ENGLISH

06 ޖުލައި 2026

Advertisement

ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދީފި، ބެލްޖިއަމް މެޗުގައި ކުޅެވޭނެ

06 ޖުލައި 2026

|

އިސްމާއިލް ޝާހު

އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޮގަން --- ފޮޓޯ: ރޮއިޓަރސް

ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލި ނަމަވެސް، ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗުގައި އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޮގަންއަށް ކުޅެވޭނެ ކަމަށް ފީފާއިން ހާމަކޮށްފިއެވެ.

އެމެރިކާ 2-0 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި ބަލޮގަން ވަނީ އޭނާގެ މި މުބާރާތުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ނަމަވެސް، މެޗުގެ ދެވަނަ ހާފުގައި ބޮސްނިއާގެ ތާރިގު މުހަރެމޮވިޗަށް ބުރައްކާތެރި ފައުލެއް ކުރުމުން އޭނާއަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ. މިއާއެކު މެޗުގެ ބާކީ ބައި އެމެރިކާއިން ފުރިހަމަކުރަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

އުމުރުން 25 އަހަރުގެ ބަލޮގަންއަށް ރަތް ކާޑު ދެއްކީ ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހުގައެވެ. އެހެންނަމަވެސް، އެމެރިކާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނިގޮތުގައި އެއީ ދުވަހަކުވެސް ރަތް ކާޑު ދައްކަންޖެހޭ ފަދަ ފައުލެއް ނޫނެވެ.

ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބަލޮގަންއަށް ދީފައިވާ ސަސްޕެންޝަން އެއް އަހަރު ދުވަހުގެ ޕްރޮބޭޝަނަރީ މުއްދަތަކަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި މިފަދަ ނުރައްކާތެރި އިތުރު އަމަލެއް އޭނާގެ ފަރާތުން ފެނިއްޖެނަމަ، މިހާރު ފަސްކުރި ސަސްޕެންޝަން އިއާދަވާނެ ކަމަށާއި، އޭގެ އިތުރުން ކުރާ އަމަލަކަށް ދޭންޖެހޭ އަދަބުވެސް ލިބޭނެ ކަމަށް ފީފާއިން ބުންޏެވެ. ފީފާގެ ޖުޑީޝަލް ބޮޑީއަށް އަދަބުތައް ފުރިހަމައަށް ނުވަތަ ބައެއް ގޮތުން ފަސްކުރުމުގެ އިޚުތިޔާރު އޮވެއެވެ.

ފާއިން ނިންމީ އިންސާފުވެރި ނިންމުމެއް: ޓްރަމްޕް

މި ނިންމުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް "ޓްރުތު ސޯޝަލް" މެދުވެރިކޮށް ވިދާޅުވީ، ފީފާއިން ނިންމީ އިންސާފުވެރި ނިންމުމެއް ކަމަށާއި، ކުރިމަތިވި ބޮޑު ބޭއިންސާފެއް އިސްލާހުކޮށްދިނީތީ ޝުކުރު އަދާކުރާ ކަމަށެވެ. އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަނުންވެސް ވަނީ މާދަމާރޭގެ މެޗުގައި ބަލޮގަންއަށް ކުޅެވޭތީ އެކަމާ އުފާކުރާ ކަމަށް ބުނެފައެވެ.

ބަލޮގަންގެ ޓީމު ކުޅުންތެރިންނަށް މި ޚަބަރު ލިބުނީ މެޗުގެ ފަރިތަކުރުންތަކަށް ދިޔަ މަގުމަތީގައި ސޯޝަލް މީޑިއާގެ ޒަރީއާއިންނެވެ. އެމެރިކާގެ ފޯވާޑް ކްރިސްޓިއަން ޕުލިސިކް ބުނިގޮތުގައި ފުރަތަމަ އެއީ ހަގީގީ ޚަބަރެއްތޯ ސުވާލު އުފެދުނު ކަމަށާއި، މިއީ މުޅި ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

މި ނިންމުމާ ގުޅޭގޮތުން ސިއެޓްލްގައި ކުޅޭ މެޗަށް ތައްޔާރުވަމުންދާ ބެލްޖިއަމް ޓީމުން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

މީގެ ކުރިން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށްވެސް ފީފާއިން ވަނީ މިފަދަ ލުޔެއް ދީފައެވެ. ނަމަވެސް ގަތަރުގެ މިޑްފީލްޑަރު އާސިމް މަދީބޯއަށް ފަސް މެޗުގެ ސަސްޕެންޝަނެއް ދީފައިވަނީ އޭނާ ކުރި ނުރައްކާތެރި ފައުލެއްގެ ސަބަބުން ކެނެޑާގެ ކުޅުންތެރިއަކަށް ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު