ENGLISH
08 ޖުލައި 2026
ދަރުމަވަންތަ ހޮސްޕިޓަލަށް ވީ އިހުމާލަކީ ސިއްހީ ހިދުމަތުގެ ތަރައްގީއަށް އެޅުނު ހުރަހެއް: ވަޒީރު
08 ޖުލައި 2026
|
25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް. ފޮޓޯ؛ ސަންގު
އެންމެ މަޤްބޫލު
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް، ޖެހިގެން އައި އެމްޑީޕީގެ ވެރިކަމުގައި ތަރައްގީނުކޮށް ދޫކޮށްލުމަކީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދޭން އެޅިގެންދިޔަ ބޮޑު ހުރަހެއްގެ ގޮތުގައި ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ސިފަކުރައްވައިފިއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސެއިން ހަމީދު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ. މެމްބަރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަކީ ސަރަހައްދީ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ އަޒުމުގައި ބިނާކުރި ތަނެއްނަމަވެސް 2018 ވަނަ އަހަރު އޭރުގެ އެމްޑީޕީ ސަރުކާރުން އެތަން ތަރައްގީނުކޮށް ވީރާނާވާން ދޫކޮށްލިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭގެ ސަބަބުން ރާއްޖެއިން ބޭރަށް ނުގޮސް ރާއްޖޭގައި ތިބެގެން ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ސަރުކާރުން ކުރި މަސައްކަތްތަކަށް ކިހާވަރެއްގެ ހުރަހެއް ކުރިމަތިވިތޯ މެމްބަރު ސުވާލުކުރެއްވިއެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރުވެސް ވަނީ ދަރުމަވަންތަ ހޮސްޕިޓަލަކީ އައިޖީއެމްއެޗްގެ އައު އިމާރާތަށް ޖާގަ އިތުރުކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މަގުސަދުގައި ހުޅުވި އިމާރާތެއްކަން ފާހަގަކުރައްވާފައެވެ.
" ބޮޑު ހޭދައެއް ދިވެހި ސަރުކާރުން ކޮށްގެން ފުރިހަމަކޮށްފައި އޮތް މަސައްކަތެއް ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތަކީ، އެހެންނަމަވެސް ތި ފާހަގަކުރެއްވި ފަދައިން ކުރީގައި އޮތް ސަރުކާރަކުން އިމާރާތަކީ އެއްވެސް ބޭނުމެއް ނުހިފޭތަނެއްގެ ގޮތުގައި ވަނީ އިއުލާނުކޮށްފައި، އެ އިމާރާތުގައި ގާއިމުކުރަންޖެހޭ ވަރަށް ގިނަ ހިދުމަތްތަކެއްވެސް ވަނީ ގާއިމުނުކޮށް ވަނީ ހުއްޓާލާފައި، އަޅުގަނޑު ދަންނަވާނީ މިއީ ދިވެހި ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދެންޖެހޭ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެޅިގެންދިޔަ ވަރަށް ބޮޑު ހުރަހެކޭ،". ވަޒީރު ވިދާޅުވިއެވެ.
އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހޮސްޕިޓަލު މަރާމާތުކޮށް، އަދި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އަލުން ހޮސްޕިޓަލުގައި ހިދުމަތްދޭން ފަށާފައިކަމަށް ވަޒީރު ވިދާޅުވިއެވެ.
ގާތްގަނޑަކަށް 122 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހެދި ދަރުމަވަންތަ ހޮސްޕިޓަލް ބިނާކުރަމުންދިޔައިރު ވެސް އެމްޑީޕީން އިދިކޮޅުގައި އޮވެގެން އެ ހޮސްޕިޓަލް ތަރައްގީކުރުމާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަކީ "ހޮހަޅައެއް" ކަމަށް ސިފަވާގޮތަށް ވާހަކަފުޅު ދައްކަވާފައެވެ. އަދި އެތަނަކީ ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ތަނެއް ނޫންކަމަށް ކެމްޕެއިން ތެރޭގައި ވެސް އަދި ވެރިކަމަށް ވަޑައިގެން އެކި ފަހަރުމަތިން ވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ. ނަތީޖާއެއްގެ ގޮތުން ރައީސް ސޯލިހުގެ ސަރުކާރު ނިމުނުއިރު އެ ހޮސްޕިޓަލްގައި ހުރި މެޝިންތަކާއި އެ ނޫން ވެސް ވަސީލަތްތައް ވަނީ ހަލާކުވެފައެވެ.
އޭގެފަހުން، ރައީސް މުއިއްޒު ސަރުކާރުން ވަނީ އެންމެ ފަހުގެ ޒަމާނީ ހިދުމަތްތަކާއި ފެންވަރު ރަނގަޅު ވަސީލަތްތަކާއެކު ދަރުމަވަންތަ ހޮސްޕިޓަލު އަލުން ހުޅުވާ ހިދުމަތްދޭން ފަށާފައެވެ. އެ ހޮސްޕިޓަލުން އަލަށް ފެށި ހިދުމަތްތަކުގެ ތެރޭގައި ނެޝަނަލް ފާޓަލިޓީ ސެންޓަރާއި ހިތާއި ނާރުގެ ބަލިތަކަށް ހާއްސަ ހައިބްރިޑް ކެތު ލެބް ހިމެނެއެވެ. އެ ހޮސްޕިޓަލުގެ އީއާރުއަކީ ކުޑަކުދިންނަށް ހާއްސަ ތަނެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ. އަދި ވިހެއުމަށް ބޭނުން ކުރާ ޑެލިވެރީ ސުއިޓްސް، ކުޑަކުދިންގެ އައިސީޔޫ، ޕްރައިވެޓް ރޫމްތަކާއި އެގްޒެކްޓިވް ސުއިޓްވެސް އަލަށް ގާއިމުކޮށްފައިވެއެވެ.