ENGLISH
08 ޖުލައި 2026
ސިއްހީ ބަޖެޓް އަހަރަކަށްވުރެ އަހަރެއް ބޮޑުކުރަނީ އެއީ ދުޅަހެޔޮ އާބާދީއަކަށް ކުރާ އިންވެސްޓްމަންޓެއްކަމަށް ދެކެވަޑައިގަންނަވާތީ: މިނިސްޓަރ ގީލާ
08 ޖުލައި 2026
|
ހެލްތް މިނިސްޓަރ ގީލާ އަލީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުގެ ސުވާލަށް ޖަވާބުދެއްވަނީ - ފޮޓޯ: މަޖިލިސް
އެންމެ މަޤްބޫލު
ބަޖެޓުގައި ސިއްހީ ދާއިރާއަށް އެންމެ ބޮޑު ބަޖެޓެއް މިސަރުކާރުން ހިމަނައި އަހަރަކަށްވުރެ އަހަރެއް ބަޖެޓް ބޮޑުކުރަމުންދަނީ ރައްޔިތުންގެ ސިއްހީ ފަރުވާއަށް ކުރާ ހޭދައަކީ ފައިސާއިން އަގުމަގު ކުރެވޭނެ އެއްޗަކަށްވުރެ ބޮޑަށް ދުޅަހެޔޮ އާބާދީއަކަށް ކުރާ އިންވެސްޓްމަންޓެއްކަމަށް ދެކެވަޑައިގަންނަވާތީ ކަމަށް ހެލްތް މިނިސްޓަރ ގީލާ އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ގީލާއަލީ މިފަދައިން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ޖަވާބުދެއްވަމުންނެވެ.
މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން ހެލްތް މިނިސްޓަރ ގީލާ ވިދާޅުވީ ރައްޔިތުންގެ ޞިއްޙަތު ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތުކަމަށެވެ. އަދި ދައުލަތުން ރައްޔިތުންގެ ޞިއްޙީ ފަރުވާއަށް ކުރާ ހޭދައަކީ، ފައިސާއިން އަގުމަގު ކުރާ އެއްޗަކަށް ވުރެ ބޮޑަށް ދެކެވަޑައިގަންނަވަނީ އެއީ ދުޅަހެޔޮ އުފެއްދުންތެރި އާބާދީއެއް ބިނާކުރުމަށްޓަކައި ދައުލަތުން ކުރާ އެންމެ މުހިންމު، އެންމެ ބޭނުންތެރި އިންވެސްޓްމަންޓު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މި ދައުރުގައި ސަރުކާރުން އެކުލަވައިލާ ބަޖެޓުގައި އެންމެ ބޮޑު ޚަރަދެއް ކުރުމަށް ކަނޑައަޅާފައި ވެސް ވަނީ ރައްޔިތުންގެ ދުޅަހެޔޮ ސިއްހަތަށް ކަމަށެވެ. އެގޮތުން 2024 ވަނަ އަހަރު އެކުލަވައިލި ބަޖެޓުގައި 1.7 ބިލިއަން ރުފިޔާ ބަޖެޓް ކުރެވުނު އިރު، 2026 ވަނަ އަހަރަށް މި އަދަދު ވަނީ 1.9 ބިލިއަން ރުފިޔާއަށް އިތުރުކުރެވިފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ބަޖެޓް އިތުރުކުރުމުގެ ސަބަބަކީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބޭނެ ރައްޔިތެއްކަން ކަށަވަރުކޮށް، އެކަންކަމަށް މަގުފަހިކޮށްދެއްވުން ކަމަށެވެ.
"ފާއިތުވި 3 އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު، އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވޭ މީހުންގެ އަދަދު ވަނީ މަދުކުރެވިފަ. އެގޮތުން، 2023 ވަނަ އަހަރާ އަޅާބަލާ އިރު، 2025 ވަނަ އަހަރުގެ ނިޔަލަށް 338 މީހުންގެ މަދުވުން ހިސާބުތަކުން ދައްކާ. އެހެންނަމަވެސް، މިއައި ބޮޑެތި ތަފާތު ބޮޑުތަނުން ނުފެންނަ މައިގަނޑު ސަބަބަކީ، ކެންސަރު ބަލިތަކަށް ރާއްޖެއިން ބޭރަށް ފޮނުވޭ ބަލިމީހުންގެ އަދަދު އިތުރުވަމުން އައިސްފައިވާތީ. އެގޮތުން، 2023 ވަނަ އަހަރާއި އަޅާބަލާއިރު، 2025 ވަނަ އަހަރު 487 މީހުން ވަނީ ކެންސަރާ ގުޅުންހުރި ކަންކަމުގައި ރާއްޖެއިން ބޭރުން ފަރުވާ ހޯދާފަ. ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވޭ ކަންކަމުގެ ތެރެއިން، ކެންސަރު ބައްޔަށް ފަރުވާ ހޯދަން ފޮނުވި ފަރާތްތައް އުނިކޮށްފައި، ދެން ރިފަރކުރެވޭ ޚިދުމަތްތަކަށް ބަލާ ކަމަށް ވާނަމަ، ރާއްޖެއިން ބޭރަށް ފޮނުވިފައިވާ އަދަދު 2023 ވަނަ އަހަރާ އަޅާބަލާ އިރު، 2025 ވަނަ އަހަރު 821 މީހުން ވަނީ މަދުވެފައި" - ހެލްތް މިނިސްޓަރ ގީލާ އަލީ
މިނިސްޓަރ ވިދާޅުވީ މިއީ ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމާއި، ރާއްޖޭގައި ހުރެގެން ބޭސްފަރުވާއަށް ކުރެވޭނެ ލުއިފަސޭހަ ގޮތްތައް ފަހިކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ދައްކާ ކަންކަން ކަމަށެވެ. އަދި ރާއްޖެއިން ބޭސްފަރުވާއަށް އާސަންދަ ސްކީމުގެ ދަށުން ބަލިމީހުން ފޮނުވަންޖެހޭ މައިގަނޑު ބޭނުމަކީ، ރާއްޖޭގައި މި ވަގުތު ދެވެން ނެތް ސްޕެޝަލިސްޓް ފަރުވާތަކާއި، ބޮޑެތި އޮޕަރޭޝަންތަކާއި، އަދި ކެންސަރާއި ނާރުގެ ބަލިތަކަށް ބޭނުންވާ ޚާއްޞަ ޚިދުމަތްތައް ހޯދުމަށް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިއީ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އަދި ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޚިދުމަތެއް ކަމަށެވެ. އެހެންކަމުން، ރާއްޖެއިން ބޭރަށް ފޮނުވައިގެން ހޯދާ ކޮންމެ ޞިއްޙީ ޚިދުމަތަކީ ވެސް އާއްމު ދިވެހި ރައްޔިތު މީހާގެ ޞިއްޙަތާ ގުޅިލާމެހިފައިވާ ފަރުވާއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.