ENGLISH
06 ޖުލައި 2026
ޔޫތު ޗެމްޕިއަންޝިޕް: ބުރު ސްޕޯޓްސް ބަލިކޮށް މާޒިޔާ ތާވަލުގެ ކުރިއަށް
06 ޖުލައި 2026
|
ޔޫތު ޗެމްޕިއަންޝިޕުގައި ބުރު ސްޕޯޓްސް އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: މާޒިޔާ
އެންމެ މަޤްބޫލު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް 2026 ގައި ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް، ތާވަލުގެ އެއްވަނައަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަލުން ޖެހިލައިފިއެވެ.
މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގައި ހަ ޓީމެއް ވާދަކުރާއިރު، އެ ޓީމުތަކަކީ ބުރު ސްޕޯޓްސް އާއި، މާޒިޔާގެ އިތުރުން ޓީސީ ސްޕޯޓްސް ކުލަބާއި، އޮޑި ސްޕޯޓްސް ކުލަބާއި، ކެޔޮދޫ އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. ލީގު އުސޫލުން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، ފައިނަލަށް ދަތުރުކުރާނީ ލީގު ބުރު ނިމޭއިރު އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ.
ޤައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުން މާޒިޔާ މޮޅުވީ ބުރު ސްޕޯޓްސް އަތުން ފަސޭހަކަމާއެކު 7-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބުރު ސްޕޯޓްސްގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން ހަތަރު ލަނޑު ޖެހިއިރު، އާއިދު މުޙައްމަދު ޖަވީޒް ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ އަނޫފް އަބްދުﷲ އެވެ. މި މެޗުގައި ބުރު ސްޕޯޓްސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ އަރުހަމް އަމްޖަދެވެ.
މި މޮޅާއެކު ތާވަލުގެ އެއްވަނައަށް މާޒިޔާ އަލުން ޖެހިލީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އޮޑި ސްޕޯޓްސްއަށްވެސް ހަތް ޕޮއިންޓް ލިބިފައިވާއިރު، މާޒިޔާއަށް ކުރި ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. އަދި ރޭގެ މެޗުން ބަލިވި ބުރު ސްޕޯޓްސް އޮތީ ތިންވަނައިގައި، ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ކެޔޮދޫ އާއި ނިއު ރޭޑިއަންޓެވެ.