ENGLISH
05 ޖުލައި 2026
މެކްސިކޯގެ އެންމެ ބޮޑު ބާރަކީ ކުޅުންތެރިންގެ މެދުގައި އޮތް ބަދަހި ގުޅުން: ކޯޗު
05 ޖުލައި 2026
|
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މެކްސިކޯގެ ކޯޗު ހާވިއޭ އަގީރޭ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
މެކްސިކޯގެ އެންމެ ބޮޑު ބާރަކީ ހަމައެކަނި ހޯމް އެޑްވާންޓޭޖް ނުވަތަ ކުޅުންތެރިންގެ ވަކިވަކި ހުނަރު ނޫން ކަމަށާއި، އެއީ ކުޅުންތެރިންގެ މެދުގައި އޮތް ބަދަހި ގުޅުމާއި، ކޮންމެ ކުޅުންތެރިއަކުވެސް އަމިއްލަ އެދުމަށްވުރެ ޓީމުގެ މަސްލަހަތު އިސްކޮށް، މަޑުމައިތިރިކަމާއެކު މަސައްކަތްކުރުމުގެ ރޫހު ކަމަށް އެ ޓީމުގެ ކޯޗު ހާވިއޭ އަގީރޭ ބުނެފިއެވެ.
ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅޭ އިންގްލެންޑާ ދެކޮޅަށް މިރޭ ނުކުންނައިރު، އަގީރޭ ފާހަގަކުރި ގޮތުގައި މެކްސިކޯއިން މިހާތަނަށް ހޯދި ކާމިޔާބީތަކުގެ ސިއްރަކީ ޓީމުގެ ކުރިއެރުމަށްޓަކައި ގުރުބާންވާން ތައްޔާރަށް ތިބި ކުޅުންތެރިން ކަމަށެވެ. "އަހަރެމެން ޓީމަށް ނެގީ އަމިއްލަ ހުނަރަށްވުރެ ޓީމަށް ޚިދުމަތްކުރުމަށް އިސްކަންދޭ ކުޅުންތެރިން. ބޮޑާކަމެއް ނެތި، މަޑުމައިތިރިކަމާއެކު ޓީމަށްޓަކައި މަސައްކަތްކުރާނެ ކުޅުންތެރިން،" ނޫސްވެރިންނާ ވާހަކަދައްކަމުން އޭނާ ބުންޏެވެ.
އަގީރޭ ބުނި ގޮތުގައި، އިންގްލެންޑުގެ ވަރުގަދަ ފޯވާޑް ހެރީ ކޭންއާ ދެކޮޅަށް ކުޅޭއިރު މިފަދަ ވިސްނުމެއް ގެންގުޅުން ވަރަށް މުހިންމެވެ. އޭނާ ސިފަކުރި ގޮތުގައި އިންގްލެންޑަކީ ޖިސްމާނީ ގޮތުން ވަރުގަދަ، ހަމައެހެންމެ މޮޅު ފުޓްބޯޅައެއް ކުޅޭ ޓީމެކެވެ. އަދި އިންގްލެންޑުގެ ކެޕްޓަން ކޭން ހުއްޓުވުމަކީ ހަމައެކަނި ޑިފެންޑަރުންގެ ޒިންމާއެއްގެ ބަދަލުގައި، މުޅި ޓީމު ގުޅިގެން ކުރަންޖެހޭ މަސައްކަތެއް ކަމަށް އޭނާ ބުންޏެވެ.
"ކޭންއަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއް. ޓޮޓްނަމް ހޮޓްސްޕަރ، ބަޔާން މިއުނިކް އަދި ޤައުމީ ޓީމުގައި އޭނާ ޖަހާފައިވާ ލަނޑުތަކުން އެނގެނީ އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މީހެއްކަން،" އަގީރޭ ބުންޏެވެ. "އަހަރެމެން މަސައްކަތް ކުރާނީ އޭނާއަށް ދަނޑުމަތީގައި ފުރުސަތުތައް ހަނިކޮށް، ކުޅުން ބިނާކުރުމަށް ޖާގަ ނުދިނުމަށް."
މި މެޗުގައި މެކްސިކޯއިން އެންމެ ބޮޑަށް ބަރޯސާވާނެ އެއް ކުޅުންތެރިއަކީ އިނގިރޭސި ޕްރިމިއަރ ލީގުގެ ވުލްވްސް އަދި ފުލަމްގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ ތަޖުރިބާކާރު ފޯވާޑް ރައުލް ހިމެނޭޒް އަށެވެ. ނަމަވެސް އަގީރޭ ބުނީ ހިމެނޭޒްގެ ތަޖުރިބާއަށްވުރެ ބޮޑަށް އޭނާގެ ކިބައިގައި ހުރި އާދައިގެ ސާދާ ސިފަތައް ފާހަގަކުރެވޭ ކަމަށެވެ. "އޭނާ އުޅެނީ ޓީމުގެ އާދައިގެ ކުޅުންތެރިއެއްގެ ގޮތުގައި. ތަރިއެއްގެ ބޮޑާ ކަމެއް އޭނާގެ ކިބަޔަކު ނެތް،" އަގީރޭ ބުންޏެވެ.
ހިމެނޭޒް ބުނި ގޮތުގައި، މެކްސިކޯގެ އަޒްޓެކާ ސްޓޭޑިއަމްގައި އިންގްލެންޑާ ދެކޮޅަށް ކުޅުމަކީ ވަރަށް ޚާއްސަ ކަމެކެވެ. ނަމަވެސް، މެޗުގެ ކުރިން ޕްރިމިއަރ ލީގުގައި އޭނާއާއެކު ކުޅޭ ރަހުމަތްތެރިންނާ އެއްވެސް މެސެޖެއް ބަދަލުކޮށްފައި ނުވާނެ ކަމަށް އޭނާ ބުންޏެވެ. "މިއީ ފެށުނީއްސުރެ ނިމެންދެން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ މެޗެއް،" 35 އަހަރުގެ ފޯވާޑް ބުންޏެވެ. އޭނާވެސް ވަނީ ކޯޗުގެ ވާހަކައަށް ތާއީދުކޮށް، މުޅި މުބާރާތުގައިވެސް ޓީމުގެ އެއްބައިވަންތަކަން ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވާ ކަމަށް ބުނެފައެވެ.
ގަދަ 16 ގައި މެކްސިކޯ އާއި އިންގްލެންޑް ވާދަކުރާ މެޗު ފަށާނީ މިރޭ ފަތިހު ރާއްޖެ ގަޑިން 5 ޖަހާއިރުއެވެ.