ENGLISH

08 ޖުލައި 2026

Advertisement

ދެވަނަ ދައުރެއް ދިނުމުން އެމްޑީޕީން ވިއްކީ ހަރުމުދާ: ހިމެންދޫ ކައުންސިލު ރައީސް

08 ޖުލައި 2026

|

އާމިނަތު ނުޒްލާ

ހިމަންދޫ ކައުންސިލުގެ ރައީސް މުހައްމަދު އަކްރަމު، ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ރައްޔިތުން އެމްޑީޕީއަށް ދެވަނަ ދައުރެއް ދިނީމަ ފެނިގެން ދިޔައީ ރާއްޖޭގެ ހަރުމުދާ ވިއްކި މަންޒަރުކަމަށް، އއ ހިމަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީ އިން ގެނެސްދޭ "އަރާއިރު" ޕްރޮގްރާމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަކްރަމް ވިދާޅުވީ، އެމްޑީޕީއަކީ ފަނާކުރުވަނިވި ފިކުރެއް ގެންގުޅޭ، ބިނާކުރަނަވި ފިކުރެއް ގެންގުޅެން ނޭނގޭ ބައެއްކަމަށެވެ. އެގޮތުން ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައިގަތުމުން އެންމެ ފުރަތަމަވެސް ރާއްޖޭގެ މައި ދޮރާށިކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ވިއްކާލެއްވި ކަން ފާހަގަކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔަ ކަމަށް ވިދާޅުވިއެވެ.

އަކްރަމް ފާހަގަކުރެއްވީ ޖެހިގެން އައި ވެރިކަމުގައި އަނެއްކާ އެއަރޕޯޓް އަބުރާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނުކަމަށެވެ. އަދި ރައީސް ޔާމީނާއެކު އެވެރިކަމުގައި ރާއްޖޭގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގައި އެންމެ ގާތުން މަސައްކަތް ކުރެއްވީ، ރައީސް ޑރ، މުޙައްމަދު މުޢިއްޒު ކަމަށްވެސް އަކުރަމު ވިދާޅުވިއެވެ. އެގޮތުން ހުޅުމާލެ ބްރިޖް މަޝްރޫއު ހިންގެވުމުގައިވެސް ރައީސް އިސްދައުރެއް އަދާކުރެއްވިކަން ފާހަގަކުރެއްވިއެވެ.

އެމްޑީޕީއަށް ދެވަނަ ދައުރެއް ދިނުމުން، ފެނިގެންދިޔައީ ދިވެހި ރައްޔިތުންގެ ހަރުމުދާ ވިއްކާލި މަންޒަރު ކަމަށް އަކްރަމް ވިދާޅުވިއެވެ. އޭގެތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗާއި ސްކޫލްތައް ވިއްކާލިތަން ފެނިގެން ދިޔަ ކަމަށް ވިދާޅުވިއެވެ. މިކަމުގެ ހިތި ނަތީޖާއަކަށް ވެގެންދިޔައީ އަނެއްކާވެސް ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގެން، ސުމަކުން ފައްޓަވަންޖެހިވަޑައިގަތުންކަމަށެވެ. ސަރުކާރާއި ހަވާލުވެވަޑައިގެންނެވިއިރު 2026 ވަނަ އަހަރު ބަނގުރޫޓުވާނެ ކަމަށް އެމްޑީޕީއިން ބުނަމުންދިޔަ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވެރިކަމާއި ހަވާލުވެވަޑައިގެން އެމްޑީޕީން ނަގާފައިވާ ލޯންތައް ދައްކަވައި، ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރެއްވިކަން ފާހަގަކުރައްވަމުން، އަކްރަމް ވިދާޅުވީ ލޯންތައް ދެއްކުމަށް ބައެއް ޓެކްސް ބޮޑު ކުރަން ޖެހުނުކަމަށެވެ. އަދި ރާއްޖެ މިހާރު އޮތް ރަނގަޅު ހާލަތަށް އިއާދަކުރެވުނީ ރައީސްގެ ހަރުދަނާ ސިޔާސަތުގެ ސަބަބުންކަމަށް އޭނާ ވިދާޅުވިއެވެ. 

"އަޅުގަނޑު ގަބޫލުކުރާ ގޮތުން މިހާރު އަޅުގަނޑުމެންގެ ރައީސް ދިވެހިރާއްޖޭގައި ފައްޓަވާފައިވާ އެންމެ މުހިއްމު މަސައްކަތަކީ ރަސްމާލް ޕްރޮޖެކްޓް. މި ޕްރޮޖެކްޓް ނިންމާލެވިއްޖެ ކަމުގައިވަނީނަމަ، ދިވެހިރައްޔިތުންނަށް އުފާވެރިކަން ލިބިގެންދާނެ. ހަމައެއާއެކު އުމްރާނީ ގޮތުންނާއި އިގްތިޞާދީ ގޮތުން މާލެ ސަރަހައްދު ނަގައި ކޮޅަށް ޖެހޭނެ ޕްރޮޖެކްޓެއް،" އަކްރަމް ވިދާޅުވިއެވެ.   

އިތުރަށް އަކްރަމް ފާހަގަކުރެއްވީ، ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށްދާއިރު، އެންމެ ހަލުއި ދުވެލީގައި ބައެއް މަސައްކަތްތައް ކުރިއަށް ނުދިޔަ ނަމަވެސް، ޕްރޮޖެކްޓްތައް ހުއްޓުނަ ނުދީ ކުރިއަށް ގެންދިއުމަކީ ރައީސް ރައްޔިތުން ދެކެ ވެވަޑައިގަންނަވާ ލޯތްބާއި، އެ މަސައްކަތްތަކަށް ދެއްވާ އަހަންމިއްޔަތު ދައްކުވައިދޭ ކަމެއް ކަމަށެވެެ. 

ކިޔުންތެރިންގެ ހިޔާލު