ENGLISH

06 ޖުލައި 2026

Advertisement

ތިން މަސް ފަހުން ގާނާގެ ކޯޗުގެ މަގާމުން ކުއެރޯޒް އިސްތިއުފާދީފި

06 ޖުލައި 2026

|

އިސްމާއިލް ޝާހު

ގާނާގެ ކޯޗުގެ މަގާމުން އިސްތިއުފާދިން ކާލޯސް ކުއެރޯޒް --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގެ ދެވަނަ ބުރުން ގާނާ ކަޓާފައިވާއިރު، އެ ޓީމުގެ ކޯޗުކަމާ ހަވާލުވިތާ ތިން މަސް ފަހުން ކާލޯސް ކުއެރޯޒް މަގާމުން އިސްތިއުފާދީފިއެވެ.

މިއީ އުމުރުން 73 އަހަރުގެ ކުއެރޯޒް ކޯޗެއްގެ ގޮތުގައި ވޯލްޑް ކަޕުގައި ޖެހިޖެހިގެން އިރުޝާދުދިން ފަސްވަނަ ފަހަރެވެ. އޭނާ ގާނާގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އޭޕްރީލް މަހުއެވެ. އެއީ މުބާރާތް ފެށުމަށް 72 ދުވަހަށް ވެފައި ވަނިކޮށް، ކުރީގެ ކޯޗު އޮޓޯ އެޑޯއާ ވަކިވުމާ ގުޅިގެންނެވެ.

"އަހަރެން މި މަގާމުން ވަކިވަނީ ކުރެވުނު މަސައްކަތްތަކާ މެދު ފަޚުރުވެރިވާ ހާލުގައި. އެކަމަކު މިއަށްވުރެ ބޮޑެތި ކާމިޔާބީތަކެއް ހޯދަން ބޭނުންވާ މީހެއްގެ ހިތުގައި އޮންނާނެ ފަދަ ނުތަނަވަސްކަމަކާ އެކު،" ކުއެރޯޒް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ގާނާ ވަނީ ޕެނަމާ އަތުން މޮޅުވެ، އިންގްލެންޑާ އެއްވަރުކޮށްފައެވެ. ނަމަވެސް، ގްރޫޕް އެލްގެ ފަހު މެޗުގައި ކްރޮއޭޝިއާ އަތުން ބަލިވުމުން އެ ޓީމު ގްރޫޕްގެ ތިންވަނައަށް ދިޔައީއެވެ. އެކަމަކު ތިންވަނަ ހޯދި ގަދަ 8 ޓީމުގެ ތެރޭގައި ހިމެނިގެން ދެވަނަ ބުރަށް ދަތުރުކުރިއެވެ. ނޮކްއައުޓް ބުރުގެ ފުރަތަމަ މެޗުގައި ކޮލަމްބިއާ އަތުން ގާނާ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

މީގެ ކުރިން އީރާން، ޕޯޗުގަލް އަދި މިސްރުގެ ޤައުމީ ޓީމުތަކަށް އިރުޝާދުދީފައިވާ ކުއެރޯޒް، ވޯލްޑް ކަޕުގެ ކުރިން ގާނާގެ ކޯޗެއްގެ ގޮތުގައި ހުރެ ކުޅެފައިވަނީ އެކުވެރިކަމުގެ އެންމެ މެޗެކެވެ.

ކިޔުންތެރިންގެ ހިޔާލު