ENGLISH

06 ޖުލައި 2026

Advertisement

ވޯލްޑް ކަޕުގައި އާދަޔާޚިލާފު މޮޅު ކުޅުމެއް ދެއްކި ކާބޯ ވާޑޭ ޓީމަށް އެ ޤައުމުން ހޫނު މަަރުހަބާއެއް

06 ޖުލައި 2026

|

އިސްމާއިލް ޝާހު

ކާބޯ ވާޑޭގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް، އެ ޤައުމުން ހޫނު މަރުހަބާއެއް ކިޔަނީ --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގައި އާދަޔާޚިލާފު މޮޅު ކުޅުމެއް ދެއްކުމަށްފަހު އެނބުރި ޤައުމަށް ދިޔަ ކާބޯ ވާޑޭގެ ޤައުމީ ޓީމަށް އެ ޤައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ކާބޯ ވާޑޭގެ ޤައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް މަރުހަބާ ކިޔުމަށް ވެރިރަށް ޕްރާޔާގެ އެއާޕޯޓަށާއި މަގުމައްޗަށް އެތައް ހާސް ބަޔަކު ވަނީ ޖަމާވެފައެވެ. އީދެއް ފަދަ ފޯރިގަދަ މާހައުލެއްގައި ކުރިއަށްދިޔަ މި ހަރަކާތްތަކާ ދިމާވީ، ޕޯޗުގީޒުންގެ އިސްތިއުމާރުން ކާބޯ ވާޑޭއަށް މިނިވަންކަން ލިބުނުތާ 51 އަހަރު ފުރުނު މިނިވަން ދުވަހާއެވެ.

މި ފަހަރުގެ ވޯލްޑް ކަޕަކީ ކާބޯ ވާޑޭއިން މި މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރެވެ. "ބްލޫ ޝާކްސް" ގެ ނަމުން މަޝްހޫރުވެފައިވާ މި ޓީމުން ވަނީ ކުރީގެ ޗެމްޕިއަން ސްޕެއިން އަދި އުރުގުއޭގެ އިތުރުން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗުތައް އެއްވަރުކޮށް، ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. އަދި ގަދަ 16 ގައި ލިއޮނަލް މެސީގެ އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު ބަލިވީ އިތުރު ވަގުތު ކުޅެގެން 3-2 ގެ ނަތީޖާއަކުންނެވެ.

"ބީބީސީ" އަށް ދިން އިންޓަވިއުއެއްގައި އެ ޓީމުގެ ގޯލްކީޕަރު ވޮޒީނިއާ ބުނީ، އަމިއްލަ ޤައުމުގެ ރައްޔިތުންނާއެކު މިފަދަ އުފާވެރި ވަގުތުކޮޅެއް ހޭދަކުރަން ފުރުސަތު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށެވެ. އަދި އުއްމީދު ކުރިވަރަށް ވުރެ ކުރިއަށް ނުދެވުނު ނަމަވެސް، މިހާރު އޮތީ ރައްޔިތުންނާއެކު މި ކާމިޔާބީ ފާހަގަކުރުން ކަމަށް އޭނާ ބުންޏެވެ.

އުމުރުން 40 އަހަރުގެ ވޮޒީނިއާ އަކީ މި މުބާރާތުގައި އެންމެ ބޮޑު ސަމާލުކަމެއް ހޯދި އެއް ކުޅުންތެރިޔާއެވެ. މުބާރާތުގެ ކުރިން އިންސްޓަގްރާމްގައި މަދު ހާސް ބަޔަކު ފޮލޯކުރި ނަމަވެސް، އޭނާ ދެއްކި މޮޅު ކުޅުމާއެކު މިހާރު އޭނާ ފޮލޯކުރާ މީހުންގެ އަދަދު ވަނީ 26 މިލިޔަނަށް ވުރެ މައްޗަށް އަރާފައެވެ.

ޓީމުގެ ކޯޗު ބުބިސްޓާ ބުނި ގޮތުގައި، ކާބޯ ވާޑޭއަކީ ކުޑަ ޤައުމެއް ނަމަވެސް، ދުނިޔޭގެ އެންމެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅުމުގެ ގާބިލުކަން ހުރިކަން މި މުބާރާތުން ސާބިތުކޮށްދީފައިވާ ކަމަށެވެ. މިއީ މުޅި ޤައުމަށް ލިބުނު ފަޚުރެއް ކަމަށާއި، ކުޅުންތެރިން ޤައުމު ތަމްސީލުކޮށްދިން ފުރިހަމަ ގޮތާމެދު ރައްޔިތުން ފަޚުރުވެރިވާނެ ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު