ENGLISH

06 ޖުލައި 2026

Advertisement

ހާލަންޑުގެ ދެ ލަނޑާއެކު ފަސް ތަރީގެ ބްރެޒިލް ކަޓުވާލައި، ނޯވޭ ފުރަތަމަ ފަހަރަށް ކުއާޓާއަށް

06 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި ބްރެޒިލް ކޮޅަށް ލަނޑު ޖެހުމަށްފަހު ނޯވޭގެ ހާލަންޑް އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި އާލިން ބްރައުޓް ހާލަންޑް މެޗުގެ ފަހުކޮޅު ކާމިޔާބުކުރި ދެ ލަނޑާއެކު، ބްރެޒިލްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދައި، ނޯވޭއިން ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މި މެޗުން ބަލިވެ ގަދަ 16 އިން ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލް މުބާރާތާ އަލްވަދާއުކިޔަން ޖެހުނުއިރު، މިއީ 1990 ވަނަ އަހަރަށްފަހު މުބާރާތުން އެ ޓީމު އެންމެ އަވަހަށް ކަޓަންޖެހުނު ފަހަރެވެ.

ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި ފޯރިގަދަ މެޗުގައި ނޯވޭގެ ގޯލްކީޕަރު އޯލާން ނައިލަންޑް ވަނީ އާދަޔާ ޚިލާފު މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލްގެ ބްރޫނޯ ގިމަރައެސް ފޮނުވާލި ޕެނަލްޓީ އޭނާ ދިފާއުކުރިއިރު، މެޗުގެ ފަހު 11 މިނެޓުގެ ތެރޭގައި ހާލަންޑް ޖެހި ދެ ލަނޑުން ނޯވޭއަށް ކުރިލިބުނެވެ. ބްރެޒިލްގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ނޭމާއެވެ.

ވޯލްޑް ކަޕުގައި ބްރެޒިލް އާއި ނޯވޭ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު ހާލަންޑް ވަނީ މުބާރާތުގައި ޖުމްލަ ހަތް ލަނޑު ހަމަކޮށް، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އުޅޭ އާޖެންޓީނާގެ ލިއޮނެލް މެސީ އާއި ފްރާންސްގެ ކީލިއަން އެމްބާޕޭއާ އެއްވަރުކޮށްފައެވެ. ކުއާޓާ ފައިނަލުގައި ނޯވޭ ބައްދަލުކުރަން ޖެހޭނީ މެކްސިކޯ ނުވަތަ އިންގްލެންޑާއެވެ.

ވޯލްޑް ކަޕް ކާމިޔާބުނުކުރެވި ހޭދަވި 24 އަހަރުގެ މެދުކެނޑުމަށް ނިމުމެއް ގެނައުމަށް ކާލޯ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން ނުކުތް ބްރެޒިލަށް، މިއީ ވިދިވިދިގެން ޔޫރަޕުގެ ޤައުމެއް އަތުން ބަލިވެ މުބާރާތުން ވަކިވާންޖެހުނު ހަވަނަ ފަހަރެވެ. އަދި ބްރެޒިލް ކުއާޓާ ފައިނަލަށް ނުގޮސް މުބާރާތުން ވަކިވާންޖެހުނު މިއީ ފާއިތުވި 36 އަހަރު ތެރޭގައި ފުރަތަމަ ފަހަރެވެ.

ވޯލްޑް ކަޕުގައި ބްރެޒިލް އާއި ނޯވޭ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

މެޗުގެ ފެށުން ނޯވޭއިން ވަރުގަދަކުރިއިރު، ތިންވަނަ މިނެޓުގައި ޕެޓްރިކް ބާގް ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. އޭގެ ފަހުން ބްރެޒިލަށް ޕެނަލްޓީއެއް ލިބުނީ ނޯވޭގެ ކްރިސްޓޮފާ އަޔާ، މަތިއަސް ކޫންޔާއަށް ކުރި ފައުލަކާ ގުޅިގެންނެވެ. ރެފުރީ އިސްމާޢީލް އެލްފާތު ފުރަތަމަ ޕެނަލްޓީއެއް ނޫންކަމަށް ނިންމި ނަމަވެސް، ވީއޭއާރުގެ އެހީތެރިކަމާއެކު އެ ނިންމުން ބަދަލުކުރިއެވެ. ނަމަވެސް ގިމަރައެސް ފޮނުވާލި ޕެނަލްޓީ ކީޕަރު ނައިލަންޑް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފުގައި ބްރެޒިލަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، ނައިލަންޑް ވަނީ މާޓިނެލީ އާއި ވިނީޝިއުސް ޖޫނިއަރ ފޮނުވާލި ނުރައްކާތެރި ހަމަލާތައް ހުއްޓުވާފައެވެ. އަނެއްކޮޅުން ހާލަންޑުގެ ބާރުގެ ބޭނުންކޮށްގެން ނޯވޭއަށް ހުސް ފުރުސަތެއް ތަނަވަސްކޮށްދިން ނަމަވެސް، ކެޕްޓަން މާޓިން އޮޑެގާޑް ފޮނުވާލި ބޯޅަ ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފައެވެ.

ވޯލްޑް ކަޕުގައި ބްރެޒިލް ކޮޅަށް ލަނޑު ޖެހުމަށްފަހު ނޯވޭގެ ހާލަންޑް އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ދެވަނަ ހާފުގައި ބްރެޒިލުން ނޭމާ އާއި އެންޑްރިކް ފަދަ ކުޅުންތެރިން ކުޅެން އެރުވި ނަމަވެސް، ނޯވޭގެ ޑިފެންސާއި ކީޕަރު ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މެޗުގެ ފުރަތަމަ ލަނޑު ނޯވޭއިން ކާމިޔާބުކުރީ 83 ވަނަ މިނެޓުގައި ޝެލްޑަރަޕް ނަގައިދިން ހުރަހަކުން ހާލަންޑް ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. އަދި 90 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ހާލަންޑް ވަނީ ނޯވޭގެ ދެވަނަ ލަނޑު ޖަހައި ކާމިޔާބީ ކަށަވަރުކޮށްދީފައެވެ.

މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ނޭމާ ޕެނަލްޓީއަކުން ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، ބްރެޒިލް މުބާރާތުން ކެޓުން ހުއްޓުވޭ ގޮތެއް ނުވިއެވެ. މިއީ ނޯވޭގެ ފުޓްބޯޅަ ތާރީޚުގައި ލިޔެވިގެންދާނެ ފަޚުރުވެރި ކާމިޔާބީއެކެވެ.

ކިޔުންތެރިންގެ ހިޔާލު