ENGLISH
08 ޖުލައި 2026
މި ސަރުކާރުގެ އެންމެ މުހިއްމު އެއް މަސައްކަތަކީ ކެންސަރު ދެނެގަތުމުގެ ހިދުމަތް ފުޅާކުރުން: ވަޒީރު ގީލާ
08 ޖުލައި 2026
|
ހެލްތް މިނިސްޓަރ ގީލާ އަލީ މަޖިލީހުގެ ޖަލްސާގައި މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަނީ - ފޮޓޯ: މަޖިލިސް
އެންމެ މަޤްބޫލު
ކެންސަރު ބައްޔާ ދެކޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރި އެންމެ މުހިންމު އެއް މަސައްކަތަކީ، ކެންސަރު ސްކްރީނިންގ ނުވަތަ ބަލި ދެނެގަތުމުގެ ޚިދުމަތް މާލެއާއި އަތޮޅުތެރެއަށް ފުޅާކުރެއްވުން ކަމަށް ހެލްތް މިނިސްޓަރ ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރުދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ގީލާ ވިދާޅުވީ ފާއިތުވި 3 އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ މީހުން ރާއްޖެއިން ބޭރަށް ފޮނުވިފައިވަނީ އޮންކޮލޮޖީ ނުވަތަ ކެންސަރު ބަލީގެ ފަރުވާތަކަށާއި، ބަލީގެ ބާވަތުން ހަދަންޖެހޭ ކޮމްޕްލެކްސް ޓެސްޓުތައް ހެދުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 2023 ވަނަ އަހަރު 1638 މީހުން ވަނީ ކެންސަރުގެ ފަރުވާ ހޯދމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަމަށާއި، 2024 ވަނަ އަހަރު މި އަދަދު 1996 އަށް އިތުރުވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ 2025 ވަނަ އަހަރު މި އަދަދު 2002 މީހުންނަށްވުރެ އިތުރުވިކަމަށެވެ. މީގެތެރޭގައި މުޅިން އަލަށް ފޮނުވުނު މީހުންނާއި ބަލީގެ ބާވަތުން ތަކުރާރުކޮށް ފޮނުވިފައިވާ މީހުންވެސް ހިމެނޭކަން ފާހަގަކުރެއްވިއެވެ. އަދި އަވައްޓެރި ޤައުމުތަކުގައި ދިރިއުޅެމުންދާ ދިވެހިން ވެސް މީގެތެރޭގައި ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.
"ކެންސަރު ބައްޔަކީ ނުރައްކާތެރި ބައްޔެއް ނަމަވެސް، މިއީ ބަލީގެ ކުރީކޮޅު ދެނެގަނެވިއްޖެ ނަމަ، ފަރުވާކުރެވި، ފުރާނަ ސަލާމަތްކުރެވޭނެ ބައްޔެއް. އެގޮތުން، މި ސަރުކާރުން ކުރި އެންމެ މުހިންމު މަސައްކަތަކީ، ކެންސަރު ސްކްރީނިން ނުވަތަ ބަލި ދެނެގަތުމުގެ ޚިދުމަތް މާލެއާއި އަތޮޅުތެރެއަށް ފުޅާކުރުން. އެގޮތުން، އުރަމަތީގެ ކެންސަރު ތަޙުލީލުކުރުމުގެ ގޮތުން މާލެ ސަރަހައްދާއި، ރާއްޖޭގެ ފަސް ރީޖަނަލް ހޮސްޕިޓަލްގައި އިތުރުން، ފުވައްމުލަކު ހޮސްޕިޓަލާއި އަދި ބ. އަތޮޅު ހޮސްޕިޓަލްގައި ވަނީ މެމޯގުރަފީގެ ޚިދުމަތް ގާއިމުކުރެވިފަ. އަދި މިހާތަނަށް 750 މީހުން ވަނީ މި ޚިދުމަތް ރާއްޖޭގައި ތިބެގެން ހޯދާފައި،" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ށ. އަތޮޅު ހޮސްޕިޓަލާއި، ހއ. އަތޮޅު ހޮސްޕިޓަލާއި، ގއ. އަތޮޅު ހޮސްޕިޓަލްގައި މި ޚިދުމަތް ގާއިމުކުރުމަށް ދަނީ މަސައްކަތްކުރަމުން ކަމަށެވެ. އަދި ހުރިހާ އަތޮޅުތަކެއް ހޮސްޕިޓަލްތަކެއްގައި މި ޚިދުމަތް ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ.
