ENGLISH

06 ޖުލައި 2026

Advertisement

ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޑަމްފްރީސް ރެއާލް މެޑްރިޑަށް

06 ޖުލައި 2026

|

އިސްމާއިލް ޝާހު

ނެދަލެންޑްސްގެ ފުލްބެކް ޑެންޒެލް ޑަމްފްރީސް --- ފޮޓޯ: ރޮއިޓަރސް

އިންޓަރ މިލާނަށް ކުޅެމުން އައި ނެދަލެންޑްސްގެ ފުލްބެކް ޑެންޒެލް ޑަމްފްރީސް، ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ރެއާލް މެޑްރިޑާ ގުޅިފައިވާކަން އެ ކުލަބުން ހާމަކޮށްފިއެވެ.

މި ޓްރާންސްފާގެ މާލީ ތަފުސީލުތައް ދެ ކުލަބުން ހާމަކޮށްފައި ނުވި ނަމަވެސް، މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ރެއާލް މެޑްރިޑުން އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ ހޯދާފައިވަނީ އޭނާގެ ކޮންޓްރެކްޓުގައިވާ 20 މިލިޔަން ޔޫރޯ (22.9 މިލިޔަން ޑޮލަރު) ގެ ރިލީޒް ފީއެއް ހަމަޖެއްސުމަށްފަހުއެވެ.

2021 ވަނަ އަހަރު ޕީއެސްވީ އިންދޯވަންއިން އިންޓަރ މިލާނާ ގުޅުނު ޑަމްފްރީސް، އެ ކުލަބުގައި ފަސް ސީޒަން ހޭދަކުރުމަށްފަހު ވަކިވިއިރު، އޭނާ ވަނީ އިޓަލީގެ ކުލަބަށް ޖުމްލަ 207 މެޗު ކުޅެދީ، 27 ލަނޑު ޖަހައި 28 އެސިސްޓް ހަދާފައެވެ.

ނެދަލެންޑްސްގެ ޤައުމީ ޓީމަށް ކުޅެމުން އަންނަ ޑަމްފްރީސް ވަނީ އިންޓަރ މިލާނާއެކު އަށް ތަށި ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި އިޓާލިއަން ލީގުގެ ދެ ތައްޓާއި، ތިން ކޮޕާ އިޓަލިއާ ހިމެނެއެވެ. ވަކިން ޚާއްސަކޮށް، ނިމިދިޔަ ސީޒަނުގައި ލީގާއި ކޮޕާ އިޓަލިއާ ކާމިޔާބުކޮށް، އިންޓަރ މިލާނުން ހޯދި "ޑޮމެސްޓިކް ޑަބަލް" ކާމިޔާބީގައި އޭނާ މުހިންމު ދައުރެއް އަދާކުރިއެވެ.

މިއީ މި ޓްރާންސްފާ ބާޒާރުގައި ރެއާލް މެޑްރިޑުން ސޮއި ހޯދި ހަތަރުވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އެ ކުލަބުން ވަނީ މާކް ކުކުރެޔާ، ބެނާޑޯ ސިލްވާ އަދި އިބްރާހިމާ ކޮނާޓޭ ގެނެސްފައެވެ. ރެއާލުން ޓީމު ވަރުގަދަކުރުމުގެ މަސައްކަތް މި ފެށީ ސްޕެނިޝް ލީގުގެ ތަށި ގެއްލި، ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ކެޓުމާ ގުޅިގެން ނިމިދިޔަ ސީޒަނުގައި ކުރިމަތިވި މާޔޫސްކަމުން އަރައިގަތުމަށެވެ.

ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް، އޭނާގެ އިންތިޚާބީ ކެމްޕޭނުގައި ޓީމުގެ ޑިފެންސް ވަރުގަދަކުރާނެ ކަމަށް ވެވަޑައިގެންނެވި ވައުދުގެ ދަށުން، ޑަމްފްރީސްއަކީ އެންމެ އިސްކަންދީގެން ހޯދަން ބޭނުންވި އެއް ކުޅުންތެރިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު