ENGLISH
08 ޖުލައި 2026
ސިއްހީ ހިދުމަތް ފުޅާކުރުން؛ މެމޮގްރަފީ ހިދުމަތް 7 ހޮސްޕިޓަލެއްގައި ފަށައި، 2 ހޮސްޕިޓަލެއްގައި ފަށަން ތައްޔާރުވަނީ
08 ޖުލައި 2026
|
ހެލްތް މިނިސްޓަރ ގީލާ އަލީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ - ފޮޓޯ: މަޖިލިސް
އެންމެ މަޤްބޫލު
މުޅިން އަލަށް 5 ރީޖަނަލް ހޮސްޕިޓަލާއި އިތުރު 2 ހޮސްޕިޓަލެއްގައި މެމޯގްރަފީގެ ހިދުމަތް މި ސަރުކާރުން ދޭން ފަށާފައިވާ ކަމަށް ހެލްތް މިނިސްޓަރ ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ގީލާ ވިދާޅުވީ އުރަމަތީގެ ކެންސަރު ތަޙުލީލުކުރުމުގެ ގޮތުން މާލެ ސަރަހައްދާއި، ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލެއްގެ އިތުރުން، ފުވައްމުލަކު ހޮސްޕިޓަލާއި ބ. އަތޮޅު ހޮސްޕިޓަލްގައި މެމޮގުރަފީގެ ޚިދުމަތް ގާއިމުކުރެވިފައިވާ ކަމަށެވެ. އަދި މިހާތަނަށް 750 މީހުން މި ޚިދުމަތް ރާއްޖޭގައި ތިބެގެން ހޯދާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މި ހޮސްޕިޓަލްތަކުގެ އިތުރުން ށ. އަތޮޅު ހޮސްޕިޓަލާއި، ހއ. އަތޮޅު ހޮސްޕިޓަލާއި، ގއ. އަތޮޅު ހޮސްޕިޓަލްގައި މި ޚިދުމަތް ގާއިމުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ހުރިހާ އަތޮޅު ހޮސްޕިޓަލްތަކެއްގައި މި ޚިދުމަތް ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މީގެއިތުރުން، ރަހިމްގެ ދޮރަށް ޖެހޭ ކެންސަރު ބަލައި، ތަހުލީލުކުރުމަށް ހަދާ ޓެސްޓުތައް ހުރިހާ އަތޮޅެއްގައި ފެށުމަށް ވެސް ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އެ މަސައްކަތް މިހާރު މި ދަނީ ކުރިއަށް. އަދި ހަމަ އެހެންމެ، ކެންސަރު ބައްޔަށް ދެވޭ ކީމޯ ތެރަޕީގެ ޚިދުމަތަކީ ވެސް މިހާރު ރާއްޖޭގައި ތިބެގެން ހޯދޭ، ފަރުވާއެއް ކަން ވެސް މި ފުރުޞަތުގައި ފާހަގަކޮށްލަން. މިގޮތުން، 2025 ވަނަ އަހަރު ކީމޯ ތެރަޕީގެ ޚިދުމަތް އެއް ފަރުވާއެއްގެ ގޮތުގައި ރާއްޖެއިން ބޭރުން ހޯދާފައި ވަނީ އެންމެ 39 މީހުން. ކީމޯ ތެރަޕީގެ ޚިދުމަތް ގާއިމުކުރެވިފައިވާ އައި.ޖީ.އެމް.އެޗާ ހުޅުމާލޭ ހޮސްޕިޓަލުގައި 9 އެނދު، މިކަމަށް ޚާއްޞަކުރެވިފައިވާއިރު، ހުޅުމާލޭ ހޮސްޕިޓަލުން އެކަނި 2025 ވަނަ އަހަރު 655 މީހުން ވަނީ މި ޚިދުމަތް ހޯދާފަ. އަދި މި ޚިދުމަތް ހދ. އައްޑޫ، ޅ. ރ. އަދި ގދ. ގައި ގާއިމުކޮށްފައިވާ ހޮސްޕިޓަލްތަކުގައި ފޯރުކޮށްދެވޭ. އަމިއްލަ ހޮސްޕިޓަލްތަކުގައި ވެސް މި ޚިދުމަތް ރާއްޖޭގައި ތިބެގެން ހޯދޭނެ،" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްގައި މިހާރުވެސް 5 އެނދުގެ އޮންކޮލޮޖީ ޔުނިޓެއް ގާއިމުކޮށް ޚިދުމަތް ދެމުންގެންދާ ކަމަށެވެ. އަދި އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގެ ވިޒިޓިންގ ކޮންސެލްޓެންޓުން ކޮންމެ މަހަކު ނުވަތަ ދެ މަހުން އެއް މަހު ރާއްޖެ ވަޑައިގެން ހުޅުމާލެ ހޮސްޕިޓަލްގައި ބަލިމީހުންނަށް ފަރުވާ ފޯރުކޮށް ދެމުންދާ ކަމަށެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ކުރިން ބަލިދެނެނުގަނެވޭ އެތައް މީހުންނަކަށް މިހާރު ވަނީ ބަލީގެ ކުރީކޮޅުގައި ބަލިދެނެގަނެވި، އަވަސްފަރުވާ ފެށުމުގައި ފުރުޞަތު ފަހިވެގެންގޮސްފައި ކަމަށެވެ.
