ENGLISH

08 ޖުލައި 2026

Advertisement

ގެނައި އިސްލާހީ ބަދަލުތަކާއެކު ސޯޝަލް މިނިސްޓްރީގެ ކޭސް ވޯކަރުން ބަލަހައްޓާ ކޭސްތައް 80 އިންސައްތަ މަދުކުރެވިއްޖެ

07 އޯގަސްޓު 2026

|

އައިމިނަތު ޝަފާ

ކުދިންތަކެއް މަގުމަތީގައި ކުޅެނީ. ހުށަހަޅާ މައްސަލަތައް ނުބެލި ލަސްވާ ސަބަބުތައް ގިނަ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން މިފަހުން ގެނައި ހެޔޮ ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން ސޯޝަލް ސާވިސަސްގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން ނުވަތަ ކޭސް ވޯކަރުންނާ އެއްފަހަރާ ހަވާލުކުރާ މައްސަލަތަކުގެ އަދަދު 80 އިންސައްތަ މަދުކޮށްފިއެވެ. 

ސޯޝަލް ސާވިސަސްގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނާ އެއްފަހަރާ ހަވާލުކުރާ މައްސަލަތަކުގެ އަދަދު ގިނަވެ، އެ މީހުންނަށް ބުރަ ބޮޑުވުމުގެ ސަބަބުން އެކަށީގެންވާ ގޮތެއްގައި މައްސަލަތައް ނުބެލޭތީ އެކަން އިސްލާހުކުރުމުގެ ވާހަކަ މީގެ ކުރިން އެކި ގޮތްގޮތަށް ދެކެވުނެވެ. ނަމަވެސް ނަތީޖާ ނެރެވޭފަދަ މަސައްކަތްތަކެއް ނުކުރެވޭ ކަމުގެ ކަންބޮޑުވުން ބޮޑެވެ. 

މި މައްސަލަތަކުގެ ތަފްސީލާއެކު 2020 ވަނަ އަހަރު އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ފެމިލީ ސަޕޯޓް އެންޑް ސޯޝަލް ސާވިސް ޑިޕާޓްމެންޓުގެ ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވެފައިވީނަމަވެސް އެ މައްސަލަތައް ބަލާނެ އެކަށީގެންވާ ފަންނީ މުވައްޒަފުން މަދުކަމަށެވެ. 

އެގޮތުން ފެބުރުއަރީ، 1، 2020 އާ ހަމައަށް ޑިޕާޓްމެންޓުގައި 16 ކޭސް ވޯކަރުންނާއި އެއް ސުޕަވައިޒަރު މަސައްކަތް ކުރަމުންދިޔައިރު އެވްރެޖްކޮށް ކޮންމެ ކޭސް ވޯކަރަކަށް 76 ކޭސް ހަވަލުކުރެވިފައިވާކަމަށް އޭރުގެ ތަފާސްހިސާބުތަކުން ދައްކައެވެ. 

ބިދޭސީންނާއެކު ފަސް ލައްކައަށް އަރާފައިވާ ދިވެހި އާބާދީގެ ތެރޭގައި ހިނގާ މައްސަލަތަކުގައި ރައްކާތެރިކަން ހޯދައިދޭން މާލެ އާއި އަތޮޅުތައް ހިމެނޭ ގޮތުން ސޯޝަލް ސާވިސަސްގައި އޭރު ތިބީ އެންމެ 80 މުވައްޒަފުންނެވެ. އެއީ މާލޭގައި 30 ކޭސް ވޯކަރުންނާއި އަތޮޅުތެރޭގައި 50 ކޭސް ވޯކަރުންނެވެ. 

އޭރު އާއްމުކުރި އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ކޭސްވޯކަރުންނަށް ނުކަތާ ވަރަށް މައްސަލަތައް ހަވާލުކުރުމުން ބުރަ ބޮޑުވެ އެކަށީގެންވާ ގޮތެއްގައި މައްސަލަތައް ނުބެލި، މައްސަލަތަކަށް އެކަށީގެންވާ ވަގުތު ނުދެވި ދިއުމުން މަސައްކަތުގެ ފެންވަރަށް ވެސް އަސަރުކޮށްފައިވާކަމަށެވެ. 

އައު ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު މި މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. 

މި މައްސަލަތައް ހައްލުކުރުމަށް ވުޒާރާއަށް ކުރެވިފައިވާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު "އެމްއެމްޓީވީ"އާ ހިއްސާކޮށްފައިވާއިރު ސަރުކާރު ހަވާލުވީއިރު 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ކޮންމެ ކޭސްވޯކަރެއްގެ އަތުގައި އެވަރެޖްކޮށް 200 އެއްހާ ކޭސް އޮތެވެ. ނަމަވެސް މިވީ ދެއަހަރާއި ބައިގެ ތެރޭގައި އެ އަދަދު 40 އަށް ވަނީ މަދުކޮށްފައެވެ. އެހެންކަމުން މިއީ  80 އިންސައްތައިގެ މަދުވުމެކެވެ. ވުޒާރާއިން ބުނީ ވަކި ވަކި ކުދިން ނުވަތަ މީހުންގެ ގޮތުގައި ވަކި މައްސަލަތައް ބެލުމުގެ ބަދަލުގައި މިހާރު މައްސަލަތައް ބަލަމުންދާނީ އާއިލީ ނަޒަރަކުން މުޅި އާއިލާގެ ހާލަތު ދެނެގަނެ އާއިލާގެ ހާލަތު ރަގަޅުކުރުމުގެ ގޮތުންކަމަށެވެ.

ޢާއިލީ ތަރައްގީއާ ބެހޭ ކުރީގެ ވަޒީރު ޑރ.އާއިޝަތު ޝިހާމު ވިދާޅުވި ގޮތުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އެ ވުޒާރާގެ ކޭސް ވޯކަރުން ބަލަހައްޓަމުންއައި ކޭސްތައް ގިނަވުމުގެ ސަބަބުން އެކަށީގެންވާ ގޮތެއްގައި މައްސަލަތައް ހައްލުކުރުމުގައި ބޮޑެތި ގޮންޖެހުންތައް ހުއްޓެވެ. އެ މައްސަލަތައް ހައްލުކުރުމަށް ވުޒާރާގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އެއިރު ވަޒީރު ހާމަކުރެއްވިއެވެ. 

ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ އެއްކަމަކީ އިޖުތިމާއީ މައްސަލަތައް ހައްލުކުރުމުގެ ނިޒާމު ހަރުދަނާކޮށް، ކުރިއާލައި ނާޒުކު ހާލަތުގައި އުޅޭ އާއިލާތައް ދެނެގަނެ، ވަށާޖެހޭ ސިޔާސަތެއްގެ ތެރެއިން އެ މައްސަލަތަކަށް ހަރުދަނާ ހައްލުތައް ހޯދައިދިނުމެވެ. 

ކިޔުންތެރިންގެ ހިޔާލު