ENGLISH

08 ޖުލައި 2026

Advertisement

އެއްވެސް އިރެއްގައި މެޗު ދޫވެގެންދިޔަ ކަމުގެ އިހުސާސެއް ނުކުރެވޭ: ސްކަލޯނީ

08 ޖުލައި 2026

|

މުޙައްމަދު އަދުހަމް

އާޖެންޓީނާގެ ކޯޗު، ސްކަލޯނީ. ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ބުރުގައި ރޭ ކުޅުނު މެޗުގައި މިސްރުން ދެ ލަނޑުގެ ލީޑެއް ނެގިނަމަވެސް، އާޖެންޓީނާ އަތުން މެޗު ދޫވެގެންދިޔަ ކަމުގެ އިހުސާސް ނުކުރެވޭ ކަމަށް އެ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފިއެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، މިސްރާ ދެކޮޅަށް ކުޅެމުންދިޔައިރު، އެ ޓީމުން ރަނގަޅު ކުޅުމެއްދެއްކިނަމަވެސް ހުރިހާ ވަގުތެއްގައި ވެސް އާޖެންޓީނާ އޮތީ ގޭމުގެ ތެރޭގައި ކަމަށެވެ.

"ނަތީޖާ ކޮންމެ ގޮތަކަށް އޮތް ނަމަވެސް، ޓީމުގެ ކުޅުން ގޯސް ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. ފުރުސަތުތައް އަހަރެމެންނަށް ދިޔައީ ލިބެމުން،" ސްކަލޯނީ ބުންޏެވެ.

މިސްރާ ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާ މޮޅުވީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުންނެވެ. މެޗަށްފަހު ސްކަލޯނީ އާއި އެ ޓީމުގެ ކެޕްޓަން، ލިއޮނަލް މެސީގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފެނިގެންދިޔައެވެ.

މިސްރާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: އޭޕީ

މިކަމާ ގުޅިގެން ސްކަލޯނީގެ ވާހަކައިގައި ވަނީ، އޭނާ އަކީ އަބަދުވެސް ވަރަށް އިމޯޝަނަލް މީހެއް ކަމަށް ބުނެފައެވެ. އަދި، ބައެއް ފަހަރު ލޮލުން އަންނަ ކަރުނަ ނުހިފެހެއްޓޭ ކަން އޭނާ ފާހަގަކުރިއެވެ.

"ޗޭންޖިން ރޫމުގައިވެސް އަހަންނަށް ރޮވުނު. ކުޅުންތެރިން އަހަންނަށް 'ކްރައިބޭބީ' އޭ ކިޔައިގެން ދިމާކުރޭ، އެކަމަކު އަހަރެން އެކަމާ އަޅައެއް ނުލަން." ސްކަލޯނީ ބުންޏެވެ.

ސްކަލޯނީ ބުނީ، ކުޅުންތެރިއެއްގެ ގޮތުގައި 20 އަހަރުވަންދެން ކުޅެފައިވީނަމަވެސް މިސްރާ ދެކޮޅަށް ކުޅުނު މެޗުގައި އިހުސާސްކުރަން ޖެހުނު ފަދަ ކަންކަމަކީ ބުނެދޭންވެސް ނޭނގޭ ކަންކަން ކަމަށެވެ. ފަހަރުގައި ފުޓްބޯޅަ ކުޅުންތެރިން، ކޯޗުންނަށް ބަދަލުވަނީ މިފަދަ ދުވަސްތަކުގައި އިހުސާސްތަކާއި ޖަޒުބާތުތައް ތަޖުރިބާ ކުރުމަށް ކަމަށް ވެދާނެ ކަމަށް ވެސް ސްކަލޯނީ ބުންޏެވެ.

މުބާރާތުގެ ދެވަނަ ބުރުގައި ކާބޯ ވާޑޭ އަތުން 3-2 އިން މޮޅުވި މެޗާ އަޅާބަލާއިރު، މިސްރާ ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާގެ ކުޅުމުގެ ފެންވަރު ރަނގަޅުވިކަން ސްކަލޯނީ ފާހަގަކުރިއެވެ.

ކާބޯ ވާޑޭއާ ދެކޮޅަށް ކުޅުނު މެޗުގައި އަހަރެމެން ތިބީ މާ ބޮޑު ނުރައްކަލެއްގެ ތެރޭގައި. އެކަމަކު މިއަދު 2-0 އިން ފަހަތުގައި އޮތްއިރުވެސް، ކޮންމެ ވަގުތެއްގައި ފުރުސަތު ލިބި، ނަތީޖާ އަނބުރާލެވޭނެ ކަމުގެ އުއްމީދާއި އިތުބާރު އޮތް. މިއަދު ފެނުނީ މުޅިން ތަފާތު ކުޅުމެއް،" ސްކަލޯނީ ބުންޏެވެ.

މިސްރާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: ރޮއިޓަރސް

އާޖެންޓީނާގެ ކެޕްޓަން، މެސީއަށް ތައުރީފު ކުރަމުން ސްކަލޯނީ ބުނީ، މެސީ ފުޓުބޯޅަ ކުޅެނީ މިފަދަ ދަނޑިވަޅުތަކުގެ ބޭނުމުގައި ކަމަށެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕެނަލްޓީއެއް ނާކާމިޔާބުވި ނަމަވެސް، މެސީ ވަނީ ލަނޑެއް ޖަހައި އިތުރު ގޯލެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދީ، ޓީމު މޮޅުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

"މިއީ ދުވަހަކުވެސް ހަނދާނުން ފޮހެލެވޭނެ ވަގުތެއް ނޫން. ކުރިއަށް އޮތް ތަނުގައި ކޮންމެ ގޮތެއް ވިޔަސް، މި ޓީމަކީ ކޮންމެފަދަ އުނދަގޫ ހާލަތެއްގައިވެސް އުންމީދު ކަނޑާނުލާނެ ޓީމެއްކަން މިއަދު ސާބިތުވެއްޖެ،" ސްކަލޯނީގެ ވާހަކަ ނިންމާލަމުން ބުންޏެވެ.

އެމެރިކާގެ ކެންސަސް ސިޓީގައި މުބާރާތުގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާ ނިކުންނާނީ ސްވިޒަލެންޑާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވާ އާދީއްތަ ދުވަހު ރާއްޖެގަޑިން ހެނދުނު 6 ޖަހާއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު