ENGLISH
06 ޖުލައި 2026
ރާއްޖޭގައި "ޑާޒަލެކްސް" ގެ ފޭކް އިންޖެކްޝަންތަކެއް ފެނިގެން، ޑަބްލިއުއެޗްއޯ އިން ސަމާލުވުމަށް އަންގައިފި
05 ޖުލައި 2026
|
ޑާޒަލެކްސް އިންޖެކްޝަން - ފޮޓޯ: އެވްރީވަން.އޯގަނައިޒޭޝަން
އެންމެ މަޤްބޫލު
ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ޑާޒަލެކްސް" ގެ އަސްލު ނޫން އިންޖެކްޝަންތަކެއް ރާއްޖެއިން ފެނިފައިވާތީ އެކަމަށް ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖައްމިއްޔާ (ޑަބްލިއުއެޗްއޯ) އިން އަންގައިފިއެވެ.
ޑަބްލިއުއެޗުއޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ މާކެޓުން މި ބޭހުގެ ފޭކް ބެޗްތަކެއް ފެނިފައިވާ ކަމުގެ މައުލޫމާތު އެ ޖަމްއިއްޔާއަށް ލިބިފައިވާ ކަމަށެވެ.
މި ބޭހުގެ އަސްލު ނޫން އިންޖެކްޝަންތައް ދައުރުވަމުންދާތީ، އޭގެ ސަބަބުން ބަލިމީހުންގެ ސިއްހަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެ ޖަމިއްޔާއިން ދީފައިވެއެވެ. ޑަބްލިއުއެޗްއޯ އިން ބުނީ، ބޭހުގެ އަސްލު ނޫން މާއްދާތައް ހުރުމުގެ ސަބަބުން ބަލިމީހާއަށް ދޭންޖެހޭ ފަރުވާ ފުރިހަމަ ނުވުމާއި، އިތުރު ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އޮންނަ ކަމަށެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް މިހާރު އަންނަނީ މި މައްސަލަ އިތުރަށް ބަލައި، ބޭސް ވިއްކާ ފަރާތްތަކާއި ހޮސްޕިޓަލްތަކުން މި ބޭހުގެ ބެޗް ނަންބަރުތަކަށް ސަމާލުވުމަށް އިރުޝާދު ދެމުންނެވެ. އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބޭސް ބޭނުންކުރުމުގެ ކުރިން އޭގެ ޕެކޭޖިންގ އާއި ލޭބަލްގައި ހުންނަންޖެހޭ ކަންކަން ހުރިތޯ ޔަޤީންކުރުމަށް އަންގާފައިވެއެވެ.
މި ބާވަތުގެ ފޭކް ބޭސްތައް ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށާއި، މިހާރު ފެނިފައިވާ ބެޗްތައް ބާޒާރުން ނެގުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ. ޑަބްލިއުއެޗުއޯއިން ވަނީ ބޭސް ގަންނައިރު އިތުބާރު ހުރި މަސްދަރުތަކުން ނޫނީ ބޭސް ނުގަތުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. ދިވެހިރާއްޖޭގެ އިތުރުން މެކްސިކޯއިން ވެސް ވަނީ މި ފޭކް އިންޖެކްޝަންތައް ފެނިފައެވެ.
’ޑާޒަލެކްސް‘ އަކީ އާންމުކޮށް ’މަލްޓިޕަލް މައިލޯމާ‘ ނަމަކަށް ކިޔާ ކެންސަރުގެ ބާވަތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭހެކެވެ.