ENGLISH
11 ޖުލައި 2026
މިފަހަރުވެސް ފަހު ވަގުތު މެރީނޯގެ ލަނޑެއް، ބެލްޖިއަމް ބަލިކޮށް ސްޕެއިން ސެމީއަށް
11 ޖުލައި 2026
|
ވޯލްޑް ކަޕުގައި ބެލްޖިއަމް ކޮޅަށް ލަނޑު ޖެހުމަށްފަހު ސްޕެއިންގެ މެރިނޯ އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި ބެލްޖިއަމްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދައި، ސްޕެއިނުން ސެމީ ފައިނަލުގައި ފްރާންސާ ދެކޮޅަށް ކުޅެން ތައްޔާރުވެއްޖެއެވެ.
މި މޮޅު ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ބަދަލަކަށް ކުޅެން ނުކުމެ މެޗުގެ ފަހު ވަގުތު ލަނޑު ޖަހައިދިން މިކޭލް މެރީނޯއެވެ. އެންމެ ފަހުން ގަދަ 16 ގައި ޕޯޗުގަލާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ފަހު ވަގުތު މޮޅުވި ލަނޑު ޖަހައިދިނީ މެރީނޯއެވެ.
ލޮސް އެންޖެލެސް ސްޓޭޑިއަމުގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، މެޗުގެ 88 ވަނަ މިނެޓުގައި މެރީނޯ މި ލަނޑު ކާމިޔާބުކުރީ ބެލްޖިއަމްގެ ބަދަލު ގޯލްކީޕަރު ސެން ލެމެންސްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.
ވޯލްޑް ކަޕުގައި ސްޕެއިނާއި ބެލްޖިއަމް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ލެމެންސް ކުޅެން އެރީ އަނިޔާގެ ސަބަބުން ތިބައޫ ކޯޓުއާ ދަނޑުން ބޭލުމާ ގުޅިގެންނެވެ. ސްޕެއިންގެ ޕައު ކުބާސީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު، މެރީނޯ ވަނީ ހުށިޔާރުކަމާއެކު އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. އޭނާ މި ލަނޑު ޖެހީ ކުޅެން އެރިތާ އެންމެ 117 ސިކުންތުގެ ތެރޭގައި، ބޯޅައިގައި ފައި ޖެހުނު ދެވަނަ ފަހަރުންނެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގައި ސްޕެއިންގެ ކޮޅަށް ފުރަތަމަ ފަހަރަށް ލަނޑެއް ވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. ފަބިއަން ރުއިޒް ޖަހައިދިން ލަނޑުން ސްޕެއިން ކުރީގައި އޮއްވައި، ބެލްޖިއަމްގެ ޗާލްސް ޑި ކެޓެލާރޭ ވަނީ ޓިމޮތީ ކަސްޓާންޔާ ނަގައިދިން ހުރަހަކުން، ބޮލުން ފޮނުވާލި ހަމަލާއަކުން ނަތީޖާ އެއްވަރުކޮށްފައެވެ.
ވޯލްޑް ކަޕުގައި ސްޕެއިނާއި ބެލްޖިއަމް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ނަމަވެސް ކޯޗު ލުއިސް ޑެ ލަ ފުއެންޓޭގެ ޓީމުން އުއްމީދު ކަނޑައެއް ނުލައެވެ. އާސެނަލަށް ކުޅެމުން އަންނަ މެރީނޯ ދަނީ ކުލަބު ފެންވަރުގައާއި ޤައުމީ ޓީމުގައިވެސް މުހިންމު ދަނޑިވަޅުތަކުގައި ނަތީޖާ ބަދަލުކޮށްދެމުންނެވެ.
2023 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން ބަލިނުވެ 37 މެޗު ހަމަކޮށްފައިވާ ސްޕެއިން، އަންނަ އަންގާރަ ދުވަހުގެރޭ އެމެރިކާގެ ޓެކްސަސްގައި ނުކުންނާނީ މުބާރާތުގެ ފޭވަރިޓުން ކަމަށްވާ ފްރާންސާ ދެކޮޅަށެވެ.