ENGLISH

08 ޖުލައި 2026

Advertisement

ޕޯސްޓްމޯޓަމް ހިދުމަތް ދޭނެ ފޮރެންސިކް މެޑިކަލް ޔުނިޓެއް ގާއިމުކުރުމުގެ މަސައްކަތްދަނީ ކުރެވެމުން: ވަޒީރު

08 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ސިއްހީ ކަންކަމާއި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ގީލާ އަލީ، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ތަހުގީގުތަކަށް ބޭނުންވާ ފޮރެންސިކް މެޑިކަލް ތަހުލީލުތައް ހެދުމަށް ހާއްސަ ޔުނިޓެއް ގާއިމުކުރުމުގެ މަސައްކަތް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ކުރަމުންދާކަމަށް ސިއްހީ ކަންކަމާއި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ. 

ޕޯސްޓްމޯޓެމް ހިދުމަތް ރާއްޖޭގައި ތައާރަފުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ގަލޮޅު އުތުުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ 2015 ވަނަ އަހަރު އެ ހިދުމަތް ތައާރަފުކުރުމުގެ ވާހަކަ ފުރަތަމަ ފަހަރަށް ގާނޫނުގައި ލިޔެވުނު ނަަމަވެސް އެ ހިދުމަތް ވުޖޫދަށް ގެނައުމަށް އެއްވެސް ސަރުކާރަކުން އެކަށީގެންވާ ގޮތަށް މަސައްކަތް ކޮށްފަައިނުވާ ކަމަށެވެ. 

ވަޒީރު ވިދާޅުވީ ޕޯސްޓްމޯޓަމް ހިދުމަތް ރާއްޖޭގައި ގާއިމުކުރުމަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރެވިގެންދިޔައީ މިއަދުގެ ސަރުކާރު ވުޖޫދުވުމަށްފަހު ކަމަށެވެ. އެގޮތުން ލެވެލް-2ގެ ފޮރެންސިކް މެޑިކަލް ޔުނިޓެއް ގާއިމުކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކުގެ ބައިވެރިވުމާއެކު މާލޭ ގްރޫޕު އޮފް ހޮސްޕިޓަލްސްއިން މިހާރު ކުރަމުންދާކަމަށް ވިދާޅުވިއެވެ. 

"ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ލެވެލް-2ގެ ފޮރެންސިކް މެޑިކަލް ޔުނިޓެއް ގާއިމުކުރުމުގެ މަސައްކަތް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މިހާރުވަނީ ފަށާފައި. މިޔުނިޓު ގާއިމުވުމުން މާލޭ ސަރަހައްދުގެ އިތުރުން މުޅި ރާއްޖެއަށް ބޭނުންވާ ކްލިނިކަލް ފޮރެންސިކް ހިދުމަތްތަކާއި، މެޑިކޯލީގަލް ޕޯސްޓްމޯޓެމްގެ ހިދުމަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ،" ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވި ގޮތުގައި މި ޔުނިޓުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތަކުގެ ތެރޭގައި މަރުގެ މައްސަލަތަކުގައި މަރުވި ސަބަބު ދެނެގަތުމަށް ހަދަންޖެހޭ ފޮރެންސިކް ތަހުލީލުތައް ހެދުމާއި، ޖިންސީ އަދި ޖިސްމާނީ އަނިޔާގެ މައްސަލަތަކުގައި ހަދަންޖެހޭ ތަހުލީލުތަކާއި، ލާއިންސާނީ އަނިޔާތަކާއި ބަންދުގައި ތިބޭ މީހުންނަށް ކުރާ އަނިޔާތަކާ ގުޅޭ ތަހުލީލުތަކާއި، ޝަރުއީ އަދި އިންޝުއަރެންސްގެ ބޭނުންތަކަށްޓަކައި މީހަކަށް ލިބިފައިވާ އަނިޔާގެ މިންވަރު ވަޒަަންކުރުމަށް ހަދަންޖެހޭ ތަހުލީލުތަކުގެ ހިދުމަތް ހިމެނެއެވެ. 

