ENGLISH
08 ޖުލައި 2026
ތާރީހީ އަދަދެއް: ސިއްހީ ދާއިރާގެ 166 އުމްރާނީ މަޝްރޫއު ބާރަށް ކުރިއަށް
08 ޖުލައި 2026
|
ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ މއިަދުގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ؛ މަޖިލިސް އިދާރާ.
އެންމެ މަޤްބޫލު
މުޅި ރާއްޖޭގައި ސިއްހީ ދާއިރާގެ 166 އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އެކި މަރުހަލާތަކުގައި މިހާރުވެސް ކުރިއަށްދާކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސިއްހީ ދާއިރާގައި ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.
ވަޒީރު ވިދާޅުވީ ސިއްހީ ދާއިރާއަކީ މިހާރުވެސް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އެންމެ ގިނަ އަދަދަކަށް ހިނގާ އެއް ދާއިރާކަމަށެވެ. އެގޮތުން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ދާއިރާގެ 166 އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އެކި މަރުހަލާތަކުގައި ހިނގަމުންދާކަމަށް ވިދާޅުވިއެވެ.
"މި މަޝްރޫއުތަކުގެ ތެރޭގައި ސަރުކާރުން ސީދާ ފައިސާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުތަކާއި ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުތައްވެސް މީގެ ތެރޭގައި ހިމެނޭ،". ވަޒީރު ވިދާޅުވިއެވެ.
މި އިން ކޮންމެ މަޝްރޫއަކީ ސިއްހީ އިތުރު ކުރިއެރުންތައް އެރަށަކަށް ގެނެސްދޭނެ މަޝްރޫއުތަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
"އޭގެ ތެރޭގައި އެމްއާރްއައި މެޝިން ބެހެއްޓުމަށްޓަކައި އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، މުވައްޒަފުން ހަމަޖެއްސުމާއި، ދަތުގެ ފަރުވާއާއި ޑަޔަލަސިސްގެ ފަރުވާ ނުދެވި ހުރި ރަށްތަކުގައި އެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތްތަކާއި، ސީޓީ ސްކޭން ގާއިމުކޮށްދިނުމާއި މިކަންކަން ދަނީ ކުރިއަށް." - ހެލްތް މިނިސްޓަރ ގީލާ އަލީ
ވަޒީރު ވިދާޅުވީ މިއީ ރައްޔިތުންނަށް ފުރިހަމަ ސިއްހަތެއް ކަށަވަރުކޮށްދިނުމަށް ކޮންމެހެން ބޭނުންވާ ގާއިމުކޮށްދެންޖެހޭ ހިދުމަތްތަކެއްކަމަށެވެ.
ސިއްހީ ދާއިރާގެ ބިނާރުތައް ހަރުދަނާކުރުމަށްޓަކައި މުޅި ރާއްޖޭގައި މަޝްރޫއުތައް ކުރިއަށްގެންދާކަން ވަޒީރު ހާމަކުރެއްވިއިރު ސިއްހީ ދާއިރާއަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާއެވެ. މި އަހަރުގެ ބަޖެޓުގައިވެސް އެންމެ ބޮޑު އިސްކަމެއްދީފައި އޮތީ އަދި އެންމެ ގިނަ ފައިސާ ހަމަޖައްސާފައިވަނީ ސިއްހީ ދާއިރާގެ މަޝްރޫއުތަކާއި ޕްރޮގުރާމުތަކަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ސިއްހީ ދާއިރާއިން ކުރިއަށްގެންދާ މަޝްރޫއުތައް ނިންމާނެ ގޮތުގެ ތާވަލެއް އެކުލަވައިލައްވާފައިވާ ކަމަށް ވިދާޅުވެފައެވެ. އެ ތާވަލު އެކުލަވައިލައްވާފައިވަނީ މަޝްރޫއުތަކުގެ ކުދި ބޮޑުމިނަށް ބައްލަވައިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެ މަޝްރޫއުތަކުގެ ތެރެއިން ބޮޑެތި މަޝްރޫއުތައް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމަވައިލައްވަން އަމާޒުކުރައްވާފައިވާއިރު ދެން ހުރި މަޝްރޫއުތައް އެއަށްވުރެ އަވަހަށް ނިމިގެންދާނެ ކަމުގައި ވިދާޅުވިއެވެ.