މީގެއިތުރުން، ރަހިމްގެ ދޮރަށް ޖެހޭ ކެންސަރު ބަލައި، ތަހުލީލުކުރުމަށް ހަދާ ޓެސްޓުތައް ހުރިހާ އަތޮޅެއްގައި ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށާއި، ކެންސަރު ބައްޔަށް ދެވޭ ކީމޯ ތެރަޕީގެ ޚިދުމަތަކީ ވެސް މިހާރު ރާއްޖޭގައި ތިބެގެން ހޯދޭ ފަރުވާއެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިގޮތުން، 2025 ވަނަ އަހަރު ކީމޯ ތެރަޕީގެ ޚިދުމަތް އެއް ފަރުވާއެއްގެ ގޮތުގައި ރާއްޖެއިން ބޭރުން ހޯދާފައި ވަނީ އެންމެ 39 މީހުން. ކީމޯތެރަޕީގެ ޚިދުމަތް ގާއިމުކުރެވިފައިވާ އައި.ޖީ.އެމް.އެޗާ ހުޅުމާލޭ ހޮސްޕިޓަލުގައި 9 އެނދު، މިކަމަށް ޚާއްޞަކުރެވިފައިވާއިރު، ހުޅުމާލޭ ހޮސްޕިޓަލުން އެކަނި 2025 ވަނަ އަހަރު 655 މީހުން ވަނީ މި ޚިދުމަތް ހޯދާފަ. އަދި މި ޚިދުމަތް ހދ، އައްޑޫ، ޅ، ރ އަދި ގދ ގައި ގާއިމުކޮށްފައިވާ ހޮސްޕިޓަލްތަކުގައި ފޯރުކޮށްދެވޭ. އަމިއްލަ ހޮސްޕިޓަލްތަކުގައި ވެސް މި ޚިދުމަތް ރާއްޖޭގައި ތިބެގެން ހޯދޭނެ. އިތުރަށް ދަންނަވާލަން އޮތީ، ހުޅުމާލެ ހޮސްޕިޓަލްގައި މިހާރުވެސް އޮންކޮލޮޖީ ޔުނިޓެއް ފަސް އެނދުގެ ގާއިމުކޮށް ޚިދުމަތް ދެމުންގެންދާ ވާހަކަ. އަދި އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގެ ވިޒިޓިންގ ކޮންސެލްޓެންޓުން ކޮންމެ މަހަކު ނުވަތަ ދެ މަހުން އެއް މަހު ރާއްޖެ ވަޑައިގެން ހުޅުމާލެ ހޮސްޕިޓަލްގައި ބަލިމީހުންނަށް ފަރުވާ ފޯރުކޮށް ދެމުންދޭ،" މިނިސްޓަރ ވިދާޅުވިއެވެ.
މިކަމުގެ ނަތީޖާއެއްގެ ގޮތުން ކުރިން ބަލިދެނެނުގަނެވޭ އެތައް މީހުންނަކަށް މިހާރު ވަނީ ބަލީގެ ކުރީކޮޅުގައި ބަލިދެނެގަނެވި، އަވަސްފަރުވާ ފެށުމުގައި ފުރުޞަތު ފަހިވެގެންގޮސްފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަަވާލުވެވަޑައިގެން، ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއެކު، އެ ދާއިރާގައި މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން ބަލިތައް ދެނެގަތުމުގެ ޚިދުމަތް އަތޮޅު ތެރޭގައި ފުޅާކުރެއްވުމަށް ހުރިހާ ރަށެއްގައި ލެބޯޓަރީ ގާއިމުކުރުމާއި، އަތޮޅު ހޮސްޕިޓާތަކާއި ސަރަހައްދީ ހޮސްޕިޓާތަކުން ކުރިން ނުލިބޭ ތަފާތު ޚިދުމަތްތައް ތައާރަފުކުރުމުގެ ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ކެންސަރު ބަލި ދެނެގަތުމުގެ ހިދުމަތަކީވެސް މި ސިޔާސަތުގެ ތެރެއިން އަތޮޅުތެރޭގައި ތައާރަފުކުރެވި ފުޅާކުރެވެމުންދާ ޚިދުމަތެކެވެ.