ގީލާ ވިދާޅުވެފައިވަނީ އެ ޔުނިޓު ގާއިމުކުރުމަށް ބޭނުންވާ ފައިސާއާއި އެކަމަށް ބޭނުންވާ ބިންވެސް މިހާރު ވުޒާރާއިން ހަމަޖައްސައިދީފައިވާ ކަމަށެވެ. ނަމަވެސް މިފަދަ ހައްސާސް ހިދުމަތެއް ތައާރަފުކުރުމުގައި އެ ހިދުމަތެއް ދެމެހެއްޓެނެވި ގޮތެއްގައި ދެވޭނެ ގޮތަށް އެކަން ކުރުމަކީ މުހިއްމު ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

"ފޮރެންސިކް ތަހުލީލުތަކާއި ޕޯސްޓްމޯޓަމްގެ ހިދުމަތަކީ ރައްޔިތުންގެ އިހުސާސްތަކާ ގުޅުންހުރި ވަރަށް ހައްސާސް ހިދުމަތެއް. ރާއްޖޭގަައި ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުނު ކޭސްތައް ގުޅިފައިވަނީ މެޑިކޯލީގަލްގެ ހައްސާސް މައްސަލަތަކާ، އެހެންކަމުން މިފަދަ ހިދުމަތެއް ގާއިމުކުރުމަށް ދުރާލާ ތައްޔާރުވެ ދެމެހެއްޓެނެވި ގޮތެއްގައި މިކަންކުރުމަށް ހަރުދަނާ މުހިއްމު ފިޔަވަޅުތަކެއް އަޅަންޖެހޭ،" ވަޒީރު ވިދާޅުވިއެވެ. 

"މިފަދަ ހިދުމަތެއް ރާއްޖޭގައި ތައާރަފުކުރަންވާނީ އެންމެ ފެންވަރު ރަނގަޅު ގޮތެއްގައި އެ ހިދުމަތް ފޯރުކޮށްދެވޭނެ ވަސީލަތްތަކާއި އިންތިޒާމުތައް ފުރިހަމަވެގެން. އެގޮތުން ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ފޮރެންސިކް ޕެތޮލޮޖީއާ ބެހޭ ގަވާއިދު އެކުލަވައިލުން ލާޒިމުކުރޭ. މިހާތަނަށް އެ ގަވާއިދު އެކުލަވައިލެވިފައިނުވި ނަމަވެސް މިހާރު ގަވާއިދުވަނީ ގެޒެޓުކުރުމުގެ މަރުހަލާގައި،" 

ވަޒީރު ވިދާޅުވި ގޮތުގައި އެ ހިދުމަތް ތައާރަފުކުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ފުރިހަމަކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެގޮތުން އެ ހިދުމަތަކީ ރައްޔިތުންގެ އިތުބާރު ލިބޭ ހިދުމަތެއްކަމަށްް ހެދުމަށް ހަދަންޖެހޭ ގައިޑްލައިންތަކާއި އުސޫލުތައް އެކުލަވައިލެވި މިހާރު ޝާއިއުކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވި ގޮތުގައި ޕޯސްޓްމޯޓަމް ހެދުމަށް މިހާތަނަށް ރާއްޖެއިން ބޭރަށް ފޮނުވުނީ 23 މީހެއްގެ ހަށިގަނޑެވެ. އަދި އެ ހިދުމަތް ހޯދުމަށް އިންޑިޔާގެ ޓްރިވިންޑްރަމަށް ހަށިގަނޑު ފޮނުވައިގެން ހިދުމަތް ހޯދުމަށް ހަރަދުވަނީ 55،000 ރުފިޔާކަމަށާއި، އެއްވެސް ބުރޫއެރުމެއް ނެތި އެ ހިދުމަތް މިހާރުވެސް ލިބެމުންދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެ ހިދުމަތް ރާއްޖެއިން ފޯރުކޮށްދިނުމަށް ހުއްޓުމެއްނެތި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު