ENGLISH
08 ޖުލައި 2026
ލިޔުންތެރިންނަށް ރައީސްގެ ދެކަނބަލުންގެ ތަހުނިޔާ؛ ރަނގަޅު ފިކުރާއި ވާހަކަ ފެތުރުމަށް ނަސޭހަތްދެއްވި
08 ޖުލައި 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
އެންމެ މަޤްބޫލު
ރަނގަޅު ފިކުރާއި ވާހަކަ ފަތުރާ ބަޔަކަށް ލިޔުންތެރިންވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނަސޭހަތްތެރިވެވަޑައިގެންފިއެވެ.
އެމަނިކުފާނު މިފަދައިން ނަސޭހަތްތެރިވެވަޑައިގެންނެވީ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި އެންމެހައި ލިޔުންތެރިންނަށް ފޮނުއްވައި އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެެވެ.
ރައީސް ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނަކީ، އުނގަންނައިދިނުމާއި ތެދު މައުލޫމާތު ފެތުރުމަށް އަދި ލިޔުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާ ދީނެއްކަމަށެވެ. އެހެންކަމުން ހައްގުބަސް ފެތުރުމަށާއި، ރީތިކޮށް މުހާތަބުކުރުމަށާއި، ތިމާއަށާއި އަނެކުންނަށް މިއަދާއި މާދަމާވެސް ފައިދާކުރާނެ ރަނގަޅު ވާހަކަތަކާއި ފިކުރުތައް ފެތުރުމަށް ދިވެހިބަހުގެ ލިޔުންތެރިންނަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
ރައީސް ވިދާޅުވީ ދިވެހި ލިޔުންތެރިން ވާންޖެހޭނީ، ގައުމު އަބަދުމެ ފަހުރުވެރިވާނެ ގައުމަށް ފާގަތިވާނެ ގޮތަށް ލިޔާ އަމާނާތްތެެރި ގައުމުދެކެ ލޯބިވާ ބަޔަކަށްކަމަށެވެ.
ދުވަހާ ގުޅިގެން އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ދުވަހުގެ ތަހުނިޔާ، ދިވެހިބަހުގެ އަދަބިއްޔާތާއި ލިޔުންތެރިކަން ކުރިއެރިވުމަށް މަސައްކަތްކުރާ ހުރިހާ ބޭފުޅުންނަށް ވިދާޅުވިއެވެ. އަދި ދިވެހި ލިޔުންތެރިކަމަށް އުޖާލާ ކުރިމަގަކަށް އެދިވަޑައިގެން އެކަމަނާ ދުއާ ދެންނެވިއެވެ.
ރާއްޖޭގައި ލިޔުންތެރިންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 8 ވަނަ ދުވަހު އެވެ. ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ދުވަސް ފާހަގަކުރަނީ ފުރަތަމަ މަޖައްލާއެއް ނެރުނީ 1933ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ކަމަށް ވާތީއެވެ. އެ މަޖައްލާގެ ނަމަކީ "އަލްއިސްލާހު" އެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ލިޔުންތެރިންގެ ދުވަސް ފާހަގަކޮށްފައިވަނީ ޖުލައި 8، 1993 ވަނަ އަހަރު އެވެ. ލިޔުންތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ ލިޔުންތެރިންގެ އަގު ވަޒަން ކުރުމާއި ލިޔުންތެރިންނަށް ހިތްވަރު ދީ ރާއްޖޭގެ ލިޔުންތެރިކަން ކުރިއެރުވުމެވެ.