މީގެ އިތުރުން އާސަންދައިގެ ދަށުން ކެންސަރު ބައްޔަށް ފަރުވާ ހޯދާ ފަރާތްތައް ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރާ ހޭދައަކީ ބޮޑު ހޭދައެއް ނަމަވެސް، މި ހޭދައިގެ ސަބަބުން ލިބޭ އެންމެ ބޮޑު އުފަލަކީ، ބަލީގެ ކުރީކޮޅު އަވަސްފަރުވާ ލިބި، އެތައް ދިވެހި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރެވި، މިއަދު އެ ފަރާތްތައް ޢާއިލާތަކާއެކު ދުޅަހެޔޮކަން މަތީ ދިރިއުޅެމުންދާކަން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"މިއީ ދައުލަތުން ކުރާ ހޭދައަށް ވުރެ މާ އަގުބޮޑު ނަތީޖާއެއް. ސަރުކާރުގެ ދުރު ރާސްތާއަށް އަމާޒަކީ، މި ބޮޑު ހޭދަ ރާއްޖެއިން ބޭރަށް ކުރުމުގެ ބަދަލުގައި، ރާއްޖޭގައި ކެންސަރ ހޮސްޕިޓަލެއް ގާއިމުކޮށް، ޕެޓް ސްކޭން ފަދަ ޚިދުމަތްތައް ފުޅާކުރުން. ރޭޑިއޭޝަން ތެރަޕީ ފަދަ ޚިދުމަތްތައް ގާއިމުކުރުން. ރޭޑިއޭޝަން ތެރަޕީ ވަކި ޚިދުމަތެއްގެ ގޮތުގައި 2025 ވަނަ އަހަރު 74 މީހަކު ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައިވޭ. މި ހޮސްޕިޓަލްގެ މަސައްކަތް ނިމުމުން ރައްޔިތުން އުފުލަންޖެހޭ ތަކުލީފު ކުޑަވެ ދައުލަތުގެ ބަޖެޓަށް ލުއިވެ، އަދި އެންމެ މުހިންމު ކަމެއްގެ ގޮތުގައި، ރާއްޖޭގައި ތިބެގެން ފެންވަރު ރަނގަޅު ފަރުވާ ކަށަވަރުވެގެންދާނެ. މި ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރެވެމުން. އަދި ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ފެއްޓުމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް ވަނީ ވަމުން،" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގައި މަރުވާ މީހުންގެ ނިސްބަތަށް ބަލާއިރު، އެންމެ ގިނައިން މަރުވާ މައިގަނޑު ސަބަބަކީ، ހިތުގެ ބަލިތައް ކަމަށެވެ. އެގޮތުން ހިތުގެ ލޭހޮޅިތައް ބެދުމާއި، ހާޓް ފެއިލިއަރ އަދި ހިތުގެ އެކި ބަލިތަކަށް ފަރުވާހޯދާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވެގެންދާދިއުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިއީ މީގެކުރީގައި ރާއްޖެއިން ބޭރުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ފަރުވާހޯދަމުންދާ ބަޔަކަށް ވީނަމަވެސް، މިއަދު ދިވެހިން އެދެނީ، ދިވެހިރާއްޖޭގައި ގާއިމުކުރެވިފައިވާ ޞިއްޙީ ޚިދުމަތްތަކުގެ ތެރެއިން ފަރުވާހޯދުން ކަމަށެވެ.
އެގޮތުން ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގައި ހިތުގެ ބަލިތަކަށް ފަރުވާދޭ މައި މަރުކަޒެއްގެ ގޮތުގައި ނެޝަނަލް ކާޑިއެކް ސެންޓަރ މަސައްކަތްކުރަމުންދާއިރު، 2016 އިން 2025 އަށް ކެތްލެބް ތަފާތު ހިސާބުތަކުގައި ގާއިމްކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް މީގެކުރިން ފޮނުވަމުންދާ މީހުންގެ ތެރެއިން އެތައް ބަޔަކު ރާއްޖޭގައި ތިބެގެން ޚިދުމަތް ހޯދަމުންގެންގޮސް، 2024 އިން 2025 ވަނަ އަހަރު އެކަނި ވެސް ހިތުގެ ބަލިތަކަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް 44 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތުން ހޭދަކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.