބަށް އާދެވުމުން މޮޅުވާން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު